ހަބަރު

ދެ ކޮމިޝަނަށް ބާރުދޭ ގޮތާ މެދު ކައުންސިލް ޖެނަރަލްގެ ކަންބޮޑުވުންތަކެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ދެ ކޮމިޝަންއަށް، "ދައުލަތުގެ ފައިސާއާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމުގެ ބިލް" އިން ބާރުތައް ދޭ ގޮތާ މެދު ރައްޔިތުން މަޖިލީހުގެ ކައުންސިލާ ޖެނަރަލް ފާތިމަތު ފިލްޒާ ކަންބޮޑުވުންފާޅުކޮށް، ކަންކަން އިސްލާހު ކުރުމަށް ލަފާދީފި އެވެ.

މަރުތަކާއި ހިޔާނާތްތަކުގެ މައްސަލަތައް ތަހުގީގު ކުރާ ދެ ކޮމިޝަނަށް ބާރުދޭ ބިލާ މެދު ފިލްޒާ ކަންބޮޑުވުން ފާޅުކޮށްފައި ވަނީ އެ ބިލާ މެދު ގާނޫނީ ލަފައަކަށް އެދިފައިވާތީ އެ ކަމާ ބެހޭގޮތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްއަށް ފިލްޒާ ފޮނުވި ސިޓީއެއްގަ އެވެ.

އެ ސިޓީގައި ފިލްޒާ ވިދާޅުވީ ރާއްޖޭގައި ހިނގާފައި ހުރި މަރުގެ މައްސަލަތަކާއި ކޮރަޕްޝަންގެ މައްސަލަތަކުގެ މައްޗައް އެ ކޮމިޝަންގެ ބާރު ހިނގާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ބިލު އޮންނަ ގޮތުން ފުލުހުންށާއި އޭސީސީ އަދި ތަހުގީގީ އިދާރާތަަކަށް ދޭ ބާރުތައް ހަނިވާ ކަމަށާއި އަދި ރައީސްގެ ގަރާރަކުން ވިޔަސް އެ މުއައްސަސާތަކުގެ ބާރު ހަނިވާ ގޮތަށް ގާނޫނެއް ހެދިގެން ނުވާނެ ކަމަށް ފިލްޒާ ވިދާޅުވެފައިވެ އެވެ.

ދެ ކޮމިޝަނަކީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސްއަށް ލިބިދޭ ބާރުގެ ދަށުން އުފައްދާ ގާނޫނީ ހައިސިއްޔަތު ލިބިފައިވާ ދެ ކޮމިޝަނެއް ކަމަށާއި އެހެންކަމުން ބިލު ވާން ވާނީ ކޮމިޝަނެއް އުފައްދާ ބިލެއްގެ ބަދަލުގައި މަސްއޫލިއްޔަތު އަދާ ކުރުމަށް ބޭނުންވާ ބާރުތަކާއި އިޖުރާއަތްތައް އެކަށެއެޅޭ ބިލެއް ގޮތުގައި ކަމަށް ވެސް ފިލްޒާ ވިދާޅުވެފައިވެ އެވެ.

ގާނޫނުގެ ދަށުން ދެ ކޮމިޝަނުން ކުރުމަށް ތަސައްވަރުކޮށްފައިވާ މަސައްކަތުގެ ދާއިރާއަކީ، ރައީސް ނެރުއްވި ގަރާރުގައި ކަނޑައަޅާފައިވާ ދާއިރާއަށް ވުރެ ފުޅާ ދާއިރާއެއް ކަމަށް ފިލްޒާ ވިދާޅުވެފައިވެ އެވެ. ރައީސްގެ ގާރާރުން ހަވާލު ކުރެވިފައިވާ މަސައްކަތްތައް ނިމުނު ކަމުގައިވީ ނަމަވެސް ގާނޫނުން މަތިކޮށްފައިވާ މަސައްކަތްތައް ނުނިމެނީސް ގާނޫނު އުވާލުމުގެ ބާރު ނުވަތަ މަސައްކަތުގެ ދާއިރާ ބަދަލު ގެނައުމުގެ ބާރު ރައީސްއަށް ލިބިގެން ނުވާ ކަމަށެވެ. އެހެންކަމުން އެއީ ރައީސްއަށް ލިބިފައިވާ ބާރުތައް ހަނިކުރެވޭ ކަމެއް ކަމުގައި ފާހަގަ ކުރެވޭ ކަމަށް ފިލްޒާ ވިދާޅުވެފައިވެ އެވެ.

ބިލުގައި ކޮމިޝަންތަކުގެ މަސްއޫލިއްޔަތު އަދާ ކުރުމަށްޓަކައި ވަރަށް ގިނަަ ބާރުތައް ލިބިދދީފައިވާ އިރު އެ ކަންކަމަށް ކޮމިޝަނުން އަމަލު ކުރާނީ ކޮން އުސޫލުތަކުންކަން ބަޔާން ކުރާ އެއްވެސް މާއްދާއެއް ބިލްގައި ނުވާ ކަމަށް ފިލްޒާ ވިދާޅުވެފައިވެ އެވެ. އަދި ކޮމިޝަނުން މަސައްކަތް ކުރުމުގެ ހާއްސަ އިޖުރާއަތް އެކަށާއަޅާނެ ވާހަކަ ބުނެފައިވީ ނަމަވެސް، އެއްވެސް މާއްދާއެއްގައި އެ އިޖުރާއަތްތައް ބަޔާންކޮށްދީފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

