ވާހަކަ

އީޝަލް

(4 ޑިސެމްބަރ 2018 އާ ގުޅޭ) -- "ހަމަޔަގީން... ދެން ހިނގާ ކާން، ދަރިފުޅު ސުފުރާމަތި ތައްޔާރުނުކުރާތީ ޒިޔަޒެލް އިނީ ނުކާން" މީކާޢިލް ބުންޏެވެ. ހީނލަމުން އީޝަލް ތަންމަތިން ފައިބައި މީކާޢިލްއާއެކު ހިނގައިގަތީ ކޮޓަރިން ނުކުންނާށެވެ.

ރޭގަނޑުގެ ކެއުމުގެ ކަންކަން ނިމި ބޭރުތެރެ ފެންނަ ގޮތަށް ހުރި ހާމަފެންޑާގައި ވަކައިން ވިޔެފައި ހުރި ގޮނޑިއެއްގައި ޒިޔަޒެލްއާއި މީކާޢިލް އިނެވެ. ކުރެހުން އަޅާފައިވާ ރިހި ތަބަކެއްގައި ކުޑަކުޑަ ބިއްލޫރި ތަށްޓެއް ބަހައްޓައިގެން އީޝަލް އައެވެ. ޒިޔަޒެލްގެ ގާތުގައި މަޑުކޮށްލުމާއެކު ތަބަށް ފުރަތަމަ ދިއްކޮށްލީ އޭނާއަށެވެ. އެކުޑަކުޑަ ތަށި ނަގައި ޒިޔަޒެލްގެ ތުނބުގައި ޖަހާލައި ބޯލީ ނިކަން މަދުންނެވެ.

"ގަހުވައާއި ނުލާ ޝީޝާ ފުރިހަމައެއްނުވާނެ" ޒިޔަޒެލް ބުނެލީ ހިނިތުންވެލައިގެން އިނދެއެވެ.

"ތިޔައީ ދުވަސްކޮޅެއްގެ ކަމެންނު... ދެން ފޫހިވެދާނެ" ޒިޔަޒެލްއަށް ބަލަން އިން މީކާޢިލް ބުނެލިއެވެ.

"މިސްރުން ރަހަފެނުނު ގަހުވަވަރެއްނުވޭ، އެމީހުންގެ އަތުން ޝީޝާ ފެނުނީއްސުރެން އޭގެ އަޖުމަ ބަލާލާ ހިތްވެފައި ހުރީ، ހިންދުކަރައިން އާރަމްއާ ދިމާވެ އޭނާ އަހަންނަށް މި ހަދިޔާކުރީ އަހަރެންގެ ހިތް އެނގިގެން ތޯއްޗެއް... އެހެންވީމަ އަދި އަމުދުން އަޖުމަ ނުބަލައެއް އެއްލައެއްނުލެވޭނެ" ހިނިއައިސްފައި އިނދެ ޒިޔަޒެލް ބުނެލިއެވެ.

"ހިންދުކަރައިގެ ވާހަކަ ބުނީމަ... ކޮބާތަ ލުގަލް... އަދިވެސް އަޅުގަނޑާ ހަމައަށް ގެނެސްދޭކަށްނުވޭތަ؟" މޭގައި ތަބަށް ޖައްސާލައިގެން ހުރެ އީޝަލް ވާހަކަދެއްކިއެވެ.

"އެ ސޮރާ ކަމެއް ހަވާލުކޮށްގެން މިއުޅެނީ، އޭނާ ގެނައި ދުވަހުން ފެށިގެން ހިސާބުގަނޑު ޖިންނިތަ ތިބެނީ ވަރަށް ޖެހިލުންވެފައި، އެ ބާރަކީ ޝައްކުކުރެވޭނޭ ބާރެއްނޫން... އެކަމަކު އޭނާގެ ނިޔަތާމެދު އަހަރެން ސުވާލު އުފެދޭ... މީކާޢިލް ކީކޭ ބުނަނީ" ޒިޔަޒެލް ފުންވިސްނުމަކަށް ގެއްލި އިނދެ ބުންޏެވެ.

