ކޮމަންވެލްތު ޖަމިއްޔާ

ރާއްޖެ އަލުން ކޮމަންވެލްތްގައި ބައިވެރިވާން ހުށަހަޅައިފި

ރާއްޖެއިން ކޮމަންވެލްތްގައި އަލުން ބައިވެރިވާން އެ ޖަމާއަތަށް ސަރުކާރުގެ ފަރާތުން ހުށަހަޅައިފި އެވެ. ކޮމަންވެލްތްގައި އަލުން ބައިވެރިވާން ހުށަހެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ރައީސް އޮފީހުން މިއަދު ބުނީ، ކޮމަންވެލްތާ އަލުން ގުޅުމަށް ކެބިނެޓް ފާސްކޮށް، އިއްޔެ އެކަމަށް މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން ރުހުން ލިބުމާ ގުޅިގެން ރައީސް ސޯލިހު، ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލް، ޕެޓްރީޝިއާ ސްކޮޓްލެންޑް އަށް ވަނީ ސިޓީއެއް ފޮނުއްވައި ރާއްޖެ އަލުން ކޮމަންވެލްތްގައި ބައިވެރިވާން ބޭނުންވާ ކަމަށް ދަންނަވާފައި ކަމަށެވެ. އެ ސިޓީގައި ރައީސް ސޯލިހު ވަނީ ރާއްޖެއިން ކޮމަންވެލްތްގެ ޗާޓަރު ގަބޫލުކޮށް އެ ޖަމާއަތުން ނަގަހައްޓާ އުސޫލުތަކަށް ރާއްޖެއިން އިހުތިރާމް ކުރާނެ ކަމުގެ ޔަގީން ކަން ދެއްވައިފަ އެވެ.

ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމައި، މަޖިލީހުން އޭރު ފާސްކުރީ، އޮކްޓޯބަރު، 13، 2013 ގަ އެވެ. ރާއްޖެ އޭރު ކޮމަންވެލްތުން ވަކިވާން ނިންމީ، ސަރުކާރުގެ އޭރުގެ އަމަލުތަކާ ގުޅިގެން އެ ޖަމާއަތުން ރާއްޖެ ސަސްޕެންޑް ކުރަން މަސައްކަތް ކުރުމުން އެވެ.

ކޮމަންވެލްތު އުސޫލުތައް ހަމަޖެހިފައި އޮންނަ ގޮތުން ކޮމަންވެލްތަށް އަލުން މެންބަރަކު ވެއްދޭނީ އެ ޖަމާއަތުގެ މެންބަރު ގައުމުތަކުގެ މެދުގައި ބާއްވާ ސަމިޓްގަ އެވެ. އެ ސަމިޓް އޮތީ މީގެ ދެއަހަރު ފަހުން އެވެ. އެހެން ނަމަވެސް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު "އަވަސް"އަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ، ސަމިޓުގެ ކުރިން ކޮމަންވެލްތުގެ މަސައްކަތްތަކުގައި ރާއްޖެދއަށް ބައިވެރިވުމުގެ ފުރުސަތު އެ ޖަމާއަތުން ދޭނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރެވެ އެވެ.

ރައީސް ސޯލިހު ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަކަށް ފޮނުއްވި ސިޓީފުޅުގައި އިތުރަށް ވިދާޅުވެފައިވަނީ، ބޭރުގެ ދުނިޔެއާ އެކަހެރި ނުވެ، ގައުމުތަކާ އެކު ރަނގަޅު ގުޅުމެއް ބޭއްވުމަށް ކޮމަންވެލްތްގެ އުސޫލުތައް ގަބޫލުކޮށް އެ ޖަމާއަތުގެ މެންބަރަކަށް ވުން ރާއްޖެއަށް ވަރަށް މުހިންމެވެ. އަދި ތަރައްގީ ވަމުން އަންނަ ގައުމެއްގެ ނިސްބަތުން، އިންސާނީ ވަސީލަތް ތަރައްގީ ކުރުމުގައި ކޮމަންވެލްތްގެ ދައުރު ރާއްޖެއަށް ނުހަނު ބޮޑަށް މުހިންމު ކަމަށް ވެސް ރައީސް ސޯލިހުގެ ސިޓީފުޅުގައި ވަނީ ވިދާޅުވެފަ އެވެ.

ކޮމަންވެލްތްގެ ސަބަބުން ދިވެހި ޒުވާނުންނަށް ތައުލީމުގެ ފުރުސަތުތަކާއި ކުޅިވަރުގެ ފުރުސަތުތައް މީގެ ކުރިން ލިބެމުން ގޮސްފައިވާކަން ފާހަގަ ކުރައްވާ ރައީސް ސޯލިހު ވަނީ އެ ދާއިރާތަކުން ކޮމަންވެލްތްގެ އެހީތެރިކަމަށް ރާއްޖެ އިންތިހާއަށް ބޭނުންވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ރާއްޖެ ކޮމަންވެލްތްގެ މެންބަރަކަށްވީ، 9 ޖުލައި 1982ގަ އެވެ.