ހަބަރު

ނައިބް މިނިސްޓަރުކަން ފަސް ބޭފުޅަކަށް ދެއްވައިފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، މިނިސްޓަރުންގެ ނައިބުގެ މަގާމަށް ފަސް ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފި
އެވެ.

އެގޮތުން ރައީސް ވަނީ ހައުސިން މިނިސްޓްރީއަށް ތިން ނައިބަކު އައްޔަން ކުރައްވާފަ އެވެ. އެފަރާތްތަކަކީ ގަލޮޅު ބަހާރީގެ، ޒުހުރުﷲ ސިޔާދާއި ގަލޮޅު މަތިހުރާ، މުހައްމަދު އާޒިމާއި ޏ. ފުވައްމުލަކު ދިގުވާނޑު ސަވާ، ހާލިޞް ޝަރީފެވެ.

މީގެ އިތުރުން ޔޫތް މިނިސްޓްރީގެ ނައިބުގެ މަގާމަށް މާފަންނު ޔުނިކޯން، މުހައްމަދު އަޒްމީލް ހަމަޖައްސަވާފައިވާއިރު، އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް އެޑްވައިޒަރުގެ މަގާމަށް ހެންވޭރު ސުނާރު ހަދީޖާ ނަސީމް ވަނީ ހަމަޖައްސަވާފަ އެވެ، އޭނާވެސް ވެސް އެމަގާމަށް ހަމަޖައްސަވާފައިވަނީ މިނިސްޓަރުގެ ނައިބުގެ ފެންވަރުގައެވެ.

ފަސް ނައިބަކު މިނިސްޓްރީތަކަށް އައްޔަން ކުރައްވާފައިވާއިރު، މިއަދު ވަނީ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ތިން ބޭފުޅަކު އައްޔަން ކުރައްވާފަ އެވެ. އެބޭފުޅުންނަކީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ފުވައްމުލަކު މާދަޑު، ވެށި، ޑރ. އަބްދުﷲ ރަޝީދު ހަސަނާއި، ހަޔާ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ހއ. ދިއްދޫ ނައިލޯނުގެ، މުހައްމަދު ހާޝިމާއި މިއެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޑޫ ހިތަދޫ ރަށްދެބައިގެ، ޑރ. އަބްދުﷲ ނަސީރެވެ.

މި ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު އަރުވާފައިވާ އިރު، މި ސަރުކާރުން އައްޔަން ކުރަން ނިންމަވާފައިވާ ސްޓޭޓް މިނިސްޓަރުންގެ އަދަދު 39 އަކަށް އަރާއިރު، ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު 50 އަށް އަރައެވެ.

ސަރުކާރުގައި އެންމެ ބޮޑު ހިއްސާއެއް އޮންނަ އެމްޑީޕީއަށް 15 ސްޓޭޓް މިނިސްޓަރުންނާއި 20 ޑެޕިއުޓީ މިނިސްޓަރުން އައްޔަން ކުރަން ފުރުސަތު ވަނީ ދީފަ އެވެ. ޖުމްހޫރީ ޕާޓީއަށް ލިބިފައިވަނީ 10 ސްޓޭޓް މިނިސްޓަރުންނާއި، 12 ޑެޕިއުޓީ މިނިސްޓަރު ޕޯސްޓެވެ.

މީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމްގެ މައުމުން ރިފޯމް މޫވްމަންޓަށް އަށް ސްޓޭޓް މިނިސްޓަރުންނާއި 10 ޑެޕިއުޓީ މިނިސްޓަރުންގެ ސްލޮޓް ވަނީ ދީފަ އެވެ. އަދި އަދާލަތު ޕާޓީއަށް ދީފައިވަނީ ހަ ސްޓޭޓް މިނިސްޓަރުންނާއި އަށް ޑެޕިއުޓީ މިނިސްޓަރުންގެ ޖާގަ އެއް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.