"އީޝަލްއަށް ގެއްލުމެއް ދީފިނަމަ އަހަރެން އޭނާގެ ފުރާނަ އުފުރާލާނަން" ބޯނިވާކޮށްފައި އޮތް ފޮތިގަނޑު ނަގައި ދުރަށް ފޮޅާލަމުން މީކާޢިލް ބުނެލިއެވެ.

"ބައްޕާ... ލުގަލް އެހެނެއްނުހަދާނެ، އަޅުގަނޑަށް ގެއްލުމެއް ލިބުނަކަނުދޭނެ... އެހެންވެންގެތަ ލުގަލް ނުގެންނަން ތިހުންނަނީ، އަޅުގަނޑާއެކު ހުރިހާ ވަގުތެއްގައި ހުންނަން ލުގަލްއަށްވުރެ އެކަށީގެންވަނީ ކާކު؟" އީޝަލް މާޔޫސްވިކަން ހާމަކުރިއެވެ.

"ލުގަލްބަންދާގެ މަސައްކަތް ނިމުނުހާ އަވަހަށް އޭނާ ގެނެސްދޭނަން، އޭނާގެ ތަމްރީނުތައް ނިމުމަކާ މިހާރު ގާތްވެއްޖެ، މިހިސާބުގަނޑުގެ ޖަނަވާރެއްގެ ސިފައެއްނޫން އެއީ... މިތަނުގައި އުޅޭނަމަ އޭނާ ދަސްކުރަންޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަހުރި" ޒިޔަޒެލް ބުންޏެވެ. އޭނާގެ ބަސް އީޝަލް ޤަބޫލުކުރިއެވެ. އެތެރެއަށް އީޝަލް ވަދެގެން ދިއުމުން މީކާޢިލް ގޮވާލީ ޒިޔަޒެލްއަށެވެ.

"އޭނާއަށް ކުޅެން އާދައިގެ ބުޅަލެއް ގެނެސްދިންނަމަ މާރަނގަޅުވީސް... ވަލުކުކުޅެއް ވެސް ހިފުނީހެންނު، ތާލްމެން ގެންގުޅޭ ތަނުން ކުޑަ ޖަނަވާރެއް ނުގެނައީ ކީއްވެތަ؟ އަހަންނަށް ލުގަލްއަކަށް އިތުބާރެއްނުކުރެވޭ" މީކާޢިލްގެ ނިތަށް އަރާފައިވާ ރޫތަކުން ޒިޔަޒެލް ހަޤީޤަތް ދެނެގަތެވެ.

"ހިންދުކަރައިގެ ބޯޖަންގަލީގެ ތެރެއިން އެއްވެސް ހަމައެއްލަމައެއްނެތި އުޅެމުންދިޔަ ލުގަލްއަށް އީޝަލްގެ ކުރިމަތީ ގުޑިލަން ވެސް ނުކެރުނުކަން އަހަރެމެން ދުށީމެންނު، އެ ސޮރުގެ ދަޅުގައި ހިފައި އެ ދެލޮލަށް ބަލަން ހުރެ އީޝަލް ރުއީ ކީއްވެކަމެއް މިއަދާ ހަމައަށް ވެސް ނޭނގެ، މަޑުމަޑުން އީޝަލްގެ ކުރިމަތީ އެ ބޮޑު އެތި ބަނޑުޖެހިގޮތް މީކާޢިލްއަށް ވެސް ފެނުނު... އެ ދުވަހު ހިނގީ އަޖައިބު ކުރުވަނިވި ކަންތައްގަނޑެއް، އަހަރެން ބެލި ބެލުމުން އެނގުނު އެ ސޮރުގެ ދޫ އޮތީ ބުރިކޮށްލާފައިކަން، ފުރަތަމަ އަހަރެން ވެސް ހީކުރީ އިންސީގެ ވަސް އީޝަލްގެ ގައިގާ ހުރުމުން އެ ލެޔަށް އެ ސޮރު ދަހިވެތިވަނީކަމުގައި، އެކަމަކު އެ ރަތްކަން އެކުލެވިފައިވާ ދެ ލޮލުން ކަރުނަ ފާޅުވިތަން ނުދެކެންތަ؟ އީޝަލްގެ ނިންމުންތައް ހުރިހާ ފަހަރަކު ގޯސްވެދާނޭ ހީކޮށްގެން ނުވާނެއެއްނު" ޒިޔަޒެލް ބުންޏެވެ.

