ސުޕްރީމް ކޯޓްގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު ކަމަށް ބެލެވޭ ބޭފުޅެއްގެ ބަރަހަނާ ވީޑިއޯތަކެއް އާންމުވި ދުވަސްވަރުވެސް އެމަނިކުފާނަށް ނިސްބަތް ކުރައްވާ "ޒާތީ" ވާހަކަތައް ދައްކަވާފައިނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ "އާސްކް ސްޕީކާ" ޕްރަގްރާމްގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އާންމުންގެ މީހަކު ވަނީ އަލީ ހަމީދު ކަމަށް ބެލެވޭ ބޭފުޅެއްގެ ބަރަހަނާ ވީޑިއޯތަކެއް އާންމުވި ދުވަސްވަރު ނަޝީދު ދެއްކެވި ވާހަކަތަކާއި ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ކަމަށް ބެލެވޭ މީހެއްގެ ބަރަހަނާ ވީޑިއޯތަކެއް އާންމުވުމުން ދައްކަވާ ވާހަކަ ތަފާތު ކަމަށް ބުނެފައެވެ. އަަދި އެއީ ކޮއްކޮއަކަށް ވާތީ ވާ ގޮތެއްތޯ ސުވާލު ކުރެއްވިއެވެ.
އެ ސުވާލަށް ޖަވާބު ދެއްވާ ރައީސް ނަޝީދު ވިދާޅުވީ އެފަދަ ކަންކަމަކީ އެއީ "ޒާތީ" ކަންކަން ކަމަށާ އެމަނިކުފާނަކީ އެއްވެސް އިރެއްގައި މީހުންގެ އެފަދަ ޒާތީ ވާހަކަތައް ދައްކަވާ ބޭފުޅެއް ނޫން ކަމަށެވެ. ނަމަވެސް އެމްޑީޕީ އާއި ޕީޕީއެމްގެ އާންމު މެންބަރުން އެފަދަ ވާހަކަތައް ދައްކަވާ ކަމަށާ އަލީ ހަމީދާ ގުޅޭގޮތުންވެސް އެމްޑީޕީގެ މެންބަރުން އެފަދަ ވާހަކަަތައް ދެއްކެވި ކަމަށެވެ. އަދި އެ މެންބަރުން އެފަދަ ވާހަކަތައް ދައްކަވާތީ އެއީ އެމަނިކުފާނު އަޑީގައި ހުންނަވައިގެން ކުރައްވާ ކަމެއް ކަމަށް ބަޔަކަށް ހީވަނީ ކަމަށެވެ.
އޭގެ ފަހަށް ދެން ވިދާޅުވީ އަލީ ހަމީދުގެ މައްސަލަ ވަރަށް ސާފު ކަމަށެވެ.
"ހަގީގަތުގަައި އެއީ އަލީ ހަމީދުގެ މައްސަލައެއް ނޫން ކަމަށް ވަރަށް ބޮޑަށް ސާފުވޭ ޝަރީއަތުންނާއެކުގައި. އަދި ތަހުގީގުންނާ އެކުގައި،"
ބަރަހަނާ ވީޑިއޯ އާންމުވުން ފަދަ ކަންކަމަކީ މީހުންނާ ގުޅޭ ވަރަށް ޒާތީ ކަންކަން ކަަމަށް ރައީސް ނަޝީދު މިރޭވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ދެކެނީ އެފަދަ ކަންކަމަކީ ޒާތީ ކަންކަން ކަމަށް،" ނަޝީދު ވިދާޅުވިއެވެ.
އަވައްޓެރި ސްރީލަންކާގެ ހޮޓަލެއްގައި އަލީ ހަމީދު ކަމަށް ބެލެވޭ ބޭފުޅަކު ރަޝިއާގެ އަންހެނަކާއި ބަދުއަހްލާގީ އަމަލު ހިންގި ކަމަށް ބުނާ މައްސަލަ ފެންމަތިވެ ވީޑިއޯތަކެއްވެސް އާންމުވިއެވެ. އެ މައްސަލަ ފުލުހުން ބަލަންވެސް ފެށިއެވެ. އެއީ ރައީސް ވަހީދުގެ ވެރިކަމުގައެވެ. ނަމަވެސް މައްސަލަ ކުރިއަށް ނުގެންގޮސް ހުއްޓުނީ ވީޑިއޯ އިން ފެންނަނީ އަލީ ހަމީދު ކަން ކަށަވަރު ކުރުމަށް ފޮޓޯ އެއް ނެގުމުގެ ހުއްދަ އެމަނިކުފާނު ނުދެއްވުމުންނެވެ.
އެ ވީޑިއޯގެ މައްސަލަ ޖޭއެސްސީ އިން ވެސް އެ ދުވަސްވަރު ބެލިއެވެ. ނަމަވެސް ޖޭއެސްސީ އިން ނިންމީ ވީޑިއޯ އިން ފެންނަނީ އަލީ ހަމީދުކަން ކަށަވަރު ނުވާ ކަމަެވެ. އެހެންކަމުން އޭނާ އާއި މެދު ފިޔަވަޅެއް އަޅަން ނުފެންނަ ކަމަށެވެ.