ދިރާގު

ހާލުގައި ޖެހުނު މީހުންނަށް އެހީވާން ދިރާގުން 200،000 ރުފިޔާ ހަދިޔާކޮށްފި

މިއަދުގެ ފެންބޮޑުވުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ދިރާގުން މާލީ އެހީތެރިކަމާއި އެހެން ވެސް އެހީތައް ވެއްޖެ އެވެ.

ދިރާގުން ބުނި ގޮތުގައި މިއަދުގެ ކާރިސާގައި ގެއްލުންވި ފަރާތްތަކަށް އެހީވުމަށް އެ ކުންފުނިން ވަނީ 200،000 ރުފިޔާ ޑިޒާސްޓާ މެނޭޖްމަންޓަށް ހަދިޔާކުރަން ނިންމައިފަ އެވެ. އަދި މީގެ އިތުރުން އެމަޖެންސީ ހޮޓްލައިންގެ ކަންކަން ހަރުދަނާ ކުރަން ވެސް ދިރާގުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އެ އެހީތައް ހަވާލުކުރުމަށް ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދާއި އެހެން ވެސް އެ ކުންފުނީގެ އިސްވެރިން ވަނީ، ޑިފެންސް މިނިސްޓަރު މާރިޔާ ދީދީއާ މިރޭ ބައްދަލުކުރައްވައިފަ އެވެ.

އެ ބައްދަލުވުމަށް ފަހު މިނިސްޓަރު މާރިޔާ ވިދާޅުވީ ދިރާގުން މިފަދަ ނާޒުކު ދަނޑިވަޅެއްގައި އެހީވެދިނުމަށް އިސްނެގީތީ އެ ކުންފުންޏަށް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ދިރާގުން ވެދިން އެހީތެރިކަން ނަމޫނާއަކަށް ބަލައިގެން އެހެން ފަރާތްތަކުން ވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓަރު ގޮވާލެއްވި އެވެ.

ދިރާގުގެ ސީއީއޯ އިސްމާއިލް ވިދާޅުވީ ދިރާގުން މިފަދަ އެހީއެއް ދިނުމުގެ ބޭނުމަކީ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީގެ އަތެއް ދިއްކުރުން ކަމަށެވެ. އޭނާ ވިދާޅުވީ ދެ އާއިލާއެއް ގެއިން ނިކުންނަން ޖެހުމަކީ ލިބޭ ވަރަށް ބޮޑު ދެރައަކާއި ތަކްލީފެއް ކަމަށެވެ. އަދި އިސްމާއިލް ވަނީ ދިރާގުން ވެސް އެ އާއިލާތަކާ އެކު ތިބިކަން ހާމަކުރައްވައި ހަމްދަރުދީ ފާޅުކުރައްވައިފަ އެވެ.