ހަބަރު

އީސީގެ ކުރީގެ ރައީސް ފުއާދު މަޖިލީހަށް ކުރިމަތިލާން ނިންމައިފި

އިލްކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވަން ނިންމަވައިފި އެވެ.

ފުއާދު ކުރިމަތިލައްވަން ނިންމަވާފައިވަނީ މައްޗަންގޮޅި ދެކުނު ދާއިރާއަށެވެ.

"އަވަސް"އަށް މައުލޫމާތު ދެއްވަމުން ފުއާދު ވިދާޅުވީ މަޖިލީހަށް ކުރިމަތިލާން ނިންމާފައިވަނީ މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ކަމަށާއި، އެގޮތަށް ނިކުންނަން ނިންމެވީ މިނިވަންކަމާއެކު މަޖިލީހުގެ މެމްބަރެއްގެ ޒިންމާތަކާއި ވާޖިބުތަށް އަަދާ ކުރެވޭނީ މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ނިކުމެގެން ކަމަށްވާތީ ކަމަށެވެ.

ފުއާދު ވިދާޅުވީ ޕާޓީއެއްގެ ޓިކެޓްގައި ވާދަ ކުރަން ވެއްޖެނަމަ މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ގެއްލިގެންދާކަން މީގެ ކުރިން ހިނގާފައިވާ ކަންކަމުންނާއި، އެނގިފައިވާ މައުލޫމާތު ތަކުން އެނގޭ ކަމަށެވެ. މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ނިކުމެ މަސައްކަތް ކުރައްވާނީ އެންމެހާ ރައްޔިތުންނާއި، ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށް ވެސް ފުއާދު ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން މަޖިލީހަށް ކުރިމަތިލާން ނިންމީ އެ ދާއިރާގެ ބައްދަލުވާ ގިނަ ރައްޔިތުންނެއްގެ ވެސް އެދުމުގެ މަތިން ކަމަށް ފުއާދު ވިދާޅުވި އެވެ މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ނުކުތް ކަމުގައިވީ ނަމަވެސް އެ ދާއިރާގެ ރައްޔިތުންގެ ވޯޓް ލިބޭނެ ކަމުގެ ޔަގީންކަން އެ ރައްޔިތުންވެސް އަރުވާ ކަމަށާއި، އެ ޔަގީންކަން ފުއާދަށްވެސް އެބައޮތް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އީސީގެ ރައީސްކަމުން ދުރުވެ، ފުއާދުގެ ދިރިއުޅުން ލަންކާއަށް ބަދަލު ކުރެއްވި އެވެ. ފުއާދު އެނބުރި ރާއްޖެ ވަޑައިގެންނެވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމާ ގުޅިގެންނެވެ. މީގެކުރިން އިންތިގާލީ ކެންޑިޑޭޓެއްގެ ވާހަކަ އިދިކޮޅުން ދެއްކި ދުވަސްވަރު އެ ކެންޑިޑޭޓަކީ ފުއާދު ކަމަށް އަޑު ފެތުރުނެވެ. އަދި އެކަމަށް ޝައުގުވެރިކަން ހުންނެވި ކަމަށް އޭރު ފުއާދު ވިދާޅުވެސްވެފައިވެ އެވެ.