ހަބަރު

ލޭބާ ޕާޓީއިން 3،000 ފޯމް ހަމަކޮށް ހުށަހަޅައިފި

Dec 6, 2018
1

މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން ހަމަކުރަން ޖެހޭ 3،000 މީހުންގެ މެންބަޝިޕް ފޯމް ހަމަކޮށް، އިލެކްޝަން ކޮމިޝަން، އީސީއަށް މިއަދު ހުށަހަޅައިފި އެވެ.

މި ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވަނީ ގާނޫނީ ވަކީލް އަބްދުﷲ ހަސީނެވެ. އޭނާ ފުރަތަމަ ހުށަހެޅީ މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޖަސްޓިސްގެ ނަމުގައި އެ ޕާޓީ އުފައްދާށެވެ. ނަމަވެސް އެ ނަމުގައި ޕާޓީ އުފެއްދުމަށް އީސީ އިން ހުއްދައެއް ނުދިނެވެ.

ޕާޓީއެއް ރަޖިސްޓާކޮށް ދޭނީ 3،000 މީހުންގެ ފޯމް ހުށަހެޅުމުންނެވެ. އެ އަދަދަށް ފޯމް ހުށަހެޅުމަށްފަހު އެކަން އެ ޕާޓީއިން ވަނީ ޓްވިޓާގައި ހާމަކޮށްފަ އެވެ.

ހަސީން ކުރިން ވިދާޅުވި ގޮތުގައި މޯލްޑިވްސް ލޭބާ ޕާޓީ އަކީ ބައިނަލް އަގްވާމީ މަސައްކަތްތެރިންގެ ހަރަކާތްތަކާއި ސޯޝަލް ޑިމޮކްރަސީގެ އުސޫލުތަކުގެ މައްޗަށް ބިނާވެ، ސެންޓާ ލެފްޓް ފިކުރުގެ ޕާޓީއެއް ކަމަށެވެ. އަދި ބައިނަލް އަގްވާމީ އުސޫލުތައް ކުރިއަރުވާނީ އިސްލާމީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ރާއްޖޭގެ އިގްތިސޯދާއި ރާއްޖޭގެ މުޖުތަމައާ ގުޅޭގޮތަށް ކަމަށެވެ.

ހަސީން ވިދާޅުވީ، ރާއްޖޭގައި މިހާރު ހިންގަމުންދާ ސިޔާސީ ޕާޓީތަކާއި ހިލާފަށް ލޭބާ ޕާޓީގައި މަސައްކަތް ތެރިންގެ ޖަމިއްޔާތަކާއި ޕްރޮފެޝަނަލް އެސޯސިއޭޝަންތަކަށް ހާއްސަ ދައުރެއް ލިބިގެންވާނެ ކަމަށެވެ. އަދި އެގޮތުން ޕާޓީގެ ކައުންސިލްގައި އެފަދަ ޖަމިއްޔާތައް ތަފްސީލްކޮށް ސިޔާސަތު އެކަށައެޅުމުގައި ބަސްކިޔުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ހަސީން ވިދާޅުވި އެވެ.