"އެހެންވިޔަސް އަހަރެމެންގެ އައްޑަނަ ތިރިކޮށްގެން ނުވާނެއެއްނު، އަހަރެން އެއްވެސް ވަރަކަށް އިތުބާރެއްނުކުރަން، ޒިޔަޒެލްގެ ސަބަބުން އެ ދުވަހު އަހަރެން އެއްބަސްވީ" މީކާޢިލް ބުންޏެވެ.

"އަހަރެމެންގެ ތެރޭގައި ލުގަލް ހިމެނުމަކީ އެހެންމީހުންގެ ކުރިމަތީ އަހަރެމެންގެ ބާރު އިތުރުވާނޭކަމެއްނު... އަހަރެން އޭނާގެ އުޅުމަށް ޝައުގުވެރިވޭ... އޭނާގެ އަސްލު އެނގެން އަހަރެން ވެސް ބޭނުން، އީޝަލްއާއެކު މިކޮޅަށް އައީސުރެން އެ ސޮރުގެ ކިޔަމަންތެރިކަން ދުށީންތަ؟ އަހަރެންގެ ބަހަށް އޭނާ ދެކޮޅެއް ނުހަދާ.... އީޝަލްއާއެކު ވަގުތު ހޭދަކުރަން އޭނާ ބޭނުންވާކަން އަހަރެންނަށް އެނގޭ... މިހާރު ވެސް ދުރުގައި ހުއްޓެއްކަމަކު އީޝަލްގެ ނަން ބުނެލާއިރަށް އެ ދެލޮލުން އާދަޔާ ޚިލާފު ވިދުމެއް ފާޅުވެގެންދޭ، ދެރައީ އޭނާއަށް ވާހަކަނުދެއްކޭތީ" ޒިޔަޒެލް ބުނެލިއެވެ.

"ދެން ލުގަލް ގެންނަނީތަ؟" މީކާޢިލް އެއްސެވެ.

"އަބަދަކު ދުރަކު ނުބެހެއްޓޭނެއެއްނު... ލުގަލް ދިޔަފަހުން އީޝަލް ވެސް އުޅެނީ ފޫހިވެގެން، މިޒަރެންނާ އަބަދު ދެބަސްވެ ޝަކުވާކުރުން ކަމަކީ... އަހަންނަށް ހީވަނީ މިޒަރެންނަށް ވެސް މިނިވަންވެލާނޭ ވަގުތު ދޭންވީހެން، އޭނާ ވެސް މިހާރު އެ ހުރީ ފުރިހަމަ ޒުވާނަކަށްވެފައި، ދިރިއުޅުމެއް ފަށަން ފުރުޞަތު ލިބޭނީ ވެސް އޭރުން" ޒިޔަޒެލްގެ ޚިޔާލު ފާޅުކުރިއެވެ.

* * * * *

ހަފްތާއެއް ފަހެވެ. މީކާޢިލްގެ ސަމާލުކަން އަތުލީ ބެރެބެދި ގަސް ދޮށަށް ފާޅުވާން އުޅޭ ޖިންނީންގެ ސަބަބުންނެވެ. ފަޒާއަށް ބަދަލެވެ. ދައުރުވަމުންދިޔަ ވައި މަޑުވެ އާދަޔާ ޚިލާފު ހިމޭންކަމެއް ވެރިވިއެވެ. ފޮތްތަކުން ބަރާވެފައި އޮތް ކުޑަމޭޒުގެ ދޮށުގައި ގޮނޑީގައި އަޅުވާލާފައި އޮތް ފޮތިގަނޑު މީކާޢިލް ނެގިއެވެ. ވޫލުގައި ހުންނަ ފަދަ މަޑުކަމެއް އެ ފޮތީގައި ހުރިއިރު ވިޔެފައިހުރި ގޮތުން ބަރަނީގެ ރޮނގުތައް ދުރުވެ ހާއަޅާފަދަ ގޮތެއް ހުއްޓެވެ. ކަޅުކުލައިގެ އެ ތުނި ފޮތިގަނޑު ނަގައި ބޯނިވާކޮށްލައި ކަރުދޮށުގައި އޮޅާލައި ފަދައިން އެއްފަށް ފުރަގަހަށް ދޫކޮށްލިއެވެ. އަދި ގަހުގެ ތިރިން ފާޅުވެލިއިރު އީޝަލް ހުރީ އެތަނުގައެވެ.
"މަރުޚަބާ މަންމާ... ބަލްޤިސް" އީޝަލްގެ ގައިގާ ބައްދާލައިގެން ހުރި ބަހީރާއާއި އޭނާގެ ގާތުގައި ހުރި ބަލްޤިސްއަށް މީކާޢިލް ބުނެލިއެވެ. އޭރު ބެރެބެދި ގަސް ކައިރީ ތަންކޮޅެއް ދުރުގައި އެ ސަރައްޙަދުގައި ދިރިއުޅޭ ޖިންނީންގެ ކުދިބޮޑު އެތައް ބަޔަކު އެއްވެފައި ތިއްބެވެ. އެ މީހުންގެ މޫނުތަކުން ހިނިތުންވުން ފާޅުވޭވޭ ހުއްޓެވެ.

