ހަބަރު

ފެންބޮޑުވި ހާދިސާގައި އެހީދޭން 99 ގެއެއް ބަލައިފި

އިއްޔެގެ ފެންބޮޑުވުމުގެ ހާދިސާގައި ގެއްލުންވި މާލޭގެ ގެތަކުގެ ތެރެއިން 99 ގެއެއްގެ އެސްސްމަންޓް ނިންމާލާފައިވާ ކަމަށް ޑިސާސްޓާ މެނޭޖްމަންޓް ސެންޓަރުން ހާމަކޮށްފި އެވެ.

ރިކޯޑް އަދަދަކަށް ވާރޭވެހި މާލޭގެ ބޮޑު ބައެއްގައި ފެންބޮޑުވެ އެކި ވަރުގެ ގެއްލުން ލިބުނު ގެތަކުގެ އަދަދު 160 އަށް އަރައެވެ.

"އަވަސް" އަށް މިއަދު މައުލޫމާތުދެއްވަމުން ޑިސާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ޕްރޮޖެކްޓް ޑިރެކްޓާ ހިސާން ހަސަން ވިދާޅުވީ، ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބުނު ގެތަކުގެ ތެރެއިން މިހާތަނަށް 99 ގެއެއްގެ އެސެސްމަންޓް ނިންމާލެވިފައިވާ ކަމަށެވެ. ބާކީ ހުރި ގެތަކުގެ އެސެސްމަންޓް މިއަދު ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ހިސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އިއްޔެގެ ހާދިސާގައި ގެންލުންވި މިންވަރު ވަކި ފިގާއެއްގެ ގޮތުގައި އަދި ބުނަން ނޭނގުނަސް، ވަރަށް ބޮޑަށް ގެއްލުންވެ، ދައުލަތުގެ ބެލުމުގެ ދަށުގައި ދެ އާއިލާއެއް މިވަގުތު ބަލަހައްޓަމުން ގެންދާ ކަމަށެވެ. ވަގުތީ ބޯހިޔާވަހިކަމަށް ބޭނުންވި އެ ދެ އާއިލާގެ 20 މީހުން ބައިތިއްބާފައި ތިބީ ހޮޓަލެއްގަ އެވެ. އެހެން ނަމަވެސް އެ ދެއާއިލާގެ މީހުން، އެސެސްމަންޓްތައް ނިމުމުން މިއަދުގެ ވަގުތެއްގައި ގެއަށް ބަދަލުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ހާދިސާގެ މުޅި ގެއްލުން ރިކަވާ ކުރެވެން ނަގާނީ ކިހާ ވަގުތެއް ކަމެއް ބުނަން ނޭނގޭ. އެހެން ނަމަވެސް، އަޅުގަނޑުމެން މިދަނީ ގެއްލުމުގެ އަސަރު ހުރީ ކިހާ ވަރަކަށްތޯ ބަލަމުން. ނިމުނު ހާ އަވަހަކަށް ގެއްލުންތަކަށް އެޕްރޯޗް ކުރުމުގެ މަސައްކަތް ފެށިގެންދާނެ. މިއަދު އެސެސްމަންޓް ހަދައި ނިމޭނެ ކަމަށް ގަބޫލުކުރަނީ،" ހިސާން ވިދާޅުވި އެވެ.

އިއްޔެގެ ފެންބޮޑުވުމުގެ ހާދިސާގައި މާލޭގެ ބައެއް ސަރަހައްދުތަކުގައި ހަތަރު ފޫޓަށް ފެންބޮޑުވެފައިވާއިރު، ފެން ހިންދުމުގެ މަސައްކަތް ނިންމާލާފައި ވަނީ ރޭ ދަންވަރު 2:45 ހާއިރު އެވެ. އެ މަސައްކަތުގައި ސަލާމަތީ ބާރުތަކުންނާއި ސިފައިން އަދި ސަރުކާރު މުވައްޒަފުންނާއި އާންމުން ވަނީ ބައިވެރިވެފަ އެވެ.