ރެއާލް މެޑްރިޑް

ރެއާލް މެޑްރިޑާއި ބެލަންޑޯ އެވޯޑާ ދެމެދުއޮތީ ވަރުގަދަ ލޯތްބެއް

ރެއާލް މެޑްރިޑާއި، ބެލަންޑޯ އެވޯޑާ ދެމެދު އޮތީ ވަރުގަދަ ލޯތްބެއް ކަމަށް، ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ބުނެފި އެވެ.

މިއަހަރު ބެލަންޑޯ އެވޯޑް، ރެއާލްގެ މިޑްފީލްޑަރު ލުކަ މޮޑްރިޗް ހޯދުމުން އެއީ ރެއާލް މެޑްރިޑަށް ނިސްބަތްވާ ކުޅުންތެރިންގެ ތެރެއިން 21 ވަނަ ގަރުނުގައި ބެލަންޑޯ ހޯދި، އަށް ވަނަ ކުޅުންތެރިޔާ އެވެ.

"އޭނާ އަކީ ބެލަންޑޯ އެވޯޑް ހޯދި، ރެއާލް މެޑްރިޑްގެ 10 ވަނަ ކުޅުންތެރިޔާ، އަހަރެމެންގެ ކުލަބަށް ވަނީ 17 ފަހަރު ބެލެންޑޯ ލިބިފައި، އެއީ ތެދެއް ރެއާލް މެޑްރިޑާއި ބެލަންޑޯ އެވޯޑާ ދެމެދު އޮންނަ ގުޅުމަކީ ވަރުގަދަ ލޯބީގެ ވާހަކައެއް،" ޕެރޭޒް ވިދާޅުވި އެވެ.

"އަހަންނަށް ޔަގީން ކުރިމަގުގައިވެސް މިކަން މިގޮތަށް ކުރިއަށް ދާނެ ކަން، މޮޑްރިޗަށް އެ ލިބުނީ މުޅި ދުނިޔޭގެ ފުޓްބޯޅަ އާއިލާގެ ފަރާތުން ދޭ އަގުވަޒަން ކުރުމެއް، ހަމައެޔާއެކު ރޭގެ ވަރަށް ރަނގަޅު ސީޒަނެއް އޭނާ ހޭދަ ކުރި، ރެއާލް މެޑްރިޑުން ދަމަހައްޓާ ހަމަތައް މޮޑްރިޗްވެސް ހާމަ ކޮށްދޭ."

ރެއާލް މެޑްރިޑްގެ ކުޅުންތެރިންގެ ތެރެއިން ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް އެންމެ ފުރަތަމަ ހޯދީ، 1953 ވަނަ އަހަރުން 1964 ވަނަ އަހަރަށް ރެއާލްއަށް ކުޅުނު އެ ޓީމުގެ ލެޖެންޑް އަލްފްރެޑޯ ޑި ސްޓެފާނޯ އެވެ.

މި ގަރުނުގައި، ބެލެންޑޯ އެވޯޑް ހޯދި ކުޅުންތެރިންގެ ތެރެއިން ރެއާލް މެޑްރިޑަށް ކުޅެފައި ނުވަނީ، ޕަވެލް ނެޑްވިޑް، ރޮނާލްޑީނިއޯ އަދި ލިއޮނަލް މެސީ އެވެ.