ބޮޑުކިބާދާރީގެ ޖެކެޓު ދިގުކަމުން ބަލްޤިސްގެ ފައި އޮތީ ފޮރުވިފައެވެ. އެތެރެއިން ލާފައި ހުރި ހުދު ފޭރާމުގެ މަތިން ފެހިކުލައިގެ ޖެކެޓާއި އެއާ ގުޅުވާފައި ހުރި ގަހަނާ ފެނުމުން ކޮންމެ މީހަކަށް ވެސް އެއީ ޝާހީ ހާންދާނަކުން އައިސްފައިވާ ޖިންނިއެކޭ ތަފާތެއްނެތެވެ. ޅައުމުރުގެ ބަލްޤިސްއާއި މިހާރު ފެންނަ ބަލްޤިސް އެތައް ގޮތަކުން ތަފާތެވެ. އެ ދިގު އިސްތަށިގަނޑު އެއްކޮށްލާފައި ތަންތަންކޮޅުން އައްސާލަފައި އޮތެވެ. އަލިމޫނުން އޭނާގެ ޒުވާންކަން ފަނޑުވުމެއްނުވެއެވެ. ލޯބިވާ ބޭބެ ފެނުމާއެކު ކުރުނީސްކޮށް ސަލާމްކުރަން ބަލްޤިސް އަވަސްވެގަތެވެ.

"ޒިޔަޒެލް ކޮބާ؟" އީޝަލްއާއެކު ކުރިއަށް އައިސް މީކާޢިލްގެ ބުރަކަށީގައި ފިރުމާލަމުން ބަހީރާ އަހާލިއެވެ.

"މި ހުރީނު... އަރައިގެން އަންނަ އިރުފަދައިން މާޙައުލު އެއްކޮށް ހުޅުދާންވެއްޖެ، ފަޒާގެ ވަސް ބަދަލުވެއްޖެ... މީރު ހުވަނދަކުން ހުވަނދުލެވި ނަފްސުތަކަށް ފިނިކަން ލިބިގެން ހިނގައްޖެ، ސުބްޙާނަﷲ... ތިޔަހަރަ ރީތިކަމެއް ދޯ، އެތައްހާސް އަހަރުގެ ބަދަލު ތި މޫނުން އެއްގޮތަކެއް ވެސް ފާޅެއްނުވޭ، އައިޒަންގެ ހިތް ނުގުޑާނޭ ބުނަނީ އެހެންވެ" ޒިޔަޒެލް އައިސް ތިރިކޮށްލީ ބަހީރާގެ ގާތަށެވެ.

"ޒިޔަޒެލް... ކަލޭގެ ތިގޮތް ހުއްޓޭނީ ކޮންދުވަހަކުންތަ؟" ލުއި ހީނލުމަކާއެކު ބަހީރާ ބުނެލިއެވެ.

"މާމާ، އެތެރެއަށް ވަންނަންވީނޫންތޯ" ބަހީރާގެ އަތްތިލައަށް ދަމާލަމުން އީޝަލް ބުންޏެވެ.

