މަރުތައް ތަހުގީގު ކުރާ ކޮމިޝަން

މަރު ކޮމިޝަންގެ ބައްދަލުވުން ސިއްރުކޮށްފި

ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ މީހުންނާއި މަރާލައިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ މަރު ކޮމިޝަންގެ މެމްބަރުންނާއެކު މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)ން ބޭއްވި ބައްދަލުވުން ސިއްރުކޮށްފި އެވެ.

މަރު ކޮމިޝަންގެ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް އެ ކޮމިޝަންގެ އިސް ބޭފުޅުން މަޖިލީހުގެ 241 ކޮމިޓީއަށް ހާޒިރު ކުރީ މިއަދު މެންދުރުފަހު 1:30 ގައެވެ.

މަރު ކޮމިޝަންގެ މެމްބަރުން ހާޒިރު ކުރީ ތިން މައްސަލައަކާ ގުޅޭ ގޮތުން ސުވާލުކުރުމަށެވެ. އެއީ ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލުވާނުގެ މަރުގެ މައްސަލަ އާއި، ރ. މީދޫ ފެންފިޔާޒްގޭ މުހައްމަދު އަނަސް އަދި ހ. ދޫހިމެރިގެ، ނަދާލް ރަޝީދުގެ މަރުގެ މައްސަލައާ ގުޅޭގޮތުން ސުވާލުކުރުމަށެވެ.

ނަމަވެސް އޭގެތެރެއިން ބައެއް މައްސަލަތަކަކީ ތަހުގީގު ކުރިއަށްދާ މައްސަލަތަކަކަށް ވާތީ އެ ބައްދަލުވުން ސިއްރުކުރަން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި އެވެ. އެ ހުށަހެޅުއްވުމަށް ތާއިދުކުރެއްވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބް އެވެ. އަދި ކޮމިޓީގެ މެމްބަރުންގެ ވޯޓާއެކު އެ ބައްދަލުވުން ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ކުރިއަށް ގެންދަން ކޮމިޓީގެ މުގައްރިިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ނިންމެވި އެވެ.

މީގެ ކުރިންވެސް 241 ކޮމިޓީން މަރު ކޮމިޝަންގެ މެމްބަރުންނާއެކު ބޭއްވި ބައްދަލުވުންތައް ސިއްރުކޮށްފައިވެ އެވެ.

މަރު ކޮމިޝަނުން ކުރަމުންދާ ތަހުގީގުތަކުގެ ތެރެއިން ރިލުވާނުގެ މަރުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިމަހުގެ ތިންވަނަ ދުވަހު މަރު ކޮމިޝަނަށް ހާޒިރުކޮށްފައިވެ އެވެ. ނަމަވެސް އެމަނިކުފާނު ވަނީ ކޮމިޝަންގެ ތަހުގީގުގައި ހަނު ހުންނަވާފަ އެވެ.

މަރު ކޮމިޝަންގެ މަސައްކަތްތައް އެކަށީގެންވާ ގޮތަކަށް ކުރިއަށް ނުދާތީ އެ ކޮމިޝަނަށް އަބަދުވެސް ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.