ދުނިޔޭގެ ކްރިކެޓް ޗެމްޕިއަންކަން ދެ ފަހަރަށް އިންޑިއާއަށް ހޯދައިދިން އެ ޓީމުގެ ކުރީގެ ބެޓްސްމަން ގައުތަމް ގަމްބީރު، ކްރިކެޓް ކުޅުން ހުއްޓާލައިފި އެވެ.
އުމުރުން 37 އަހަރުގައި، ކްރިކެޓް ކުޅުން ހުއްޓާލިއިރު، ގައުތަމް ވަނީ 58 ޓެސްޓް މެޗު ކުޅެފަ އެވެ. ވަންޑޭ ކްރިކެޓް އިންޓަނޭޝަނަލް 147 މެޗު ކުޅުނެވެ. އަދި ޓީ20 ގެ 37 މެޗު ކުޅެފައި ވެއެވެ. އޭނާ ވަނީ އިންޑިއާގެ ގައުމީ ޓީމަށް 2007 ވަނަ އަހަރުގެ ޓީ 20 ވޯލްޑްކަޕުގެ ޗެމްޕިއަންކަން ހޯދައި ދީފަ އެވެ. އަދި 2011 ވަނަ އަހަރުގެ ކްރިކެޓް ވޯލްޑްކަޕު އިންޑިއާއަށް ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ އޭނާ އެވެ. ވޯލްޑްކަޕު ފައިނަލު މެޗުގައި ލަންކާއާ ދެކޮޅަށް އެންމެ ގިނަ ލަނޑު ހެދީ އޭނާ އެވެ.
އިންޑިއާގެ ގައުމީ ޓީމަށް ގައުތަމް ކުޅެން ފެށީ، 2003 ވަނަ އަހަރު ވަންޑޭ އިންޓަނޭޝަލް މެޗަކުންނެވެ. އޭގެ ފަހުން ކްރިކެޓްގެ ތަފާތު ތިން ފޯމެޓްގައި އިންޓަނޭޝަނަލް މެޗުތަކުގައި ގާތްގަނޑަކަށް 10،000 ލަނޑު އޭނާ ހެދި އެވެ. ދެހާސް ސޯޅަ ވަނަ އަހަރުން ފެށިގެން އިންޑިއާގެ ގައުމީ ޓީމަށް އޭނާއަށް ފުރުސަތެއް ނުލިބެ އެވެ.
"ކްރިކެޓްގައި 15 އަހަރު ހޭދަ ކުރުމަށް ފަހު މި ހިތްގައިމު ކުޅިވަރުން ރިޓަޔާ ކުރަން އަހަރެން ނިންމައިފިން،" ސޯޝަލް މީޑިއާގައި އޭނާ އާންމުކޮށްފައިވާ ވީޑިއޯ މެސެޖުގައި ގައުތަމް ބުނެފައި ވެއެވެ.
"މި ކުޅިވަރުގައި ހަށިގަނޑު މަށައިގެން ދިއުމާ ކުރިމަތިވި ތަދުތައް އަދި ބިރުގަތުމާއި ކުރިމަތިވި ނާކާމިޔާބުތައް، އަހަރެން ދެން އޮތް ކެރިއާގައި ވެސް ތަޖުރިބާ ކުރަން ޖެހުމަކުންވެސް އަހަރެންގެ ހާސް ކަމެއް ނެތް. އަދި ހަމައެޔާއެކު އިންޑިއާއަށް ހޯދައި ދެވުނު ކާމިޔާބުތަކާއި 100 ހަމަކޮށް ހެދުނު ލަނޑުތަކާއެކު ހެދުނު ވިކެޓްތައް ހަދަން ކުރި ބުރަ މަސައްކަތް ދެން އޮތް ކެރިއަރުގައިވެސް ފެންނާނެ."
އޭނާގެ އެންމެ ފަހު މެޗަކަށް ވާނީ، އޭނާގެ ހޯމް ދަނޑު ދިއްލީ ޑެއާޑެވިލްސްގެ ދަނޑުގައި މާދާމާ އަންދަރާ އާ ދެކޮޅަށް ކުޅޭ މެޗެވެ. އޭނާ ވަނީ އިންޑިއާ ޕްރިމިއާ ލީގްގެ ޗެމްޕިއަންކަން ދެ ފަހަރަށް ހޯދާފަ އެވެ. އެއީ ކަލްކަތާ ނައިޓް ރައިޑާސް ގައި 2012 އަދި 2014 ވަނަ އަހަރު އެވެ.