"އެންމެ ފަހުން އައި އިރަށްވުރެ ވެސް މި ހިސާބުގެ ވަޒަންވެރިން ގިނަވެއްޖެހެން ހީވޭ" ވަށައިގެން ފެންނަމުންދިޔަ ޖިންނީންނަށް ނަޒަރު ހިންގާލަމުން ބަލްޤިސް ބުނެލިއެވެ.

"ޒިޔަޒެލްގެ ހެޔޮކަން އެއީ... ދެން އެވާހަކަ ބާއްވަބަލަ، ކޮންއިރަކުން ކޮއްކޮގެ ވާންއުޅޭ ފިރިމީހާ ފެންނާނީ، ކައިވެނިކުރާ ދުވަހުންތަ؟" ގޭތެރެއަށް ވަންނަން ހިނގައިގަންނަމުން މީކާޢިލް އަހާލިއެވެ. ބަލްޤިސްގެ މޫނުން ފެނުނު ކުލަވަރުން މީކާޢިލްއަށް ޖަވާބު ލިބިގެންދިޔައެވެ.

"އަހަރެމެންނާ ބައްދަލުކުރަން ބައްޕަ ނުރުހެނީ ދޯ" އިސްޖަހާލަމުން މީކާޢިލް ބުންޏެވެ. އެހިނދު އޭނާގެ އަތުގައި ބަލްޤިސް ހިފާލިއެވެ.

"އެހެނެއްނޫން، އެމީހުންގެ ތެރޭގައި ބޭބެގެ ޤަދަރު ކުޑަވާން ބައްޕަ ނޭދެނީ، މިޝަލް އަހަރެމެންނާ ވަކިވެގެން ދިޔައީ ލޯބިލޯބި އެ މައުސޫމް ފުރާނަ ހަވާލުކޮށްފައި، އެކުއްޖާގެ މައްޗަށް އަހަރެމެންގެ ތެރެއިން ބަޔަކު އަނިޔާވެރިވެދާނޭތީ ބައްޕަ ކަންބޮޑުވޭ، ބޭބެއަށް އީޝަލްއާ ނުލާ ނޫޅެވޭނެކަން އެނގޭ، އެނބުރި އަންނާށޭ ބުނަން ބައްޕަ ކިތަންމެ ބޭނުންވިޔަސް އެހެންބުނެވެންނެތީ، ޒިޔަޒެލްގެ ގާތުގައި އެކުއްޖާފުޅަށް ރައްކާތެރިކަން ބޮޑުވާނެތީ، ޤަބީލާތަކުގެ ތެރޭގައި އެއް ނަސްލުތަކަށް ނޫނީ ފުރުޞަތެއް ނޯވޭ، އަދިވެސް އެ ތަފާތުކުރުން ނެތިގެނެއްނުދޭ، އެކަމަކު ދެރަނުވޭ... އަހަރެންގެ ކައިވެނި ފުރިހަމައެއްނުވާނެ ބޭބެއާއި އީޝަލްއާ ނުލާ، ޒިޔަޒެލް ވެސް... އެ ދުވަހުން އިރާދަކުރެއްވިއްޔާ އޭނާއާ ބައްދަލުވާނެ" އިރުމަތީ ފެންޑާގައި އަތުރާފައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި ބަލްޤިސް އިށީނެވެ. އޭނާގެ ކައިރީ ހުރި ގޮނޑީގައި މީކާޢިލް ވެސް އިށީނެވެ. ވާހަކައިގައި ތިބެ ބަހީރާއާއި ޒިޔަޒެލް ވެސް އެތަނުން ގޮނޑިތަކުގައި އިށީނެވެ. އީޝަލް ދުވެފައިވަނީ ގޭތެރެއަށެވެ. އަވަހަށް ހެނދުނަށް ފެލި އަންނާރުގެ ދިޔަ އެޅި ބިއްލޫރި ކުޑަ ކަންވާރުން މެހެމާނުންނަށް ބޭނުންކުރާ ތަށިބަޔަށް އަޅައި ރިހި ތަބަކުގައި އަތުރާލިއެވެ. އަދި ހަލުވިކަމާއި ފަރިތަކަމާއެކު ތަބަށް ހިފައިގެން އައިސް މާމައާއި ބޮޑުދައިތައަށް މެހެމާންދާރީ އަދާކުރުމަށް އީޝަލް އުޅުނެވެ.

