(3 ޑިސެމްބަރ 2018 އާ ގުޅޭ) -- "އެއީ މައްސަލައެއް ނޫނެއްނު، އެ ބުނީނު ވަރަށް ސަޅިއޭ، މަށަށް އޯކޭ ވަރަށް ސްމާޓް ހެންޑްސަމް ގައިއެއް ލިބެނިކޮށް" އަލީޝާ އޭނަގެ ޚިޔާލު ފާޅުކުރިއެވެ.
ސްކޫލް ނިމެންދެން ކަހަލަ ގޮތަށް މަންހާ އާއި އޭނަގެ ރަޙްމަތްތެރިންގެ މެދުގައި ވާހަކަ ދެކެވުނީ އޭނައަށް މިއަދު ފެނުނު ރީތި ޒުވާނާއާ ބެހޭގޮތުންނެވެ. އެއީ ކާކު ބާއެވެ. އޭނައަށް ކިޔަނީ ކޮންނަމެއް ބާއެވެ. އަދި އޭނަ ފެންނާނެ ބާއެވެ. މަންހާގެ ހިތްވަނީ މިފަދަ އެތައް ސުވާލުތަކުންފުރިފައެވެ. މަންހާއަށް އޭނާގެ ރަޙްމަތްތެރިން ފިޔަވާ އެހެން މީހަކާ ދޭތެރޭ މިހާ ޚާއްޞަކަމެއް ދެވުނު މީ ފުރަތަމަ ފަހަރެވެ. އެއީ ކީއްވެކަމެއް އޭނައަކަށް ވެސް ނޭނގެއެވެ. ފަހަރެއްގައި މިއީ ލޯތްބެއްގެ ފެށުންކަންނޭނގެއެވެ. އެކަމަކު މަންހާއަށް ލޯބިވާން އެނގޭބާއެވެ. ނޫނީ ލޯބިވެވިއްޖެއްޔާ އެނގޭނެބާއެވެ.
އެއްގަޑި ސާޅިސްފަހެއްގައި ސްކޫލުން ނުކުމެވުނު މަންހާ ބަލާ އޭނާގެ ދޮންބެ ޝިމާދު އައިސް އިނެވެ. މެންދުރު ސްކޫލް ނިމިގެން ގަދަ ހޫނުގައި ހިނގާފަ ގެއަށްދާން ޖެހޭތީ އަބަދުވެސް ޝަކުވާ ކުރާ މަންހާ މިއަދު ބޭނުންވަނީ ހިނގާލާފަ ދާށެވެ. ޝިމާދުގެ ސައިކަލު ފަހަތުގައި ދާކަށް އެއްގޮތަކަށް ވެސް ބޭނުމެއްނޫނެވެ. އެހެންނަމަވެސް އޭނައަށް އެނޫންގޮތެއްނެތެވެ. އެހެންވެ ޝިމާދުއަށް ހިނިތުންވެލަމުން ސައިކަލުފަހަތަށް އަރާ އިށީނެވެ.
