ހިޔާ މަޝްރޫއާއި ގެދޮރުވެރިކުރުވުން އަދި ގުޅީފަޅު ހައުސިން ޕްރެޖެކްޓް ކުރިއަށް ގެންގޮސްފައިވާ ގޮތާއި، އެމަޝްރޫއުގެ ދަށުން ފްލެޓް ދޫކޮށްފައިވާ ގޮތާމެދު ޝަކުވާ ހުށަހަޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން މިއަދު އެ ފުރުސަތު ހުޅުވާލީ، ކުރީ ސަރުކާރުން ފްލެޓް ދިން މީހުންގެ ނަންތައް ތަފްސީލާއެކު ހާމަކުރުމަށްފަހު އެވެެ.
ރައީސް އޮފީހުން ކުރި އިއުލާނެއްގައި ބުނީ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފްލެޓް ދިން ގޮތް ބެލުމަށް އެކުލަވާލި ކޮމިޓީގެ މަސައްކަތް ރައްޔިތުންގެ ބައިވެރިވުމާއެކު ކުރިއަށް ގެންދިޔުމުގެ ގޮތުން ކަމަށެވެ.
ފާއިތުވި ސަރުކާރުން ފްލެޓްތަށް ދިންގޮތް ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކޮމިޓީއެއް އުފައްދާފައިވަނީ މިދިޔަ ޑިސެމްބަރު މަހު 12 ވަނަ ދުވަހު އެވެ.
ފަސް މެމްބަރުން ހިމެނޭ އެކޮމިޓީގެ މަސްއޫލިއްޔަތަކީ ފާއިތުވި ސަރުކާރުން ހިންގި ގެދޮރުވެރިކަމުގެ މަޝްރޫއު، "ހިޔާ މަޝްރޫއު"ގެ ދަށުން ފްލެޓް ލިބިފައިވަނީ ހައްގުވެރިންނައްތޯ ބެލުމާ އެކު "ގުޅިފަޅު ހައުސިންގ ޕްރޮޖެކްޓް"ގެ ދަށުން ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓު ލިބިފައިނުވާ ފަރާތްތަކަށް ބަދަލު ދޭނެ ގޮތްތަކަކާ މެދު ކެބިނެޓަށް ލަފާއެރުވުމުގެ އިތުރުން ފްލެޓްތަކާ ގުޅޭގޮތުން ރައްޔިތުން ހުށަހަޅާފައިވާ ޝަކުވާތަށް ދިރާސާ ކުރުމެވެ.
ރައީސް އޮފީހުން މިއަދު ކުރި އެ އިއުލާނުގައި ބުނީ ފްލެޓްތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިމަހު 25 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ. އެއިއުލާނުގައި އިތުރަށް ބުނީ މެއިލް ކޮށްގެންނާއި ސިޓީ މެދުވެރިކޮށްވެސް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ.
އިއުލާނުގައި އިތުރަށް ބުނެފަ ވަނީ ޝަކުވާ ހުށަހަޅަނީ ފްލެޓަށް އެދި ފޯމް ހުށަހެޅި ފަރާތެއްގެ ހައިސިއްޔަތުން ނަމަ ޝަކުވާ ހުށަހަޅާއިރު އެކަން ހިމަނަން ވާނެ ކަމަށެވެ. އަދި ޝަކުވާ ހުށަހަޅާއިރު މަޝްރޫއުގެ ނަން، ފްލެޓަށް އެދިފައިވާ ފޯމު ނަންބަރު، ފުރިހަމަ ނަން، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު އަދި ދާއިމީ އެޑްރެސް ހިމަނަން ޖެހޭނެ ކަމަށް އިއުލާނުގައި ވަނީ ބުނެފަ އެވެ.