"އައްދޭ މިހާރު އަތުގައި އެޅީ ދޯ... އަދިކިރިޔާ މާމައަށް މި ފެނުނީ" އީޝަލްގެ އަތުގައި އޮތް ކެވެލިކޮޅު ލޮލުގައި އަޅައިގަތުމުން އެ އަތުގައި ބަހީރާ ހިފާލިއެވެ.

"މާމައަށް ޝުކުރުއަދާކުރަން ބޭނުންވެފައި ހުރީ... ވަރަށް ރީތި މިކެވެލިކޮޅު، މީ ކޮންތާކުން މާމަ ހޯދި ކެވެލިކޮޅެއްތަ؟ ތަފާތު ވަރަށް... އަޅުގަނޑާ ގުޅޭ ދޯ... ޝުކުރިއްޔާ މާމާ" ބަހީރާގެ އަތުގެ ތެރެއިން އަތް ހިއްލާލައި އީޝަލް އެ އަތް ތަޅުވާލިއެވެ. އެއާއެކު ކެވެލިކޮޅު ތެޅިލިއެވެ.

"މާމަގެ އީޝަލްއަށް ވަރަށް ގުޅޭނެކަން އެނގުނު އޭރުވެސް... ދަރިފުޅުގެ ބޮޑުދައިތަގެ ކައިވެންޏަށް ގެނުވި ގަހަނާގެ ތެރެއިން މާމައަށް ފެނުނު ކެވެލިކޮޅެއް، ފުރަތަމަ ފެނިލުމުން ވެސް ހަނދާންވީ ދަރިފުޅުގެ މަތިން" ހިނިތުންވެލައިގެން އިން ބަހީރާގެ އަޑުގައިވީ އޯގާތެރިކަމެވެ.

"އިއްޔެ އުރުގައި އިން ކުއްޖާއެއްނޫން މި ފެންނަނީ... ދުވަސްތައް ދިޔަ ގޮތް ވެސް ނޭނގޭ، އީޝަލް ހާދަ ބޮޑުވެއްޖެއޭ ދޯ" އީޝަލް އެތެރެއަށް ވަދެގެން ދިޔަ ވަގުތު ބަހީރާ ބުނެލީ ޒިޔަޒެލްއަށް ބަލާލަމުންނެވެ. އީޝަލް ފެންނަ ކޮންމެ ފަހަރަކު އެއީ ބަހީރާގެ އާދައެވެ.

"މިހާރު ވަރަށް ވަރުހުރޭ ބޭރުތެރޭގައި އުޅޭން، ކަންކަން ދަސްކުރަން ވަރަށް ފޯރިހުރޭ، ހިތް ވަރަށް އަލި... އަދިވެސް އޭނާގެ ފުރިހަމަ ބާރެއް ނޭނގޭ، އެކަމަކު ވަގުތު ޖެހުމުން އެއީ ސިއްރުވާނޭ ކަމެއްނޫންކަން އެނގޭ" ޒިޔަޒެލް ވެސް ހިނިތުންވެލިއެވެ.

"އެ މޫނުން އަހަންނަށް އޭނާގެ މަންމަ ސިފަވޭ، އިންސީގެ ތެރޭގައި އުޅުމުގެ ޝައުގުވެރިކަން އެކުއްޖާ ނުގެންގުޅޭކަން އެއީ ނަސީބެކޭ ބައެއްފަހަރު ހިތަށް އަރާ" ބަހީރާ ބުނެލިއެވެ.

"އެކަމަކު އަހަރެމެންގެ ތެރޭގައި ވަކި ރައްކާތެރިކަމެއް އެބައޮތްތަ؟" ފިނިނޭވާއަކާއެކު ދެފަރާތަށް ޒިޔަޒެލް ބޯހޫރުވާލިއެވެ.

