ފަސް ވަނަ ދުވަހު މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއްވެ، ހާލުގައި ޖެހުނު ދެ އާއިލާވެސް މިހާރު ގެއަށް ބަދަލުކޮށްފައިވާކަމަށް ޑިސާސްޓާ މެނޭޖްމަންޓް ސެންޓާ އިން ބުނެފި އެވެ.
ވިއްސާރައާ ގުޅިގެން، ގޭތެރޭގައި ފެންބޮޑުވެ ދިރިއުޅެވެން ނެތް ވަރަށް ގެއްލުންވި ދެ އާއިލާއެއްގެ 20 މީހުންނަށް ދައުލަތުން ވަނީ ހޮޓަލަކުން ބޯހިޔާވަހިކަން ފޯރުކޮށްދީފަ އެވެ. އެތަނުން އެއް އާއިލާ އިއްޔެ ގެއަށް ބަދަލުކޮށްފައިވާއިރު، އަނެއް އާއިލާ ގެއަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ޑިސާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ޕްރޮޖެކްޓް މެނޭޖާ ހިސާން ހަސަން މިއަދު ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި އެންމެ ފަހު އާއިލާ މިއަދު ގެއަށް ބަދަލުކޮށް ނިމޭނެ ކަމަށެވެ. އެ އާއިލާ ގެއަށް ބަދަލުކުރަނީ، އެ ގެއަށް ދިމާވެފައިވާ ނަރުދަމާގެ މައްސަލައެއް ހައްލުކޮށްދިނުމަށްފަހު، ގޭގައި އުޅެން ރައްކާތެރިތޯ ބެލުމަށްފަހުގައި ކަމަށް ވެސް ވިދާޅުވި އެވެ.
"މީގަ ވީގޮތަކީ ފެންބޮޑުވުމުގެ ސަބަބުން ބައެއް ޖަންކްޝަންތަކުން އަރައިގެން ފާހާނަތައް ބްލޮކް މިވަނީ. ނަރުދަމާގެ މައްސަލަތަކެއް ބޮޑަށް މީގަ މި އުޅެނީ، އެހެންވީމަ އަޅުގަނޑުމެން އެ އާއިލާ މި ބަދަލުކުރަނީ އެތަނުގައި އުޅެން ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު، އެހެންވީމަ މި އާއިލާ ގެއަށް ބަދަލުކުރެވުމުން ދައުލަތުގެ ބެލުމުގެ ދަށުގައި މިހާރު އެއްވެސް ބަޔަކު ނުތިބޭނެ،" ހިސާން ވިދާޅުވި އެވެ.
ވިއްސާރައިގެ ސަބަބުން ވަގުތީ އެހީ އަށް ބޭނުންވި ދެ އާއިލާއަށް ސަރުކާރުން އެހީ ފޯރިކޮށްދީފައިވީ ނަމަވެސް، ހާދިސާގެ މުޅި ގެއްލުމުގެ ބަދަލު އަދި ނުދެ އެވެ. ގެއްލުންތަކުގެ މިންވަރު ބެލުމަށް ޑިސާސްޓާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާތަނަށް ގެއްލުން ރިޕޯޓްކުރި 52 ގެއެއްގެ އެސެސްމަންޓް ނިންމައި، އިތުރު ގެތަކުގެ އެސެސްމަންޓް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބިގެން 196 ގެއެއް ވަނީ ރިޕޯޓްކޮށްފަ އެވެ.