ޔުވެންޓާސް

ވާދަވެރި އިންޓަ ބަލިކޮށް ޔުވެންޓަސް ރެކޯޑަކާ ހަމަކޮށްފި!

ޑާބީ ޑި އިޓާލިއާ ނުވަތަ އިޓަލީގެ ޑާބީގެ ނަމުން މަޝްހޫރުވެފައިވާ ޔުވެންޓަސް އާއި އިންޓަ މިލާންގެ ކުރިމަތިލުމުގައި، އިންޓަގެ މައްޗަށް 1-0 ގެ ނަތިޖާ އަކުން ކާމިޔާބު ހޯދައި ޔުވެންޓަސް އިން ރެކޯޑަކާ ހަމަ ކޮށްފި އެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ ފަސް ލީގުގެ ތެރެއިން، ފުރަތަމަ 15 މެޗުން 43 ޕޮއިންޓް ހަމަކުރުމުގެ ރެކޯޑް މިހާރު އޮތީ، ޔުވެންޓަސްގެ އިތުރުން ފްރާންސްގެ ލީގްގެ އެއް ވަނަ ޓީމު ޕީއެސްޖީ އަތުގަ އެވެ.

ބިއާންކޮނަރީގެ ނަމުން މަޝްހޫރު ވެފައިވާ، ޔުވެންޓަސް ވަނީ މި ސީޒަންގެ ފުރަތަމަ 15 މެޗުގެ ތެރެއިން އެއް މެޗު ފިޔަވައި ދެން ހުރި ހުރިހާ މެޗަކުން މޮޅުވެފަ އެވެ. އެ ޓީމު އެއްވަރުވީ ޖެނޮއާ ދެކޮޅަށް ކުޅުނު 1-1 އިން އެއްވަރު ވެގެންނެވެ.

މެޗުގެ ހަމަ އެކަނި ލަނޑު ޔުވެންޓަސްއިން ކާމިޔާބު ކުރީ، ކުރިން އިންޓައަށް ކުޅުނު ކަނާތު ބެކް، ޖޮއާ ކެންސެލޯ މެޗުގެ 66 ވަނަ މިނެޓްގައި ނެގި ހުރަސް މާރިއޯ މަންޒޫކިޗް ޑައިވް ކޮށްފައި ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މެޗުގައި، އިންޓަ މިލާންއަށް ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ، ރޮބާޓޯ ގަލިއަޑީނީ އަށެވެ. ފުރަތަމަ ހާފުގައި އޭނާ ފޮނުވާލި އަމާޒުވީ ގޯލް ދަނޑިއަށެވެ

އިންޓަ ބަލިވުމުން، އެންމެ ބޮޑު ހިތްހަމަ ޖެހުމެއް ލިބޭނީ، ވާދަވެރި އޭސީ މިލާން އަށެވެ. މާދަމާ ރޭ ޓޮރިނޯއާ ދެކޮޅަށް ކުޅޭ މެޗުން އޭސީ މިލާން އާ އިންޓައާ އެއް ޕޮއިންޓަށް ފަރަގު ކުޑަ ކުރެވޭނެ އެވެ.