ގެއާއި ހަމައަށް އާދެވުނުއިރު މަންހާއަށް ހެނދުނު ފެނުނު ޒުވާނާ ފެންނާނެނަމަ ކިހާ ރަނގަޅުހޭ ހިތައްއެރީ ކިތަށްފަހަރުކަމެއްވެސް ނޭނގެއެވެ. ގެއަށް ވަދެވުމާއިއެކު އަވަސް އަވަހަށް އޭނާ ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ކާޕެޓުމައްޗަށް ފޮތް ދަބަސް ދޫކޮށްލުމާއިއެކު ޔުނީފޯމްވެސް ބަދަލުކުރުމެއްނެތި އެނދުމައްޗަށް އުއްޑުން ވެއްޓިގަތެވެ. މަންހާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއްވެރިވެފައި ވާއިރު އޭނާ ވިސްނަމުން ދަނީ ހަމައެންމެ ކަމަކާއެވެ. އެހިތުން ފޮހެލަން އުނދަގޫވެގެން އުޅޭ ރީތި ޒުވާނާ އާއި ދޭތެރޭއެވެ. އޭނާ އެހާ ޚާއްޞަވީ ކީއްވެބާއެވެ. އަދި ފެންނާނެ ނަމައޭ ހިތަށް އަރަންވީ ކީއްވެބާއެވެ. މަންހާ ކައިރީގައި އޮތް "ސްޕޮންޖުބޮބް" ބާލީސް ނަގާ މޭގާ ޖައްސާލިއެވެ. ފުންނޭވާއެއް ބޭރުކޮއްލުމާއެކު ބާލީހުގައި ބާރަށް ބައްދާލިއެވެ. އެހާ ފަސޭހައިން މީހެއްދެކެ ލޯބި ވެވިދާނެ ކަމަކަށް މަންހާ ޤަބޫލެއްނުކުރެއެވެ. އޭނާއަށް ފެނުނު ޒުވާނާއަށް އޭނާގެ ހިތްގޮވިއެއްކަމަކު އެއީ ލޯބިކަމަކަށް މަންހާ ޤަބޫލުކުރަން ބޭނުންނުވަނީއެވެ. އެކަމަކު ފުރަތަމަ ނަޒަރުންވެސް ލޯބި ވެވިދާނެކަން އޭނާ ކުރިއްސުރެ ޤަބޫލުކުރެއެވެ. އެހެންނަމަވެސް މަންހާއަށް މީހަކުދެކެ އެގޮތަށް ލޯބިވެވިދާނެ ކަމަށް އޭނާއަށް ޤަބޫލްނުކުރެވެނީއެވެ. އެއީ މަންހާ ދެކޭގޮތުގައި އެހެން އެކަންވާނީ ފިލްމުތަކުގައި ނޫނީ ވާހަކަތަކުގައެވެ.
"ނަޖާނޭ މެރީ ދިލްކޮ ކިޔާ ހޯގަޔާ، އަބީ ތޯ ޔެހީ ތާ އަބީ ކޯގަޔާ....." ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައި ހުރެ ކޮއްޅަށް ތެދުވި މަންހާ އޭނާގެ މޭގައި ޖައްސާލި "ސްޕޮންޖުބޮބް" ބާލީސް ހިފައިގެން ލަވަކިޔަމުން ނަށަންފެށިއެވެ. އޭނާ ސިއްސައިގެން ދިޔައީ ވަސީމާ ދޮރުހުޅުވާލި އަޑަށެވެ. އަވަސް އަވަހަށް އަތުގައި އޮތް ބާލީސް އެނދުމައްޗަށް އެއްލާލަމުން އެނދުގައި ކުއްލިއަކަށް އައިސް އިށީނދެ އިސްޓާކީނު ބާލާކަމަށް ހެދުނެވެ.
"އަދިވެސް ދަރިފުޅު ޔުނީފޯމް ނުބާލަންތަ، މިއަދު މާ ވަރުބަލި ދުވަހަކީތަ" ވަސީމާއަށް މަންހާއުޅުނު ގޮތެއްނުފެނެއެވެ. އޭނާގެ އަޑުގައިވަނީ އޯގާތެރިކަމާއި ލޯތްބެވެ. މަންހާއަކީ އޭނާގެ ދެލޮލުގެ ނޫރެވެ.
"މަންމަ ތިއައީ އަޅުގަނޑު ކާން ނުގޮސްގެން ދޯ، މިދަނީ ވަރަށް އަވަހަށް ފެންވަރާލައިގެން" މަންހާ ބޭނުންވީ ވަސީމާ އަވަހަށް އެކޮޓަރިން ފޮނުވާލާށެވެ.
"މިހާރު ދޮންބެ ކައިނިމިދާނެ، މަންހާ އާދޭތޯ ބަލަން ދޮންބެއަކަށް މަޑެއް ނުކުރެވޭނެއެއްނު، ކައިގެން އޮފީހަށް ދާން އެދަނީ، ދެން ވެސް އަވަސްކޮށްގެން އާދޭ" ވަސީމާ މަޑުމަޑުން ދޮރުލައްޕާލަމުން ނިކުތެވެ.
