ހަބަރު

އަލީ ހަމީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ހައިކޯޓުން ބާތިލްކޮށްފި

ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދަށުކޯޓުން އިއްވި އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލު ކޮށްފި އެވެ.

އަލީ ހަމީދު ޖަލަށް ލާން ކުރިމިނަލް ކޯޓުން ހުކުމް ކުރީ އެކެއް ފެބްރުއަރީގައި ސުޕުރީމްކޯޓުން ނެރުނު ބޮޑު އަމުރާ ގުޅިގެން، ތަހުގީގަށް އޭނާގެ ފޯނު ދޭން ދެކޮޅު ހެދުމުންނެވެ. އެމައްސަލާގައި އޭނާއާ ދެކޮޅަށް ދައުލަތުން އުފުލީ އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ދައުވާއެވެ.

އަލީ ހަމީދު ޖަލަށް ލުމަށް ހުކުމް ކުރުމާއެކު، އޭނާގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އާއި ގާނޫނީ ވަކީލު ކަމުގެ ހުއްދަ ވެސް ބާތިލް ކުރަން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. ދަަށުކޯޓުގެ ހުކުމުގައި ބުނެފައިވަނީ އަލީ ހަމީދު ފޯނު ގެންގުޅުނުކަން ހެކިންގެ ހެކިބަހުން ސާބިތުވާ ކަމަށާއި، ފުލުހުންގެ އެންގުމާއި އެއްގޮތަށް ފޯނު ދީފައިނުވާކަންވެސް ހެކިބަހުން ސާބިތުވާކަމަށެވެ.

އަލީ ހަމީދުގެ ފޯނުގައި އެމައްސަލައާއި ގުޅުންހުރި ހެކި ހުރިކަމަށް ގަބޫލު ކުރެވޭ ކަމަށާއި، އެހެން ކަމުން ގާނޫނުއަސާސީގައި ބުނާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް އެ ދައުވާ ސާބިތުވާ ކަމަށް ދަށުކޯޓުން އިއްވި ހުކުމުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ ހުކުމުގައި ބުނެފައިވަނީ އަލީ ހަމީދު ކުރައްވާފައިވާ ކުށަކީ ދީނީ ނަސޭހަތް ދިނުމަށާއި، ގާނޫނީ މަސައްކަތް ކުރުމަށް އަހުލާގީ ގޮތުންނާއި، ސުލޫކީގޮތުން އެކަށީގެން ނުވާ ކަމެއް ކަމަށްނުވާއިރު، ކޯޓަށް ލިބިދޭ ބާރުގެ ދަށުން އަލީ ހަމީދުގެ ދީނީ ނަސޭހަތްދިނުމާއި، ގާނޫނީ ވަކީލު ކަމުގެ ހުއްދަވެސް ބާތިލް ކުރާކަމަށެވެ.

ހައިކޯޓުން އެހުކުމް ބާތިލް ކުރައްވާފައިވާއިރު، އެމައްސަލާގައި ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމްގެ މައްޗަށް އިއްވި ހުކުމްވެސް ވަނީ ބާތިލް ކުރައްވާފަ އެވެ. މީގެ އިތުރުން ކުރީގެ އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދުގެ މައްޗަށްވެސް ވަނީ އެ މައްސަލައިގައި ހުކުމް އިއްވާފަ އެވެ. އެ މައްސަލައިގެ އިސްތިއުނާފު ވެސް ހައިކޯޓުން ދަނީ ބަލަމުންނެވެ.