މިދިޔަ ސީޒަންގެ އިޓާލިއަން ސީރިއާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް އިންޓަ މިލާންގެ ކެޕްޓަން މައުރޯ އިކާޑީ ހޯދައިފި އެވެ.
މިދިޔަ ހަ އަހަރު ތެރޭ، އިޓާލިއަން ލީގްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދީ، މިދިޔަ ހަ އަހަރު ލީގްގެ ޗެމްޕިއަންކަން ހޯދި، ޔުވެންޓަސްގެ ކުޅުންތެރިންނެވެ. އޭގެ ކުރިން، އެހެން ޓީމަކަށް ނިސްބަތްވާ ކުޅުންތެރިޔަކަށް ލީގްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބުނީ، 2011 ވަނަ އަހަރު އެވޯޑް ހޯދި، އޭސީ މިލާންގެ އޭރުގެ ކުޅުންތެރިޔާ ޒަލްޓާން އިބްރޮހިމްވިޗެ އެވެ.
މައުރޯ އިކާޑީ ވަނީ، މިދިޔަ ސީޒަންގައި ލީގްގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ހިމެނިފަ އެވެ. އޭނާ އާ އެއްވަރަށް ލަނޑުޖެހި އަނެއް ކުޅުންތެރިޔަކީ، ލާޒިއޯގެ ޗީރޯ އިމޯބިލޭ އެވެ. ދެ ކުޅުންތެރިންވެސް ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ޖަހާފަ އެވެ. މި ސީޒަންގައިވެސް. ލަނޑު ޖެހުމުގެ ރޭޓްގައި، އިކާޑީގެ ރޭސް ރަނގަޅެވެ. އޭނާ ވަނީ އަށް ލަނޑު ޖަހާފަ އެވެ.
ލީގްގެ މޮޅު ކޯޗުގެ އެވޯޑް ހޯދާފައި ވަނީ، ޗެމްޕިއަން ޔުވެންޓަސްގެ ކޯޗް މެކްސިމިލިއާނޯ އެލެގްރީ އެވެ. އެ އެވޯޑަށް އޭނާ އާ ވާދަ ކުރީ، ނިމިދިޔަ ސީޒަންގައި ނަޕޯލީއާއެކު ރަނގަޅު ނަތީޖާތަކެއް ނެރުނު މިހާރު ޗެލްސީގެ ކޯޗް މައުރީޒިއޯ ސާރީ އެވެ. ނަޕޯލީ ވަނީ މިދިޔަ ސީޒަންގައި ޔުވެންޓަސްއަށް ވަރުގަދަ ވާދައެއް ދީފަ އެވެ.
އަންނަ އަހަރުވެސް، މި އެވޯޑް ހޯދުމުގެ ބޮޑު ފުރުސަތެއް އެލެގްރީއަށް އެބައޮތެވެ. ލީގްގައި ކުޅުނު 14 މެޗަށް ފަހު ޔުވެންޓަސް އެއް ވަނައިގައި އޮތީ އަށް ޕޮއިންޓްގެ ބޮޑު ލީޑަކާ އެކު އެވެ.
"މި އެވޯޑް އަހަންނަށް ލިބުނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބިގެން، އަދި މި ކުލަބުން އަހަންނަށް އެއްބާރުލުން ދިނުމުން،" އެލެގްރީ ބުންޏެވެ. "ހުނަރުވެރި ކުޅުންތެރިންނާއެކު މަސައްކަތް ކުރުމުގެ ފުރުސަތު އަހަންނަށް ލިބުމަކީ އަހަންނަށް ވަރަށް ބޮޑު ނަސީބެއް."