މިދިޔަ ސީޒަންގައި، އާދަޔާ ހިލާފު ޖާދޫއެއް ދެއްކި ނަމަވެސް، މި ސީޒަންގައި އޭނާގެ ފެންވަރު ދަށް ވެފައިވާ ކަމަށް ބުނެ، ލިވަޕޫލްގެ ފޯވަޑް މުހައްމަދު ސަލާހްއަށް ކުރިމަތިވެފައިވާ ފާޑު ކިޔުންތަކަށް ބޯންމައުތްއާ ދެކޮޅަށް ހެދި ހެޓްރިކުން ޖަވާބު ދީފި އެވެ.
ސަލާހްގެ ހެޓްރިކާއެކު ލިވަޕޫލް މެޗު ކާމިޔާބު ކުރީ، 4-0 ންނެވެ. ލިވަޕޫލްގެ ފުރަތަމަ ލަނޑު 25 ވަނަ މިނެޓްގައި ސަލާހް ކާމިޔާބު ކުރީ، ލިވަޕޫލުގެ ރޮބާޓޯ ފިރުމީނޯ ފޮނުވާލި ހަމަލާ ބޯންމައުތުގެ ކީޕަރު އަސަމީރު ބެގޮވިޗް ދިފާއު ކުރުމުން، ރީބައުންސަށް ނިކުތް ބޯޅަ ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ.
ވީޑިއޯ ރިޕްލައިން ފެންނަ ގޮތުގައި، އެ ބޯޅައަށް ސަލާހް ހަރަކާތްކުރިއިރު، އޭނާ ހުރީ އޮފްސައިޑްގަ އެވެ. ނަމަވެސް ރެފްރީއަށް އެކަން ފާހަގަ ކުރެވިފަ އެއް ނުވެ އެވެ.
ލިވަޕޫލްގެ ލީޑް ސަލާހް ފުޅާ ކޮށްދިނީ، ދެ ވަނަ ހާފު ފެށިގެން ތިން ވަނަ މިނެޓްގައެވެ. ޖޭމްސް މިލްނާ ތަނަވަސް ކޮށްދިން ބޯޅަ ހިފައިގެން ސަލާހް އޭރިއާ ތެރެއަށް ވަންނަން އުޅުމުން، ބޯންމައުތުގެ ޑިފެންޑަރު ސްޓީވް ކުކް ވަނީ، ދަތިއަޅުވާލައި ސަލާހް ވައްޓާލަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ސްޓީވް ކުކް ކުރި ފައުލުން ސަލާމަތްވެ، ނަތަން އަކޭ ކައިރިންވެސް ނައްޓާލުމަށް ފަހު އޭރިއާ ތެރެއަށް ވަދެ ސަލާހް ވަނީ، ގޯލްގެ ދަނޑިގައި ޖައްސާލުމަށް ފަހު ގޯލްގެ ކަނަށް ބޯޅަ ވައްދާލަފަ އެވެ.
ލިވަޕޫލްގެ ތިން ވަނަ ލަނޑަކީ، ކުކް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ލިވަޕޫލްގެ ވާތު ބެކް އެންޑީ ރޮބަޓްސަން ނަގައިދިން ބޯޅަ، ލިވަޕޫލްގެ ސެޑިއޯ މާނޭއަށް ލިބުމުގެ ކުރިން ކުކް މަސައްކަތް ކުރީ އެ ބޯޅަ ދިފާއު ކުރާށެވެ. އެހެންނަމަވެސް އޭނާގެ ފައިގައި ޖެހިފައި އެ ބޯޅަ ވަނީ ބައިކޮޅަށެވެ.
ސަލާހް ހެޓްރިކް ހެދީ 77 ވަނަ މިނެޓްގައެވެ. އެ ލަނޑު ޖެހުމުގައި އޭނާގެ އިންޑަވިޖުއަލް ހުނަރުގެ ބޭނުން ވަރަށް ރަނގަލަށް ކުރި އެވެ. ކައުންޓަ އެޓޭކުގައި ލިވަޕޫލުން، ބޯން މައުތުގެ ހާފުތެރެއަށް ނަގައިދިން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަނީ ކުކް ނައްޓާލުމަށް ފަހު އެވެ. އަދި އޭރިއާ ތެރެއަށް ވަދެ، ބެގެވިޗް ނައްޓާލު މަށް ފަހު ބޯޅަ ހިފައިގެން ގޯލަޔާ ދުރަށް ދެވުމުން، އަނެއްކާވެސް އޭނާ އަށް ހުރަސް އަޅަން ބެގްވިޗް އުޅުމުން ދެ ވަނަ ފަހަރުވެސް ބެގޮވިޗް ކަޓުވާލަުމަށް ފަހު ސަލާހް ވަނީ ގޯލްގެ ތެރެއަށް ބޯޅަ ވައްދާލަން މަސައްކަތް ކޮށްފަ އެވެ.
މި މޮޅާއެކު. ލިވަޕޫލް ވަނީ 42 ޕޮއިންޓް ހޯދައިގެން ތާވަލުގެ އެއް ވަނަ އަށް ޖެހިލާފަ އެވެ. މިރޭ، ޗެލްސީ އާއި މެންޗެސްޓާ ސިޓީ ކުޅޭ މެޗުން ސިޓީ ބަލި ވެއްޖެނަމަ ލިވަޕޫލަށް އެއް ވަނަ މަގާމު ޔަގީން ކުރެވޭނެ އެވެ.