ހަބަރު

ޕީޕީއެމް މެންބަރުންގެ ވޯޓާއެކު ކޮމަންވެލްތާ އަލުން ގުޅެން ކޮމިޓީއިން ފާސްކޮށްފި

ރާއްޖެއިން އަލުން ކޮމަންވެލްތުގައި ބައިވެރިވުމަށް ގައުމީ ސަލާމަތާބެހޭ ކޮމިޓީގެ އިއްތިފާގުން މިއަދު ފާސްކޮށްފި އެވެ.

ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރާއްޖެ ކޮމަންވެލްތުން ވަކިވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ އެގޮތަށް ފާސްކޮށްފައި ވަނީ އޮކްޓޮބަރު 19، 2016 ވަނަ އަހަރުގަ އެވެ. އެއީ ކޮމަންވެލްތުގެ މެމްބަރު ގައުމެއްގެ ގޮތުގައި އޮތުމުން ހަމަ އާއި އިންސާފުން ބޭރުން ރާއްޖެއާ މެދު ފިޔަވަޅު އަޅައި ރާއްޖޭގެ ދާހިލީ ސިޔާސަތަށް ބާރު ފޯރުވައި، ދައުލަތުގެ މިނިވަންކަމާއި އިސްތިގުލާލަށް ނުފޫޒު ފޯރުވާތީ ކަމަށް ބުނެ އެވެ.

ރާއްޖެއިން އަލުން ކޮމަންވެލްތުގައި ބައިވެރިވުމަށް ގައުމީ ސަލާމަތާބެހޭ ކޮމިޓީން ފާސް ކުރީ ވެރިކަން ކުރާ ކޯލިޝަންގެ އެމްޑީޕީއާ ޖުމްހޫރީ ޕާޓީގެ އިތުރުން އެމްޑީއޭ އަދި އިދިކޮޅު ޕީޕީއެމްގެ މެމްބަރުންގެ އިއްތިފާގުންނެވެ. އެކޮމިޓީގައި އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވޯޓް ދެއްވާފައިވަނީ ގެމަނަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޖަމީލް އުސްމާނާއި މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގާއި ފޭދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އިބްރާހިމް ދީދީ އެވެ.

ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ 100 ދުވަހުގަ ވައުދެކެވެ. އެގޮތުން މިދިޔަ މަހު 19 ވަނަ ދުވަހު އެމަނިކުފާނުގެ ކެބިނެޓުން ވަނީ ރާއްޖެ ކޮމަންވެލްތުގައި ބައިވެރިވުމަށް ފާސްކޮށްފަ އެވެ. ނަމަވެސް ބޭރުގެ ޖަމާއަތްތަކާ ރާއްޖެ ބައިވެރިވެވޭނީ ރައްޔިތުން މަޖިލީހުގެ ރުހުން ހޯދައިގެނެވެ.

ސުލްހަޔަށާއި ޑިމޮކްރަސީ ހަރުދަނާކޮށް ހަމަހަމަކަން ގާއިމު ކުރުމަށްޓަކައި 1949 ވަނަ އަހަރު އިނގިރޭސިވިލާތުން އުފެއްދި ކޮމަންވެލްތުގައި ރާއްޖެއިން ބައިވެރިވީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި 1982 ވަނަ އަހަރުގަ އެވެ. އެ ޖަމާއަތުގެ މެންބަރެއްގެ ގޮތުގައި 34 އަހަރު ހޭދަ ކުރި އިރު ކޮމަންވެލްތުގެ ފިޔަވަޅު އަޅާ އެޖެންޑާގައި ރާއްޖެ ތިން ފަހަރު ހިމެނުނެވެ. އެއަށް ފަހު ހަރުކަށި ފިޔަަވަޅުތަކުގެ އިންޒާރުވެސް ދިނެވެ.