މަންހާގެ ހަރަކާތްތައް އަވަސްކޮށްލިއެވެ. އަވަސް އަވަހަށް ފާޚާނާއަށްވަދެ ފެންވަރާ ތާޒާވެލައިގެން ކާމޭޒުކައިރިއަށް ދިޔައެވެ. އޭރު ޝިމާދު ކައިނިންމައިގެން އޮފީހަށް ވެސް ގޮއްސިއެވެ. މަންހާ ސިޓިން ރޫމުގައި އިން ވަސީމާއަށް ގޮވާލިއެވެ. މަންހާއަށް އެކަނި އިނދެ ކެއުމަކީ ވަރަށް އުނދަގޫކަމެކެވެ. އެގޮތަށް އެކަނި އިނދެގެން ކާން އޭނާ ހުރީ އާދަވެފައެއް ނޫނެވެ.
މުޅި ދުވަސް ނިމިގެން ދިޔައިރު ގޭތެރޭން މީހެއްގެ އުނދަގުލެއް ނުފޯރާ މަންހާއަށް ފެނުނު ރީތި ޒުވާނާއާއި މެދު ވިސްނާލަން ލިބުނު ހަމައެކަނި ވަގުތަށްވީ ރޭގަނޑު ނިދަން އެނދަށް އެރިވަގުތެވެ. ނިދުނީވެސް އެހިޔާލުތަކުގައި އުޅެނިކޮށެވެ.
ހަފްތާއެއް ވޭތުވެގެން ދިޔައިރު ކޮންމެ ދުވަހެއްގެ ހެދުނު މަންހާ ސްކޫލަށްދާ ގަޑީގައި އެކާކުކަން ނޭގޭ ރީތި ޒުވާނާ އާއި ބައްދަލުވެއެވެ. ކޮންމެ ދުވަހަކު ފެންނައިރުގަވެސް ހުންނަނީ އާގަމީހަކާއި އެގަމީހާ ގުޅޭ ޓައިއެއް އަޅާފައެވެ. ހަށިގަނޑުގެ ސްމާޓްކަމަށް ބަދަލެއްނާދެއެވެ. މޫނުމަތީގައި ހުންނަ ސީރިއަސްކަން މަންހާއަށް ކަމުދިޔައީ ކީއްވެކަމެއް ނޭގެއެވެ. ކޮންމެ ދުވަހެއްގެ ހެދުނު، ފެނުނު ކަމުގައި ވިޔަސް މަންހާގެ ހިތަށް އެވަރަކުން ނުފުދެއެވެ. އެޒުވާނާގެ ގާތުގައި ހުރުމަށް އޭނަ ބޭނުންވަނީ ކީއްވެކަމެއްނޭގެއެވެ. އެހެންނަމަވެސް މަންހާއަށް އެޒުވާނާ ފެންނަނީ ހަމައެކަނި ހެދުނު ގަޑީގައެވެ. ހިނގާފަ ގެއަށް އައި ދެތިން ދުވަހުވެސް އެޒުވާނާ އަކާއި މަންހާއަކާއި ދިމައެއްނުވިއެވެ. އެޒުވާނާ ދުއްވާ ޕްރައިވެޓް ކާރުވެސް ފެންނަ ހިސާބަކު ނޯވެއެވެ. މަންހާއަށް މިހާރު އެކާރުގެ ނަންބަރުވެސް ހިތުދަސްވެއްޖެއެވެ. ސްކޫލްގައި ރަޙުމަތްތެރިންނާއި ބައްދަލުވެއްޖެނަމަ މަންހާއަށް ދެއްކެނީ އެޒުވާނާގެ ވާހަކައެވެ. ރަޙުމަތްތެރިންވެސް މަންހާއަށް އެކިއެކި ނަންނަމުން ދިމާކޮށް ހަދަންފަށައިފިއެވެ.
