ހަބަރު

އާންމުން ހާސްނުވޭ، ފެންގަނޑު ކޮންޓްރޯލް ވެއްޖެ: އެމްއެންޑީއެފް

ރައްޔިތުން ހާސްވާން ޖެހޭ ފަދަ ހާލަތެއް މިހާރު ނެތް ކަމަށާއި ދެ ގަނޑިއިރެއްހާއިރު ތެރޭގައި އެއްކޮށް ފެން ހިންދާލެވޭނެ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

އެންއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ކޮމާންޑަރު، ކާނަލް އަބްދުﷲ ޒުހުރީ މީޑިއާތަކަށް މިރޭ ވިދާޅުވީ، އެންމެ ބޮޑަށް ފެންބޮޑުވި އައިޖީއެމްއެޗްގެ ސަރަހައްދުގައި ވެސް މިހާރު ފެންހުރީ އެންމެ 10 އިންޗި ކަމަށާއި އާންމުންނަށް ހިނގާބިގާވެ އުޅެވޭ ވަރަށް މަގުތަކުން މިހާރު ފެންގަނޑު ހިންދާ ލެވިފައިވާ ކަމަށެވެ. ޒުހުރީ ވިދާޅުވީ، އިތުރަށް ބޯކޮށް ވާރޭ ނުވެހޭ ނަމަ، ކުރިއަށް ދެ ގަނޑިއިރުގެ ތެރޭގައި އެއްކޮށް ފެންގަނޑު ހިންދާލައި އޮޕަރޭޝަން ނިމުމަކަށް ގެނެވޭނެ އެވެ.

"އާންމުން ކަންބޮޑުވާން ޖެހޭ ކަމެއް ނެތް މިހާރު ފާހަގަވެފައި. ފެންގަނޑު މިވަނީ ކޮންޓްރޯލްވެފައި. މެޓުން ވެސް ލަފާކުރައްވަނީ މިއަދު ވެހުނުހާ ބޯކޮށް ނުވެހޭނޭ މިރޭ. އެކަމަކު ދަންނަވާކަށް ނޭނގޭ ވާނެ ގޮތެއް. މިރޭ ވާރޭ ނުވެހުނަސް އަޅުގަނޑުމެން މިރޭ ތިބޭނީ ތައްޔާރީ ހާލަތުގައި. ވަރަށް ބޮޑަށް ތައްޔާރީ ހާލަތުގައި މިތިބީ،" ޒުހުރީ ވިދާޅުވި އެވެ. "މިހާރު އާންމުންނަށް ހިނގާލާ ދުއްވާލާ އުޅެވޭ ވަރަށް ފެންގަނޑު މިވަނީ ކުޑަކުރެވިފައި،"

އޭނާ ވިދާޅުވީ މިހާރު ފެން ހިންދުމަށް 14 ޕަމްޕް ބޭނުން ކުރަމުން އަންނަ ކަމަށެވެ. އަދި މިރޭ އިތުރަށް ވާރޭ ވެހޭ ނަމަ، 19 ޕަމްޕް ފެންހިންދަން ބޭނުން ކުރާނެ ކަމަށް ޒުހުރީ ވިދާޅުވި އެވެ. އަދި ވަރަށް ބޯކޮށް ވާރޭ ވެހޭ ނަމަ، ޖުމްލަ 25 ޕަމްޕް ބޭނުން ކުރެވޭ ވަރަށް ތައްޔާރީ ހާލަތުގައި ހުރި ކަމަށް އޭނާ ވިދާޅުވި އެވެ. ޒުހުރީ ވިދާޅުވީ އިތުރު ބައެއް ކުންފުނިތަކުން ވެސް ޕަމްޕް ހަދިޔާކުރަން މިހާރު އެއްބަސްވެފައިވާ ކަމަށެވެ. އެގޮތުން، އަމީން ކޮންސްޓްރަކްޝަން އިން ވެސް ތިން ޕަމްޕް ހަދިޔާކުރާނެ ކަަމަށް ވެސް ވިދާޅުވި އެވެ.

އެލިއާއިން ވެސް މިއަދު ވަނީ ނުވަ ޕަމްޕެއް އެމްއެންޑީއެފްއަށް ހަދިޔާކޮށްފަ އެވެ.

މީގެ އިތުރުން އުރީދޫއީން ސިފައިންއަށް 50 ގަން ބޫޓް ހަދިޔާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ޒުހުރީ ވިދާޅުވީ ބައެއް ސާމާނުގެ ދަތިކަން ސިފައިންއަށް އެބަ ހުރި ކަމަށެވެ. އެހެން ނަމަވެސް އުރީދޫގެ އެހީތެރިކަމާ އެކު ދެން އޮޕަރޭޝަނެއް ހިންގާއިރު ހުރިހާ ސިފައިން ތިބޭނީ ގަން ބޫޓަށް އަރައިގެން ކަމަށް ވެސް ވިދާޅުވި އެވެ. ސިފައިންއަށް މިފަދަ ވަގުތުތަކުގައި އެހީތެރިވާ ފަރާތްތަކަށް އޭނާ ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

މީގެ އިތުރުން ކަސްޓަމްސް އާއި ފުލުހުންގެ އެހީތެރިކަން ލިބޭ ކަމަށް ޒުހުރީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކަސްޓަމްސްގެ މުވައްޒަފުންގެ އެހީތެރިކަމާ އެކު ވެލި ބަސްތާ ވެސް ތައްޔާރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ޒުހުރީ ވިދާޅުވި ގޮތުގައި އެ ބަސްތާތައް ތައްޔާރުކޮށްފައި ވަނީ މިރޭ އިތުރަށް ބޯކޮށް ވާރޭ ވެހިއްޖެ ނަމަ، ތަންތަނަށް ފެން ވަނުން ހުއްޓުވުމަށް އެތަކެތި ބޭނުން ކުރުމަށެވެ.