ހަބަރު

ސަފީރުކަމަށް އަށް ބޭފުޅަކު އައްޔަން ކުރަން މަޖިލީހަށް

ބޭރު ގައުމުތަކަށް ރާއްޖެއިން ސަފީރުން އައްޔަން ކުރެއްވުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަނޑައެޅުއްވި އަށް ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

އެބޭފުޅުންގެ ނަންތައް މަޖިލީހަށް ފޮނުވާފައި ވަނީ ރާއްޖޭގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ. ބޭރުގައުމުތަކަށް ރާއްޖެއިން ސަފީރުން އައްޔަން ކުރެއްވުމަށްޓަކައި ރައީސް ކަނޑައެޅުއްވި އަށް ބޭފުޅުންގެ ނަން މަޖިލީހަށް ފޮނުވާފައި ވަނީ މިއަދު އެވެ.

ސަފީރު ކަމަށް އައްޔަންކުރާ ބޭފުޅުން:

  • ބްރަސަލްސްއަށް ގ. ފިޔާތޮށިގެ، ހަސަން ސޯބިރު
  • އިންޑިއާއަށް ހ.ދޫރިހާ، އާއިޝަތު މުހައްމަދުދީދީ
  • ސިންގަޕޫރަށް އަބްދުﷲ މައުސޫމް
  • ޖަރުމަނުވިލާތަށް ހ. ސީވީޑް، އަހްމަދު ލަތީފް
  • އިނގިރޭސިވިލާތަށް ފަރަޙަނާޒް ފައިސަލް
  • އދ އާއި އެމެރިކާއަށް ތިލްމީޒާ ހުސައިން
  • މެލޭޝިޔާއަށް ވިސާމް އަލީ
  • ސްރީލަންކާއަށް ހ. ހިކިފިނިފެންމާގެ، އުމަރު އަބްދުއްރައްޒާގް

އަށް ބޭފުޅުންގެ ނަން މިއަދު މަޖިލީހަށް ފޮނުއްވާފައިވާއިރު، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އާ ސަރުކާރުން ބޭރުގައި ހުންނަ އެމްބަސީތަކަށް ސަފީރުން އައްޔަނު ކުރައްވާއިރު، ހާރިޖީ ދާއިރާގެ ބޭފުޅުންނަށް އިސްކަން ދެއްވާނެކަމަށް ވިދާޅުވެފަ އެވެ.