ހަބަރު

ހަސަން ލަތީފަށް މަޖިލިސްގެ އުއްމީދު ބޮޑު!

އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވާދަ ކުރައްވަނީ ވަރަށް ބޮޑު އުއްމީދަކާއެކު ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ. ހަސަން ވަނީ އަލަށް އުފެއްދި، ހެންވޭރު ހުޅަނގު ދާއިރާއަށް ކުރިމަތިލާން ނިންމައި އެ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވަން ނިންމަވާފަ އެވެ.

"އަވަސް"އިން ކޮންމެ ހުކުރު ދުވަހެއްގެ މެންދުރުފަހު ގެނެސްދޭ "އަވަސް ހުކުރު" ޕްރޮގްރާމަށް ދެއްވި އިންޓަވިއުގައި ހަސަން ލަތީފް ވިދާޅުވީ މަޖިލީހަށް ނުކުންނެވީ ވަރަށް ބޮޑު އުއްމީދަކާއެކު ކަމަށެވެ. ދާއިރާއަށް ކުރިމަތިލައްވަން ނިންމެވީ ވެސް ޖަހަންޖެހޭ ހިސާބުތައް ޖެހުމަށްފަހު ކަމަށެވެ.

"ފުރަތަމަ މިއޮތީ ޕްރައިމަރީ، ދެން ވާދަ ކުރައްވަނީ ކޮން ބޭފުޅުންނެއް ކަމެއް އަދި އަޅުގަނޑަށް ނޭނގުނު ނަމަވެސް އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ހެންވޭރުގެ ރައްޔިތުން ހާއްސަކޮށް އެމްޑީޕީއަށް ނިސްބަތްވާ އެމްޑީޕީގެ މެންބަރުންނަށް ސާފުވެ ވަޑައިގަންނަވާނެ އަޅުގަނޑު މި ކުރި މަސައްކަތާއި ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑު ފޮނުވުމުގެ ބޭނުންތެރިކަން ހެންވޭރުގެ ރައްޔިތުންނަށް އޮޅިފައެއް ނޯންނާނެ،" ހަސަން ލަތީފް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަކީ މިހާރު ބައެއް މެންބަރުންގެ އަމަލުތައް ހުރި ގޮތުން ރައްޔިތުންގެ އިތުބާރު ގެއްލި، ޝަރަފު ކުޑަވެފައިވާ ތަނެއްކަން ހަސަން ލަތީފް ފާހަގަ ކުރެއްވި އެވެ. މަޖިލީހަށް ވަޑައިގެން އެކަން ބަދަލު ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު މަޖިލީހަށް ހެންވޭރުގެ ރައްޔިތުން ހޮއްވަވައިފި ކަމަށްވާނަމަ ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް އިރާދަކުރެއްވިއްޔާ ޕާޓީގެ ތެރެއިން ނަގާ ވޯޓެއް ނެގިޔަސް އަދި ދައްކާ ވާހަކައެއް ދެއްކިޔަސް އެކަން ކުރަން އެހެން މެންބަރުންނަށް ވެސް ބާރު އަޅާނަން،" ހަސަން ލަތީފް ވިދާޅުވި އެވެ.

"ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގައި އަޅުގަނޑަށް ފެންނަ ވިސްނޭ ގޮތަށް ވާހަކަ ދައްކާނަން، ޕާޓީގަ ހުންނަ ކަމަށްވާނަމަ ވިޕްލައިނެއް ވެސް އޮންނާނެ، އެ ވިޕްލައިނަށް އަޅުގަނޑު ބަލާނަން،"

ހަސަން ރައްޔިތުންގެ މަޖިލީހަށް ނުކުންނަވާއިރު އެމްޑީޕީގެ ލީޑަޝިޕްގެ އެހެން ގިނަ ބޭފުޅުން ވެސް މަޖިލީހަށް ގެންދަވަނީ ކެމްޕެއިން ކުރައްވަމުންނެވެ. އެގޮތުން އެސްޖީ އަނަސް އަބްދުލްސައްތާރާއި ލީގަލް ޑިރެކްޓަރު ހިސާން ހުސެއިން ވާދަ ކުރައްވަ އެވެ. އެ ބޭފުޅުން ވަނީ ޕްރައިމަރީގެ ކަންކަމުން އެއް ފަރާތްވެ، އެ މަސައްކަތް ގައުމީ މަޖިލީހުން ކޮމެޓީއެއް އުފައްދައި އެ ބޭފުޅުންނާ ހަވާލުކޮށްފަ އެވެ.