ހަބަރު

ގެއްލުން ލިބިގެން ރިޕޯޓްކުރި ގެތަކުގެ އަދަދު 196 އަށް

ބުދަ ދުވަހު މާޅެއަށް ވެހުނު ވާރޭގައި ފެންބޮޑުވެ، ގެއްލުން ލިބުނުކަމަށް ބެލެވޭ ގެތަކުގެ އަދަދު 196 އަށް އަރައިފި އެވެ.

މާލެއަށް ވެހުނު ބޯ ވާރޭގައި ފެންބޮޑުވުމުގެ ސަބަބުން މާލޭގެ ބޮޑު ބައެއް ފެނު އަޑީގައި އޮތްއިރު އެ ފެންތައް ހިންދާލެވުނީ ވެސް އެރޭ މެންދަމުން ލަސްވި ފަހުންނެވެ. ފެންބޮޑުވުމުން ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ޑިސާސްޓާ މެނޭޖްމަންޓުން މިހާރު މަސައްކަތް ފަށައިގެން ކުރިއަށް ގެންދާއިރު، މިހާތަނަށް ގެއްލުން ރިޕޯޓްކުރި ގެތަކުގެ އަދަދު ވަނީ 196 އަށް އަރާފަ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، ޑިސާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ޕްރޮޖެކްޓް މެނޭޖާ ހިސާން ހަސަން މިއަދު ވިދާޅުވީ، ރިޕޯޓްކޮށްފައިވާ ގެތަކުގެ ތެރެއިން 52 ގެއެއްގެ އެސެސްމަންޓް ރިޕޯޓް މިހާރު ނިންމާލެވިފައިވާ ކަމަށެވެ. އަދި ބާކީ ހުރި ގެތަކުގެ ގެއްލުންތައް އެސެސް ކުރުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށާއި އެ ސެންޓަރުގެ ޓީމްތައް މިއަދު ވެސް އެ މަސައްކަތުގައި ހަރަކާތްތެރިވާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިހާރު ގެއްލުން ރިޕޯޓްކޮށްފައިވާ ލިސްޓަށް ބަދަލެއް ނާންނަނަމަ މިރޭގެ ނިޔަލަށް އެސެސްމަންޓްތައް ނިންމާލެވޭނެ ކަމަށެވެ. އަދި ވީހާވެސް އަވަހަކަށް ގެއްލުމުގެ ބަދަލު ދިނުމުގެ މަސައްކަތް ވެސް ފެށިގެންދާނެ ކަމަށް ވިދާޅުވި އެވެ.

ގެއްލުމުގެ ބަދަލު ދޭނީ، ޑިސާސްޓާއިން މީގެ ކުރިންވެސް ބަދަލު ދިނުމަށް ކަނޑައަޅާފައިވާ ގައިޑްލައިންގައި ވާ ކަންކަމަށް ބެލުމަށްފަހު، އެ ގައިޑްލައިންގެ ދަށުންނެވެ.

"މިހާރު އަޅުގަނޑުމެންނަށް ޖެނަރަލްކޮށް ފާހަގަކުރެވިފައި ހުރި ގެއްލުންތަކަށް ބަލާއިރު ފާހަގަކުރެވެނީ ފެންބޮޑުވެގެން ގޭތެރޭގަ ހިފާގެންގުޅޭ އެއްޗިއްސާ، ކަރަންޓު ސާމާނާއި މިފަދަ އެއްޗިއްސަށް ގެއްލުން ލިބުން. މިސާލަކަށް ގޮދަޑި، ބާލީސް ފަދަ ތަކެއްޗަށް ގެއްލުންވެގެން ރިޕޯޓްކުރެވިފަ މި ވަނީ. އެކަމަކު އެނގިވަޑައިގަންނަވާނެ ކާރިސާތަކުގައި ލިބޭ ގެއްލުންތަކަށް ބަދަލު ދިނުަމަކީ ބަދަލަށް ބަދަލު ދިނުމެއް ނޫން. އެ ގެތަކަށް ބަދަލު ދިނުމުގައި އޮވޭ ގައިޑްލައިނެއް. އެހެންވީމަ އެއާ އެއްގޮތަށް އަޅުގަނޑުމެން އެހީ ފޯރުކޮށްދެމުން ދާނެ،" ހިސާން ވިދާޅުވި އެވެ.

އެހެންކަމުން މުޅި ކާރިސާގައި ލިބުނު ގެއްލުންތަކުގެ މިންވަރާއި ހަރަދުވާނެ މިންވަރު އެނގޭނީ އެސެސްމަންޓްތައް ހަދައި ނިމި ސިސްޓަމަށް އެންޓާ ކުރެވުމުން ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

ބުދަ ދުވަހުގެ ފެންބޮޑުވުމުގެ ހާދިސާގައި މާލޭގެ ބައެއް ސަރަހައްދުތަކުގައި ހަތަރު ފޫޓަށް ފެންބޮޑުވެފައިވާއިރު، ފެން ހިންދުމުގެ މަސައްކަތް ނިންމާލާފައި ވަނީ އެރޭ ދަންވަރު 2:45 ހާއިރު އެވެ. އެ މަސައްކަތުގައި ސަލާމަތީ ހިދުމަތްތަކުން އަދި ސަރުކާރު މުވައްޒަފުންނާއި އާންމުން ވަނީ ބައިވެރިވެފަ އެވެ.