"މަންހާއަށް ރަނގަޅަށް ލަވްމޭނިއާ ޖެހިއްޖެ، ދެން ތިހެން ހުއްޓެއް ކަމަކު ކަމެއް ނުވާނެއެއްނު، އެއީ ކާކުތޯ މިހާރު ބަލަންވެއްޖެއެއްނު" ޝިފްނާ ނުހުރެވިގެން ބުނެލިއެވެ. އެއާއެކު ދެންތިބި ދެރަޙުމަތްތެރިންވެސް އެކަމާއި އެއްބަސް ވެއްޖެއެވެ.
"ބަޓް ހައު، ކިހިނެއް އެއީ ކާކުކަން ހޯދާނީވެސް.....އައި ހޭވް ނޯ ކްލޫ" މާޔޫސްކަމާއިއެކު މަންހާ ބުނެލިއެވެ.
"އައި ހޭވް އެން އައިޑާ......" އަލީޝާ ބުނެލިއެވެ. ހުރިހާ ކުދިންވެސް ތިބީ އަލީޝާގެ ހިޔާލަކީ ކޮބާތޯ އޮޅުން ފިލުމަށް ބޭނުންވެފައެވެ. ނަމަވެސް ބްރޭކްގަޑި ނިމިނުކަން އަންގައިދޭ ބެލްޖެހުމުގެ ކުރިން މަންހާއަށް ދާން ޖެހުމުން އެކަން ފަސްކޮއްލަން ޖެހުނީއެވެ.
ސްކޫލް ނިންމާފައި މަންހާ މިއަދު ގެއަށް އައީ މަންމަ ވަސީމާ އާއިއެކު ހިނގާފައެވެ. އޭނަގެ ކުލާސް ކުދިންނަށް ފިލާވަޅު ދަސްކުރުމުގު ނަމުގައި އެގެއަށް އައުމަށް ދައުވަތުވެސް ދީފައެވެ. އެކުން މާދަމާ ވަންދެވެސް މަންހާއަށް އަލީޝާގެ ހިޔާލު އޮޅުންނުފިލުވާ ހުންނަން ކެތްނުވީއެވެ. މަންހާ ގެއަށް އައިމަގުމަތީ އޭނަގެ ރަޙުމަތްތެރިން އެގެއަށް ގެނައުމުގެ ހުއްދައަށް ވަސީމާގެ ގާތުން އެދުނެވެ. އެކަން މާބޮޑުކަމަކަށް ނުހަދާ ވަސީމާ ހުއްދަދިނީ އޭނަގެ ދަރިފުޅަށް ކުރާ އިތުބާރެއްގެ ބޮޑުކަމުންނެވެ. މަންހާ ވިޔާނުދާ ކުދިންނާއި ނުގުޅޭނެކަން އޭނައަށް ޔަގީންވާތީއެވެ.
މެންދުރުފަސް ދެގަޑި ބައިކަން ހާއިރު މަންހާގެ ތިން ރަޙުމަތްތެރިން އެގެއަށް އައިސް ވަދެއްޖެއެވެ. އެމީހުން ގޮވައިގެން މަންހާ ދިޔައީ އޭނަގެ ކޮޓަރިއަށެވެ. މަންހާގެ ޓިއުޝަން ޓީޗަރު ގެއަށް އައުމުގެ ކުރިން އެކުދިން ގެއަށް ފޮނުވާލުމަށް ވަސީމާ އެދުނެވެ. އަދި އެކުދިންނަށް ފިނި ބުއިމަކާއި ހަފާލާނެ ކޮންމެވެސް ކަހަލަ ކާއެއްޗެއް ދޭން އަވަސްވެގަތެވެ.
