އެފްއޭއެމް

ރާއްޖޭގައި ކޯޗިންގެ އުސޫލު ބަދަލުވަނީ، ލައިސެންސުން އެކަނި ނުފުދޭ

ކޯޗިންގެ އެންމެ މަތީ ލައިސެންސް ފުރިހަމަ ކޮށްފައި ވީނަމަވެސް، ކޯޗުން ތާޒާ ކުރާ ރިފްރެޝާސް ކޯސް ފުރިހަމަ ނުކޮށް އަންނަ އަހަރުން ފެށިގެން ރާއްޖޭގެ ޓީމުތަކުގައި ކޯޗުކަން ނުކުރެވޭ ގޮތަށް އެފްއޭއެމުން ހަމަޖައްސައިފި އެވެ.

އޭ ލައިސެންސް ނެތި ކޯޗުން، ރާއްޖޭގެ ކުލަބުތަކުގައި ހެޑް ކޯޗުންގެ ގޮތުގައި މަސައްކަތް ނުކުރެވޭނެ ގޮތަށް އެފްއޭއެމު މިހާރުވެސް ގަވާއިދު އެކުލަވާލައިފައި ވެއެވެ. ނަމަވެސް އޭ ލައިސެންސް އޮތް ކޯޗުން މިފަހަރުވެސް ފެނިގެން ދިޔައީ ތިން ޓީމުންނެވެ.

އަންނަ އަހަރު ކުރީ ކޮޅު ކޯޗުން ތާޒާ ކުރާ ރިފްރެޝާސް ކޯހުގެ ފުރަތަމަ ޕްރޮގްރާމް ބާއްވާނެ ކަމަށް އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވި އެވެ. އެފްއޭއެމްގެ ކޯޗިން ޑިޕާޓްމެންޓްގެ ހެޑް އަދި އޭއެފްސީ ކޯޗިންގެ ޕްރޯ ލައިސެންސް ހާސިލު ކޮށްފައިވާ މުހައްމަދު ޝާޒްލީ 'ޝާޒް' ބުނީ ކޯޗިން ރިފްރެޝާސް ޕްރޮގްރާމް މެދުވެރިކޮށް ކޯޗުންގެ ފުޓްބޯޅައިގެ ނޮލެޖު އިތުރުވެގެން ދާނެ ކަމަށެވެ.

އަވަށްޓެރި އިންޑިއާގައިވެސް، ކޯޗުން ތާޒާ ކުރާ ޕްރޮގްރާމްގައި ބައިވެރިވުން އެ ގައުމުގެ ކުލަބުތަކުގައި މަސައްކަތް ކުރާ ކޯޗުންނަށް އޮންނަނީ ހާއްސަ ކޮށްފަ އެވެ. ޔޫރަޕްގައި މިކަން އޮންނަނީ މާ ހަރުކޮށި ކޮށެވެ. ޔޫއެފާ ކޯޗިން ލައިސެންސް ހާސިލު ކުރުމަށް ފަހު ދެ އަހަރުވާއިރު، ކޯޗިން ރިފްރެޝާސް ޕްރޮގްރާމް ފުރިހަމަ ނުކުރާނަމަ އެމީހަކަށް ދީފައިވާ ލައިސެންސް ބާތިލު ކުރެ އެވެ.

"އޭއެފްސީގައި ނޯވޭ އެހެނެއް، ނަމަވެސް އަޅުގަނޑުމެން މި ހަމަޖެއްސީ އެފްއޭއެމުން ބާއްވާ މުބާރާތްތަކުގައި ކޯޗުކޮށްދެވޭނީ ކޯޗުން ރިފްރެޝާސް ޕްރޮގްރާމް ފުރިހަމަ ކުރުމަށް ފަހު ކަމަށް،" ޝާޒް ބުންޏެވެ. "މި ޕްރޮގްރާމްގެ ތެރެއިން ފުޓްބޯޅައިގެ އާ ތެކްޓިކްސް އާ މެނޭޖްމެންޓްގެ ބައިތައްވެސް އޮޅުން ފިލާނެ."

އަންނަ އަހަރުފެށިގެން ރާއްޖޭގައި ކޯޗިން ކޮންފަރެންސްވެސް ބާއްވާ ގޮތަށްވެސް އެފްއޭއެމުން ވަނީ ހަމަޖައްސާފަ އެވެ. ޝާޒް ބުނީ ކޮންމެ އަހަރަކުވެސް ލީގް ނިމުމުން އެ އހަރެއްގައި ލީގްގައި ވާދަ ކުރި ޓީމުތަކުގެ ކޯޗުން ކުރިން ތަޖުރިބާ ތައް ކޯޗިން ކޮންފަރެންސްގައި ހިއްސާ ކުރާނެ އެވެ.

"މި ކޮންފަރެންސުން އެނގޭނެ، އެ ކޯޗުންނަށް ކުރިމަތިވި ދަތިތަކާ، ވަކި މައްސަލައެއް ދިމާވުމުން އެ ކޯޗަކު އެކަމަކާ ޑިލް ކުރިގޮތްވެސް އެ ކޯޗުން ދުލުން ހިއްސާ ކުރާނެ."