ހަބަރު

އެއާ އިންޑިއާގެ ފްލައިޓެއް ތެރޭ ނުފުރި ތިބޭތާ ތިން ގަޑިއިރު

އިންޖީން މައްސަލައެއް ޖެހިގެން މިއަދު ހަވީރު 4:30 ގައި މާލެއިން ޓްރިވަންޑްރަމަށް ފުރަން ތައްޔާރުވި ފްލައިޓަށް ނުފުރި ބޯޓް އެތެރޭގައި ފަސިންޖަރުން ތިބޭތާ ތިން ގަޑިއިރު ވެއްޖެ އެވެ.

އިންޖީން މައްސަލައެއް ޖެހިގެން ފަސިންޖަރުންނާއެކު ރަންވޭގައި މަޑުކުރުވާފައި އޮތީ، މާލެއިން ޓްރިވަންޑްރަމް އަދި ދިއްލީ އަށް މިއަދު ޝެޑިއުލްކޮށްފައި އޮތް އެއާއިންޑިއާގެ އޭ- 264 ފްލައިޓެވެ.

"އަވަސް" އަށް މައުލޫމާތު ދެމުން އޭ 264ގައި އިން ފަސިންޖަރަކު ބުނީ، ފްލައިޓަށް މިއަދު ހަވީރު 4:15 ހާއިރު އެރި ގޮތަށް ފަސިންޖަރުން އަދިވެސް ތިބީ އޭގެ ތެރޭގައި ކަމަށެވެ. ފްލައިޓް ނުފުރި ގިނަ އިރުތަކަކަށް އޭގެ ތެރޭގައި ފަސިންޖަރުން ބައިތިއްބާފައި ތިބިއިރު، ނުފުރިގެން އުޅޭ ސީދާ މައްސަލައެއް ބޯޓުގެ ކްރޫއިން އަންގާފައެއް ނުވެ އެވެ.

"އަޅުގަނޑުމެން މީގެ ތެރޭގައި ތިބޭތާ މިހާރު ތިން ގަޑި އިރު މި ވަނީ. ފުރަތަމަ ބުނީ 15 ވަރަކަށް މިނެޓް ވާނެ ކަމަށް. އޭގެ ފަހުން ދެ ގަޑިއިރު ވީފަހުން ބުނީ އިންޖީނަށް މައްސަލައެއް ދިމާވެގެން އުޅޭ ކަމަށް. އަދި މައްސަލަ ހައްލުކުރަން އުޅޭ ކަމަށް. ދޮރުވެސް ނުހުޅުވާ ބައިތިއްބާފަ މި ތިބީ،" އެ ފަސިންޖަރު ބުންޏެވެ.

އޭނާ ބުނިގޮތުގައި ބޯޓުތެރޭގައި މިހާރު ފިނިކަމެއް ވެސް ނެތެވެ. ކުޑަ ކުދިންނާއެކު ފުރަން ގޮސް ތިބި މީހުން ވެސް ބޯޓުގެ ތެރޭގައި ތިބުމުން އެތައް ބަޔަކު ޝަކުވާކުރަމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ.

"އެއްބަޔަކު ތިބީ ރުޅި ގަދަވެފަ. އަނެއް ބަޔަކު ތިބީ މާޔޫސްވެފަ. ކެބިން ކްރޫ އިންވެސް ނެތް ފެންނާކަށް. ކާ އެއްޗިހި ސާވްކުރަން އެކަހަލަ ކަމެއްގަ އެކަނި އެއިން ކުއްޖަކު ފެންނަނީ ވެސް،އަޅުގަނޑުމެން މިތިބީ ހާސްވެފަ،" އޭނާ ބުންޏެވެ.

އެ ފްލައިޓް މިއަދު ފުރާނެ ކަމެއްވެސް ކޮކްޕިޓުން އަދި ނާންގަ އެވެ. ވާނުވާ ނޭނގި ގިނަ ވަގުތު އޭސީއާއި ކަރަންޓާ ނުލައި ބޯޓު ތެރޭގައި ތިނެންޖެހުމުން ފަސިންޖަރުން ތިބީ ބިރުގަނެ ހާސްވެފަ އެވެ.