"ވާއު، ލޯބިކަން.......އެންމެ ފަހުން ހަމަ އެ ފޭން ގަތީދޯ" އަމާނީއަށް މަންހާގެ ސްޓަޑީ ޓޭބަލްމަތީ އިން ކޮމްޕިޓަރަށް ގުޅާ ކުޑަކުޑަ ފަންކާ ފެނުމުން ބުނެލެވުނެވެ. އެއީ މަންހާ އާއި އަމާނީ ޕާޓީއަކަށް ދިއުމަށް ގިފްޓެއްގަންނަން ވަސީމާއާއިއެކު ވަތް ފިހާރައެއްގައި އިންއެއްޗެކެވެ. ބަލާބެލުމަށް ޕޮޓެއްގައި އިން އެންމެ މަލެއްހެން ހީވިޔަސް އޭގެ ފިޔަތަށް ފަންކާއެއްހެން އެނބުރެއެވެ.
"ރީތިވެގެން އޭގެ ވާހަކަ ދައްކަނިކޮށް ދޮންބެ ބުނީ ހިނގާށޯ އެފިހާރައަށް ދާން، ސަޅި ދޯ" މަންހާ އަމާނީއަށް ބުނެލިއެވެ.
"އަހަރެންވެސް ހިތަށް އަރާ އަހަރެންގެ މަންމައަށް އަހަރެން އެކަނި އަންހެން ކުއްޖަކަށް ލިބުނުނަމައޭ، ކިހާ ނަސީބު ގަދަވާނެ" އަލީޝާ މަންހާގެ އެނދުގައި ބަންޑުން ދެއަތްތިލާގައި ދަތްދޮޅި އަޅުވާލައިގެން އޮވެ ބުނެލިއެވެ.
"ތިހެން ނުބުނޭ އެލީ، އަހަރެން ބައެއް ފަހަރަށް ވަރަށް ފޫހިވޭ، ހިތަށް އަރާ ދައްތައެއް ނޫނީ ކޮއްކޮއެއް ހުރިނަމައޭ، އަހަންނާ ކަންތައްތައް ޝެއަރކޮއްގެން އުޅޭނެއޭ އޭރުން، ކިހާ މަޖާ ވާނެހޭ، އޭރުން އަހަރުމެންނަށް ބޯއީސް އާއި ބެހޭގޮތުންވެސް ޑިސްކަސް ކުރޭވެނެ...." މަންހާގެ ވާހަކަ މެދުކަނޑާލީ ޝިފްނާއެވެ.
"ތީ ހަމަ މަންހާއަށް ހީވާ ގޮތް، އަހަރެންގެ ދައްތައެކޭ ކިޔާފަ އެހުންނަނީ އަރާކާއެއްޗެއް....ވަރަށް ފޫހިވޭ، އެލީ ބުނިހެން އަހަރެންވެސް ހިތަށް އަރާ މަންހާގޮތަށް އާއިލާގައި ހުރި ހަމައެކަނި އަންހެން ކުއްޖާއަށް ވީނަމައޭ" ޝިފްނާ މަންހާގެ އެނދުގައި ލެގިލައިގެން ކާޕެޓުމަތީ އިށީނދެ އިނދެ ބުނެލިއެވެ. އެމަޢުލޫގައި ބައިވެރިނުވީ އަމާނީއެވެ. އޭނަގެ ހުންނަނީ އަންހެން ކޮއްކޮއަކަށްވެފަ އޭނަ އެކަމާ ނުހަނު އުފާކުރެއެވެ.
