މައުރީޒިއޯ ސާރީ

އަބްރަމޮވިޗަށް މިސާލު ދައްކަން ސާރީ ނެގީ ގާޑިއޯލާ އާއި ސިޓީ!

މެންޗެސްޓާ ސިޓީއާ އެއްވަރުގެ ވަރުގަދަ ޓީމަކަށް ޗެލްސީ ހަދަން ބޭނުންވާނަމަ، މެންޗެސްޓާ ސިޓީގައި ޕެޕް ގާޑިއޯލާ ދެއްކި ކެތްތެރި ކަމުގެ މިސާލުން ޗެލްސީގެ އޯނަރު ރޯމަން އަބްރަމޮވިޗަށް، ޗެލްސީގެ ކޯޗް މައުރީޒިއޯ ސާރީ މިސާލު ދައްކައިފި އެވެ.

ރަޝިއާގެ ބިލިއަނަރު ރޯމަން އަބްރަމޮވިޗަކީ، އަވަސް ކާމިޔާބު ބޭނުންވާ ޗެއާމަނެކެވެ. އޭނާ ފާހަގަ ކުރެވިފައި ވަނީ ކާމިޔާބު ނުހޯދޭނަމަ، ޓީމުގެ ކޯޗުން ވަކިކުރާ ޗެއާމަނެއްގެ ގޮތުގަ އެވެ. ސާރީ ބުނީ، މި ސީޒަން ނިމުމަށް ފަހު އޭނާ ޓީމުގައި ހުންނާނެ އަދި ނުހުންނާނެ ކަމުގެ ޔަގީންކަމެއް އޭނާ އަށް ނެތް ކަމަށެވެ. އެހެންނަމަވެސް ޓީމުގެ ފެންވަރު މަތި ކުރަން ބޭނުންނަމަ އެއް ސީޒަންގައި އެއްކޮށް ހާލަތު ބަލަން ކެތްތެރިކަން ހުންނަން ޖެހޭ ކަމަށެވެ.

މެން ސިޓީގައި، ގާޑިއޯލާގެ ފުރަތަމަ ސީޒަންގައި އޭނާ ނިންމާލީ ލީގްގެ ތިން ވަނައިގަ އެވެ. އޭނާ ނިންމާލީ އެއްވެސް ތައްޓެއް ނުހޯދި އެވެ. ނަމަވެސް އޭނާގެ ދެ ވަނަ އަހަރު އޭނާ ވަނީ، 100 ޕޮއިންޓް ހަމަކޮށް ބޮޑު ރެކޯޑަކާއެކު ލީގްގެ ޗެމްޕިއަންކަން ހޯދާފަ އެވެ. މި ސީޒަންގައިވެސް ސިޓީ އަދި މިހާތަނަށް ބަލިވެފައެއް ނުވެ އެވެ.

ސާރީ، ބުނީ ޗެލްސީގެ ވަޒީފާއާ ހަވާލުވުމުގެ ކުރިން ގާޑިއޯލާ އާ އޭނާ ބައްދަލުވި ކަމަށާއި، ފުރަތަމަ ސީޒަން ޕްލޭނާ އެއް ގޮތަށް ކުރިއަށް ނުދާނެ ކަމަށް ގާޑިއޯލާ ބުނެފައިވާ ކަމަށެވެ.

"އަސްލު ހާލަތު ދެނެގަންނަށް އެއް ސީޒަން އެއްކޮށް ބޭނުންވޭ،" ސާރީ ވާހަކަ ދެއްކި އެވެ. "އޭނާ [ގާޑިއޯލާ] އަހަރެން ގާތު ބުނި އިންގްލެންޑް ފުރަތަމަ ސީޒަންގައި ވަރަށް އުނދަގޫ ވާނެ ކަމަށް، ފުރަތަމަ ސީޒަންގައި ސްކޮޑުގެ 20 ކުޅުންތެރިންގެ ފެންވަރު މަތިކުރަން އުނދަގޫވާނެ ކަމަށް އޭނާ ބުނި، އޭނާ ބުނި ފުރަތަމަ ސީޒަންގައި ވިސަންނަން ޖެހޭނީ ފުރަތަމަ 14 ކުޅުންތެރިންނާ މެދުގައި ކަން، ފުލް ސޮކޮޑް ކުރިއަރުވަންޏާ ގިނަ ވަގުތު ބޭނުންވާނެ ކަމަށް ގާޑިއޯލާ ކިޔައިދިން."

މިރޭ، އިނގިރޭސި ޕްރިމިއާ ލީގްގައި، ސިޓީއާ ދެކޮޅަށް ނިކުތުމުގެ ކުރިން ސާރީ ބުނީ، ސިޓީ ބަލި ކުރާނެ ހަގީގީ ގޮތެއް އޭނާއަކަށް ނޭނގޭ ކަމަށެވެ. އޭނާ ބުނީ، ސިޓީއާ އެއް ފެންވަރުގެ ޓީމަކަށް ހެދުމަށް ސިޓީއާ އެއްވަރަށް ޗެލްސީން ޓްރާންސްފާގައި ހޭދަ ނުކުރާނެ ކަމަށެވެ.

"އަހަރެމެން ޖެހޭނީ އާ މެންޓަލިޓީއެއް އުފައްދަން، އަދި ކުޅުމުގެ އާ ސްޓައިލެއް ތައާރަފު ކުރަން، ސާރީ ވާހަކަ ކުރިއަށް ގެންދިޔަ އެވެ. "އަހަރެމެން ޖެހޭ މި ސްކޮޑް އިތުރަށް ތަރައްގީ ކުރަން، އަހަރެމެން ޖެހޭ ސްކޮޑްގެ ހުރި ފެންވަރު 95 ޕަސަންޓަށް އިތުރުވާން، ބާކީ ފަސް ޕަސަންޓް ޓީމަށް އަންނަ ކުޅުންތެރިން މެދުވެރިކޮށް އިތުރު ކުރަން ޖެހޭނީ."

ޗެލްސީ އާއި ސިޓީ ބައްދަލު ކުރާ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ 10:30 ގަ އެވެ.