ހަބަރު

އަޅުގަނޑު، ދިވެހިންނަށް އެހެން ގައުމިއްޔަތެއް ބިނާކޮށް ދޭނަން: ނަޝީދު

ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވަން ނިކުމެވަޑައިގެން ހުންނެވީ ދިވެހި ރާއްޖޭގައި މުޅިން އެހެން ގައުމިއްޔަތެއް ބިނާ ކުރުމުގެ ފޮނި އުންމީދުގައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މައްޗަންގޮޅި މެދު ދާއިރާއަށް ކުރިމަތިލައްވާނެކަން ނަޝީދު އިއުލާން ކުރައްވައި މިރޭ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އެނބުރި އަންނާނެ ކަމަށް އެމަނިކުފާނު ދެންނެވި ކަމަށާއި ހެޔޮވެރިކަމެއް ކޮށްދެއްވާނެކަން ވިދާޅުވެފައިވާނެ ކަމަށެވެ. މިއަދު ހުންނެވީ ރައްޔިތުން ކައިރިއަށް ވަޑައިގެން ސިޔާސީ މަސައްކަތުގައި އަލުން ހިދުމަތް ކޮށްދިނުމަށް އައިސް ކަމަށާއި މަޖިލީހުގެ އިންތިހާބުގައި މައްޗަންގޮޅި މެދު ދާއިރާގެ ކެނޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރައްވަން ނިކުމެވަޑައިގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، ރައްޔިތުންގެ އުންމީދުތައް، ރައްޔިތުން މަޖިލީހުން ރައްޔިތުން ކުރާ އުންމީދުތައް ހަގީގަތަކަށް ހަދަައިދޭނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން ދެން ވަގުންނެއް ނުހޮވާނެ ކަމަށާއި ރައްޔިތުންނަށް ވަކާލާތު ނުކުރާ ފަރާތްތައް މަޖިލީހަށް ދެނެއް ނުހޮއްވަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ނުކުމެ މިހުރީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ވާދަ ކުރަން، ދެނެއް އެރައްޔިތުންގެ މަޖިލީހުގައި ގޯނި ގޯންޏަށް ފައިސާ އަޅައިގެން ގެންދާ ވާހަކައެއް ނުދައްކަވާނެ، ރާއްޖޭގެ ރައްޔިތުން އެކުލަވާލާނީ ރައްޔިތުންގެ ހަގީގަތްތައް ހަގީގަތަކަށް ހަދާދޭނެ މަޖިލީހެއް، އެމަޖިލީހަކީ ނަޒާޖަތްތެރި މަޖިލީހަކަށް އަޅުގަނޑުމެން ހަދާނަން، އަޅުގަނޑު އެމަޖިލީހަށް މި ވަންނަނީ ތިޔަބޭފުޅުންގެ ތާއީދާއެކީގައި،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، އަމާޒަކީ މަޖިލީހުގެ މެންބަރުންނަކީ ހަގީގަތުގައިވެސް އިއްޒަތްތެރިންނަށް ހަދާދިނުން ކަމަށާއި ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދަައިދިނުމަށް ވަކާލާތުކުރާ މަޖިލީހަކަށް ހަދައިދިނުން ކަމަށެވެ. އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ނިންމުންތަކަށް ބިނާވެގެން ކަންކަން ނިންމާ މަޖިލީހަކަށް ހަދާނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދެންނެވިން ތިޔަ ބޭފުޅުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމަށް އަޅުގަނޑުމެން އަންނާނަމޭ، އަޅުގަނޑު އަނެއްކާވެސް އައިސް މިހުރީ ތިޔަ ބޭފުޅުންނާއެކީގައި، އަޅުގަނޑު އައިސް މިހުރީ ދިވެހި ރާއްޖޭގެ މުޅިން އެހެން ގައުމިއްޔަތެއް ބިނާ ކުރުމުގެ ފޮނި އުންމީދުގައި، ދިވެހި ރައްޔިތުންގެ ފަރާތުން ދިވެހި ރައްޔިތުންނަށްޓަަކައި ދިވެހި ރައްޔިތުންގެ ބޭނުންތަކަށް ވަކާލާތު ކުރާ ރައްޔިތުންގެ މަޖިލީހެއް އެކުލަވާލުމުގެ މަގުސަދުގައި،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، ރައްޔިތުން ދެއްވާ ވޯޓަކީ ރައްޔިތުން އުންމީދުކުރާ މަޖިލީހަކަށް ދެއްވާ ވޯޓަކަށް ހެއްދެވުމަށް ކަމަށާއި އެއްވެސް މެންބަރެއްގެ މަސްލަހަތެއް މުހިންމު ނޫން ކަމަށެވެ. އަބަދުވެސް މުހިންމީ ގައުމުގެ މަސްލަހަތު ކަމަށާއި ރައްޔިތުންގެ އާންމު ހާލަތު ރަނގަޅު ކުރެވޭނޭ ސިޔާސަތުތަކެއް ގެނެސްދޭނޭ މެންބަރުންތަކެއް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު މައްޗަންގޮޅި މެދު ދާއިރާގެ ރައްޔިތުންގެ ކިބައިން ވޯޓަކަށް އެބަ އެދެން، ތިބޭފުޅުން އަޅުގަނޑަށް ވޯޓެއް ދެއްވުމަށް އިންތިހާއަށް އިހްތިރާމާއެކު އަނެއްކާވެސް އެބަ އެދެން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް އަލުން އެމްޑީޕީގެ މެންބަރުން ހޮއްވަވާ ދެއްވުމަށް އެދޭ ކަމަށާއި އެ މަޖިލިސް ވެގެންދާނީ 1932 ވަނަ އަހަރުން ފެށިގެން ރައްޔިތުން އުންމީދު ކުރަމުން އައި މަޖިލީހަށް ކަމަށެވެ.