އަލީޝާ ދެން ފެއްޓި މައުލޫއަކީ އޭނަ ރައްޓެހިވެގެން އުޅޭ ކުއްޖާގެ ވާހަކައެވެ. އާއެކެވެ. އެމީހުންގެ ތެރެއިން އަލީޝާއަކީ ފިރިހެން ކުދިންނާއިގެން ވަރަށް ވަރު ހުންނަ ކުއްޖެކެވެ. މިހާރުވެސް އޭނަ އުޅެނީ ދަރުމަވަންތަ ސްކޫލްގެ ގްރޭޑް ދިހައެއްގައި އުޅޭ ދަރިވަރަކާއި ރައްޓެހިވެގެންނެވެ. އޭނައާއި ބައްދަލު ކުރަން މައިންބަފައިންނަށް ވަގަށް ދާގޮތުގެ ވާހަކަތަށް މަންހާމެންނާއި ހިއްސާކުރެއެވެ. އޭނަ އެފިރިހެން ކުއްޖާ އާއިއެކު ހިންގާ ޢަމަލުތަކުގެ ވާހަކަތައްވެސް ކިޔާދެއެވެ. ހުރިހާ ވާހަކައެއް އަޑުއެހިއެއްކަމަކު ބައެއްފަހަރަށް އަލީޝާގެ އަމަލްތައް ހުންނަގޮތުން މަންހާ އޭނަދެކެ ހިތްހަމަނުޖެއެވެ. ނަމަވެސް އެކުދިންގެ މެދުގައި ދުވަހަކުވެސް ދެބަސްވެ ރުޅިއައިސްގެނެއް ނޫޅެއެވެ. ޝިފްނާވެސް އުޅެނީ ކުއްޖަކާއި ރައްޓެހިވުމުގެ މަގުމަތީއެވެ. އެފަދަ ކަންތައްތަކަށް އެހާ ފަސޭހައިން މަގުފަހިވެފައިވަނީ އެކުދިންގެ މައިންބަފައިން މޯބައިލް ފޯނު ހޯދަދީފައިވާތީއެވެ. އެއަށް ނުގުޅާ މީހަކު ވަރަށް މަދުވާނެއެވެ. އަމާނީ އާއި މަންހާ އެއަމަލުތަކުން ސަލާމަތްވެފައިވަނީ އެމީހުންގެ މައިންބަފައިންގެ ސަބަބުންނެވެ. ވަސީމާ މަންހާއަށް ފޯނެއް ގަނެދެން އެއްބަސްވެފައިވަނީ އޭނަ ގްރޭޑް ދިހައެއް ނިންމީމައެވެ. އެކަމާއި މަންހާ ދެކޮޅެއް ނަހަދައެވެ.
"ހޭ އެލީ، ކޮބާތަ މިއަދު ބުނަން އުޅުނު ވާހަކަ" މަންހާ ފުރުޞަތުގެ ބޭނުންކުރިއެވެ.
"އައިޑިއާ ދޯ، ހޫމް....އަޑުއަހާ.....އެންވައިރަމެންޓް ޑޭ އަންނަނީނު ދޯ، ޓެސްޓު ނިންމާފަ އެކަން ފާހަގަ ކުރަން ނިންމާފައެއްނު އޮތީ، ޖެރާޑް ސާރ ފަރާތުން އަހަންނަށް އިނގުނު ގޮތުގަ މިފަހަރު އަހަރުމެންނަށް އޮތީ މަގުމައްޗާ ގޭގެ ސާފުތާހިރު ކުރުމަށް އެހީވެދިނުން، ބުނި ގޭގެއަށްވެސް ދާންޖެހޭނެ ވާހަކަ، އެކަމުގެ ތަފްސީލް ތާސްޑޭ އެސެމްބްލީގަ ކިޔާނެހެން ހީވަނީ" އަލީޝާ ބުނެލިއެވެ.
"އޯ.......ސުޕާރބް.......ވަރަށް ވަރަށް ސަޅި، އެލީ ވަރެއް ނޯންނާނެ އައިޑިއާ ދިނުމުގަ" މަންހާ އުފަލުންގޮސް އަލީޝާގެ ގައިގާ އޮޅުލައިގަތެވެ.
"ދެން ވަޓް އަބައުޓް މީ، އަހަރެން މީ އެއްވެސް ކުލަބެއްގަވެސް އުޅޭ މީހެއްނޫން....." އަމާނީ ދެރަވެލާފައި ބުނެލިއެވެ.
"މާނީ ނުލާ އަހަރުމެން ނުދާނަމެއްނު، ދޯ އެލީ" މަންހާ އަވަހަށް ބުނެލިއެވެ.
"އޮފްކޯސް... ގަރލްސް، ވީ އަރ ވަން، ސޯ ހުރިހާ އެންމެނަށް ދެވޭގޮތަކަށްނު ރާވާނީ" އަލީޝާ ބުނެލިއެވެ. (ނުނިމޭ)