ހަބަރު

ކޯލިޝަން ދަމަހައްޓަން އެކުގައި މަސައްކަތް ކުރަންޖެހޭ: ނަޝީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންތިހާބް ވެފައިވަނީ އިއްތިހާދެއްގެ ތެރެއިން ކަމަށްވާތީ، އެ އިއްތިހާދު ދަމަހައްޓަން މަސައްކަތް ކުރަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މައްޗަންގޮޅި މެދު ދާއިރާއަށް ކުރިމަތިލައްވާނެކަން ނަޝީދު އިއުލާން ކުރައްވައި މިރޭ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، މަޖިލީހަށް ކުރިމަތި ލުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ސަރުކާރު ވެއްޓޭ ގޮތް އެނގިފައިވުން ކަމަށާއި އޭގެ ހިތި އަދި އޭގެ އަސަރު ވެސް އިނގިވަޑައިގަންނަވާ ކަމަށެވެ. މުއުމިނުންގެ ގަޔަކަށް އެއް ހޮރަކުން ދެކަށްޓެއް ނުޖެހޭނެ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ވައްޓައެއް ނުލެވޭނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިތިބީކީއެއް ދުރައްޖެހޭކަށް ނޫން، އަޅުގަނޑުމެން މިތިބީކީއެއް ދޫކުރާ ގޮތަކަށްވެސް ނޫން، މި ރާއްޖޭގެ ރައްޔިތުން އެދިއެދި ގޮވަނީ މިރާއްޖެ އެމީހުންނަށް އަލުން އަނބުރާ ލިބުމަށް، އަޅުގަނޑުމެން ނިކުމެ މިތިބީ މި ދިވެހި ރާއްޖެ ބިނާކުރުމުގެ ނިޔަތުގައި،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، މިހާރު މި އަލިވިލެނީ މުޅިން އެހެން ގައުމިއްޔަތަކަށް ކަމަށާއި އެ ގައުމިއްޔަތުގައި ބާރުތައް ވަކިވެ ރައްޔިތުންގެ ތަރައްގީއަށް މަސައްކަތްކުރާ ސަރުކާރެއް ބިނާކުރުން ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ އިންތިހާބުވެފައި އެވަނީ އިއްތިހާދެއްގައި، އެއިއްތިހާދު އަޅުގަނޑުމެން ދަމަހައްޓަންޖެހޭ، އެކުގައި އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭ، އެމަސައްކަތަށްވެސް އަޅުގަނޑުމެން ނިކުމެ، އެމަސައްކަތަށްވެސް އަޅުގަނޑުމެން އެއްބަސްވާންޖެހޭ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިހެން ވިދާޅުވިއިރު، އެމްޑީޕީ އިން ކޯލިޝަން އެއްބަސްވުމާއި ހިލާފަށް މަޖިލީހުގެ 87 ދާއިރާއަށް ކުރިމަތި ލައްވަން ނިންމެވުމާ ގުޅިގެން ކޯލިޝަންގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް ހިޔާލުތަފާތުވެފަ އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، 2008 ވަނަ އަހަރުގެ ސަރުކާރު އުފެދިގެން އާއިރުގައި އެއަހަރުގެ ބަޖެޓަކީ ހަތް ބިލިއަން ރުފިޔާ ކަމަށާއި މިއަހަރުގެ ބަޖެޓަކީ 30 ބިލިއަން ރުފިޔާ ކަމަށެވެ. އެއީ ރައްޔިތުންގެ ފައިސާ ކަމަށާއި އެއިން އެއްވެސް ފައިސާ ފޮއްޗެއްގައި އެހެން މީހަކު ޖެހުމުގެ ހައްގެއް ނެތް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

"ވައްކަން އޯކޭއެއް ނޫން، ރާއްޖޭގެ ރައްޔިތުން ބަލައެއް ނުގަނޭ ދައުލަތުގެ ހަޒާނާއިން ކުރާ ވައްކަމެއް، ރާއްޖޭގެ ރައްޔިތުން އެމީހުންގެ ވަކީލުންގެ ގޮތުގައި ދެނެއް އިންތިހާބެއް ނުކުރާނެ ވަގުންނެއް،" ނަޝީދު ވިދާޅުވި އެވެ.