ދެ ކޮމިޝަނަށް ބިލުން ލިބޭ ބައެއް ބާރުތައް:

  • އާންމު ތަންތަން ބަލާ ފާސް ކުރުން
  • މައްސަލަތަކާ ގުޅޭ ތަކެއްޗާއި ހެކިތައް ހިފެހެއްޓުން
  • ތުހުމަތު ކުރެވޭ ފަރާތްތަކުގެ ބެންކު މައުލޫމާތު ހޯދުން
  • އެކައުންޓު ފްރީޒް ކުރަން އެންގުން
  • މީހުން ހާޒިރުކޮށް ހެކި ބަސް ނެގުން
  • ފުލުހުން މެދުވެރިކޮށް ހައްޔަރު ކުރުން
  • ޕާސްޕޯޓު ހިފަހައްޓަން އެނގުން
  • މުދަލާއި ފައިސާ ރާއްޖެއިން ބޭރަށް ގެންދިޔުން މަނާ ކުރުން
  • މިލްކުވެރިކަން ބަދަލު ކުރުން ހުއްޓުވުން

ފިލްޒާ ވިދާޅުވެފައި ވަނީ ޕީޖީ އޮފީހަކީ މިނިވަން މުސްތަގިއްލު އޮފީހަކަށް ވާއިރު އަދި ދައުވާ ކުރުމަށް ހާއްސަ ޑިޕާޓްމަންޓެއް ޕީޖީ އޮފީހާ މުޅިން ވަކި އިމާރާތެއްގައި ހިންގަން ޖެހޭ ސަބަބަކީ ކޮބައިކަމެއް ބިލުން ސާފު ނުވާ ކަމަށެވެ. އަދި ޕީޖީގެ ސީދާ އަމުރާއި އިރުޝާދުގެ ދަށުން ވިޔަސް އެސިސްޓަންޓު ޕީޖީގެ މަގާމުގައި ހުރި މުވައްޒަފެެއްގެ ދަށުން ހިންގާ ޑިޕާޓްމަންޓެއް އެކުލަވާލާފައިވާ ވާހަކަ ބިލުގައި ކަނޑައެޅިގެން ބަޔާންކޮށްފައި އޮތުމަކީ ގާނޫނު އަސާސީ އިން ޕީޖީ އަށް މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާ ކުރުމަށް އޮތް ހުރަހަކަށް ވެދާނެ ކަމަށް ވެސް ފިލްޒާގެ ލަފައިގައިވެ އެވެ.

ކޮމިޝަނުން ތަހުގީގުކޮށް ފޮނުވާ މައްސަލަތައް ޕީޖީއަށް ފޮނުވާ ތާރީހުން ފެށިގެން 15 ދުވަހުގެ ތެރޭގައި ދައުވާ އުފުލުމާ މެދު ގޮތެއް ނިންމަވާނެކަން ބަޔާންކޮށްފައިވަ އިރު ދައުވާ ކުރުމަށް ކަމާ ބެހޭ ކޯޓަށް ފޮނުވަން ޖެހޭނީ ވެސް 15 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ކަން ބިލުން ސާފު ނުވާ ކަމަށް ފިލްޒާ ވިދާޅުވެފައިވެ އެވެ އަދި މައްސަލަތައް އިސްތިއުނާފް ކުރުމަށް ބިލުގައި ކަނޑައަޅާފައިވާ މުއްދަތަކީ ވެސް އެކަމަށް އެކަށީގެންވާ މުއްދަތެއް ކަމާ މެދު ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. ސަބަބައް ކަމަށް ފިލްޒާ ވިދާޅުވެފައި ވަނީ އިންސާފުވެރި ޝަރީއަތެއް ކުރުމަށް އަދި ކުށުން ބަރީއަވުމަށް މަސައްކަތް ކުރުމުގެ ހައްގަކީ ދައުވާ ލިބޭ ކޮންމެ ފަރާތަކަށް ވެސް ލިބިގެންވާ ހައްގަކަށް ވާއިރު ޝަރީއަތަށް ހުށަހަޅަން ޖެހޭ މައްސަލަތައް ބަލާ ނިމޭނީ ޑިއު ޕްރޮސެސްގެ ތެރެއިން ކަން ކަށަވަރު ކުރަން ޖެހޭތީ އެވެ.

އެ ބިލާ މެދު ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުން އެވެ. ޕީޕީއެމް އިން ބުނަމުން ދަނީ އެ ބިލްގެ މަގުސަދަކީ ވަކި ސިޔާސީ ބަޔަކު ހައްޔަރުކުރުން ކަމަށެވެ. އަދި ފުލުހުންގެ އިދާރާ އާއި އޭސީސީ ފަދަ ތަންތަން ހުއްޓާ އެވަރު ބޮޑެތި ބާރުތަކެއް ރައީސް އެކަނި އެކުލަވާލައްވާ ކޮމިޝަނަކަށް ދިނުން ގަބޫލު ނުކުރެވޭ ކަމަށް ވެސް ޕީޕީއެމްގެ ބޭފުޅުން އަންނަނީ ވިދާޅުވަމުން އެވެ.