ހަބަރު

މިއަދު މާލެއަށް މޫސުން ރަނގަޅު، މާދަމާ ވިއްސާރަ ވެދާނެ: މެޓް

ކުރިއަށް އޮތް 24 ގަޑިއިރު މާލެއަށް މޫސުން ރަނގަޅު ވާނެ ކަމަށާއި ނަމަވެސް މާދަމާ ކޮންމެވެސް ވަރަކަށް މާލެއަށް ވިއްސާރަކޮށްފާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ބުނެފި އެވެ.

މޫސޫމާ ބެހޭ ގައުމީ އިދާރާއިން ބުނި ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އުތުރުގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށާއި މެދުރާއްތެރެއާއި ދެކުނުގެ ރަށްތަކަށްވެސް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ. އަދި އެންމެ ބޯކޮށް ވާރޭ ވެހި ފެންބޮޑުވި މާލޭގެ މޫސުން މިއަދު ރަނގަޅުވިޔަސް، މާދަމާ ވިއްސާރަވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ބުނެ އެވެ.

އިއްޔެ ހެނދުނުން ފެށިގެން ހަވީރުއާ ހަމައަށް މާލެއަށް ބޯކޮށް ވާރޭވެހި 223 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފަ އެވެ. މާލެއަށް ވެހުނު ވާރެއާއެކު ގިނަ މަގުތަކުގައި ފެން ބޮޑުވެ އާއްމުންގެ ގެތަކަށް ވަނީ ފެންވަދެފަ އެވެ. އަދި ފިހާރަތަކާއި ގެތަކަށް ފެންވަންނަމުން ދާތީ އެ ސަރަހައްދުތަކުގައި ފުލުހުންނާއި އާއްމުން ގުޅިގެން ވަނީ ވެލިބަސްތާތައް ޖެހި އެވެ.

މާލެއަށް ވެހުނު ވާރޭގައި އެންމެ ބޮޑަށް ގެއްލުން ވެފައި ވަނީ މާފަންނު ސަރަހައްދަށެވެ. މާފަންނުގެ އިތުރުން، އަމީނީ މަގާއި މަޖީދީ މަގުގައިވެސް ފެން ބޮޑުގެ އެ ސަރަހައްދުތަކުން ފެން ހިނދުމުގެ މަަސައްކަތުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއިން ވަނީ ރޭގަނޑުވެސް ކުރި އެވެ.