"ޒިޔަޒެލް، ކަލޭ އަހަރެންގެ ކުދީން ރައްކާތެރިކުރާނޭކަމާމެދު ޝައްކެއްނުކުރަން، އެކަމަކު އެ ކުދީންނަށް ނުރައްކަލެއް ކުރިމަތިވާ ވަގުތު އަހަރެމެންނަށް ނާންގާ ނުހުންނައްޗޭ، އައިޒަން ކަލެއަށް ކިތަންމެ ފާޑުކީ ނަމަވެސް އޭނާ ކަލޭދެކެ ވަރަށް ލޯބިވޭ، ކަލޭ ގާތުގައި މީކާޢިލް ހުރީމަ އޭނާއަށް ހިތްހަމަޖެހިލާނޭ ވަގުތު އެ ވަނީ" ބަހީރާގެ މޫނުން ވެސް ފާޅުވީ އުދާސްކަމެވެ.

"އަހަރެންގެ މޮޔަކަމުގެ ތެރެއިން ސަލާމަތްކުރަން އޭނާ އައި ހަނދާން ދުވަހަކުވެސް ނުނެތޭނެ، އަހަރެންގެ ސިފައަކީ އެ ދުވަހުގެ ހަނދާންތައް އާކޮށްދޭ ކަމެއް، މި ނޫން ސިފައެއް ޚިޔާރު ނުކުރަން އަހަރެން ނިންމީ އެހެންވެ" ޒިޔަޒެލްގެ މޫނުން އަނދާފައިވާ ބައިގައި އަތްތިލަ ހިންގާލިއެވެ.

ބަހީރާ ގެނައި ހަދިޔާތަކުގެ ތެރޭގައި ތަފާތު މޭވާގެ ވައްތަރުތައް ހުއްޓެވެ. އަވީގައި ހިއްކާފައި ހުރި މަހުގެ ބާވަތެއް ހުއްޓެވެ. އީޝަލްއަށް ޓަކައި ޚާއްޞަކޮށްގެން ހެދުމެއް ތައްޔާރުކޮށް އެ ހެދުން ހަދިޔާ ކުރީ ބަލްޤިސްއެވެ. ރަށުތެރެއަށް ބަލްޤިސްއާއެކު އީޝަލް ނުކުތެވެ. އެ ދެ މީހުން އެކަނި ދިއުމަށް މީކާއިލް ޤަބޫލުނުވިޔަސް އޭނާ ހުއްޓުވީ ޒިޔަޒެލްއާއި ބަހީރާއެވެ.

"މިހާރު އެއީ މީކާޢިލްގެ ކުރީގެ ކޮއްކޮއެއްނޫނޭ، އޭނާގެ ކުޅަދާނަކަމުގެ ވާހަކަތައް އަޑެއް ނާހަންތަ؟" ބަހީރާގެ އަޑުގައިވީ ފަޚުރުވެރިކަމެވެ.

"މަންމާ... އަހަރެންގެ ހިތުގައި އަހަރެންގެ ކޮއްކޮއާއި ދަރިފުޅުގެ މައްޗަށް އޮންނަ ކަންބޮޑުވުން ދުވަހަކު ވެސް ފިލައިގެން ނުދާނެ" މީކާޢިލް ބުނެލިއެވެ. އެއާއެކު ބަހީރާ ހީނލީއެވެ.

"ދަރިފުޅު ތިހެން ވާހަކަދެއްކީމާ ހީވަނީ ދަރިފުޅުގެ ބައްޕަހެން" ބަހީރާ އަދިވެސް އިނީ ހިނިއައިސްފައެވެ.

ބަލްޤިސްއާއެކު އުދުހެމުންދިޔަ އީޝަލްގެ ލޮލުގައި ރަށުގެ ފުއްޓަރު ފަރާތުން ހިކިފައި އޮތް ފަރުމަތި އަޅައިގަތެވެ. ބޮލި ހޮވުމުގެ ޚިޔާލު ސިކުނޑިއަށް ވަނީ އެވަގުތެވެ. އީޝަލް އެ ދިމާއަށް މިސްރާބު ޖެހިއެވެ.

"ތިރިއަށް ދަނީ ކީއްކުރަން؟" ބަލްޤިސްއަށް އީޝަލްގެ ނަޒަރު ހުރި ދިމާ އެނގި އަހާލިއެވެ. (ނުނިމޭ)