ވާހަކަ

އީޝަލް

(6 ޑިސެމްބަރު 2018 އާ ގުޅޭ)

ބަލްޤިސްއާއެކު އުދުހެމުންދިޔަ އީޝަލްގެ ލޮލުގައި ރަށުގެ ފުއްޓަރު ފަރާތުން ހިކިފައި އޮތް ފަރުމަތި އަޅައިގަތެވެ. ބޮލި ހޮވުމުގެ ޚިޔާލު ސިކުނޑިއަށް ވަނީ އެވަގުތެވެ. އީޝަލް އެ ދިމާއަށް މިސްރާބު ޖެހިއެވެ.

"ތިރިއަށް ދަނީ ކީއްކުރަން؟" ބަލްޤިސްއަށް އީޝަލްގެ ނަޒަރު ހުރި ދިމާ އެނގި އަހާލިއެވެ.

"އެ ދިމާ ބަލާލަންވެގެން، އަޅުގަނޑު އަދި މި ހިސާބަކަށް ދުވަހަކުވެސް ނާންނަން، ބޮޑުދައިތާ... ބަލާލަބަލަ އެހެރެ ބޮޑެތި ގާތަކެއް، މި ހިސާބުގެ ވަސް ވެސް ތަފާތު ދޯ... މި ރަށުގެ މޫދު އެހާ ރީތިއިރު ބޮޑުދައިތަ އެރޭ ހިތެއްނުވޭތަ؟، އެ މޫދަށް އެރެން ވާނީ ވަކި ވަގުތެއްގައިތަ؟" އީޝަލްގެ މިސްރާބު ބަދަލުކޮށްލުމެއްނެތި ވާހަކަދެއްކިއެވެ.

"އާން! މި ރަށުގެ ފަޅު ބޮޑުވެފައި ދެއިރަށް ވޮޑޭތުނޑި ވެސް ދައްތަ ދުށީން، އީޝަލްމެން ތިބޭ ދިމާ ގައި އޮންނަ ބޮޑު ތުނޑި މިއަދު އައިއިރު ވެސް ފެނުނު، ބައްޕަ ބުނީތަ އީޝަލްގެ ގާތު އެއްޗެއް؟ އަނެއްކާ ބޮޑުދައިތަ ކުށްވެރިވާނޭކަމެއް ކުރުވަންތަ ތިއުޅޭނީ؟" އީޝަލް ޝައުގުވެރިކަން ހުރިވަރު ފެނިފައި ބަލްޤިސްއަށް ވިސްނާލަން މަޖުބޫރުވިއެވެ.

"އެހެނެއްނޫން... ބޮޑުދައިތައަށް އެނގެއެއްނު ބައްޕަގެ ގޮތް، އަޅުގަނޑު އެކަނި އެއްވެސް ތާކަށް ދާކަށް ހުއްދައެއް ނުދޭނެ، ތަނެއް ދައްކާލަން ވެސް ގެންދާނީ މާ ދުރަށް... މި ސަރަޙައްދުން ވެސް ދުރަށް... އަޅުގަނޑު މިތާ އުޅޭއިރު މިތަނުގެ ތަންތަން ބަލަން ވެސް ބޭނުންވާނެއެއްނު، މިހާރު އަޅުގަނޑަކީ ކުޑަކުއްޖެއް ވެސް ނޫން" ޝަކުވާގެ ބައެއް އީޝަލް ބޭރުކޮށްލިއެވެ. އެ ވާހަކަތައް އިވި ބަލްޤިސްއަށް ހިނިތުންވެވުނެވެ.

"މިއަދު ކުޑަކުޑަ ވަގުތު ކޮޅަކަށް މަޑުކޮށްލެވިދާނެ، އޭރުން މި ރަށުގެ ފުށޮޅުފަރާތް ވެސް ބަލާލެވުނީއެއްނު، އީޝަލް ނަސީބު ގަދަނަމަ އެ ތަނުން ބޮއްޔެއް ވެސް ފެނިދާނެ... އެކަމަކު ބުނަން... އެހާ ގިނައިރަކު ނުތިބެވޭނެ އިނގޭ" އީޝަލްގެ އުފަލަށް ޓަކައި ބަލްޤިސް ބުނެލިއެވެ.

އީޝަލްއަށްވުރެ ކުރީން ހިކިފައި ހުރި ގަލެއްގެ މައްޗަށް ތިރިކުރީ ބަލްޤިސްއެވެ. އޭނާގެ އިޝާރާތާއެކު އީޝަލް ތިރިކޮށްލިއެވެ. އެއް ގައު އަނެއް ގައު މަތިން އީޝަލް ފުންމާލާއިރު ޅަކުއްޖެއް ފަދައިން އަޑެއް ލައްވާލައި ހީނގަނެވެ. ބަލްޤިސްއާއެކު ގުދުވެގެން ގައުތަކުގެ ތެރެ ހާވަމުންދިޔައީ ބޮއްޔެއް ފެނޭތޯއެވެ.

"މިތަން ކިހާ ހަމަހިމޭން" ވަށައިގެން ބަލާލުމާއެކު އީޝަލް ބުނެލިއެވެ.

"ތިހެން ހީނުކުރޭ، ޒިޔަޒެލް ނަގައިދޭ ފިލާވަޅުތައް ހަނދާން ނައްތާނުލާތި، އަހަރެމެން މިތަނަށް އައިކަން ސިއްރުނުވާނޭ ބަޔަކު އުޅޭނެ، މީކާޢިލް ބުނެދޭން ބޭނުންވަނީ އެ ވާހަކަ... ހުރިހާ ޖިންނީންނަކީ ރަނގަޅު ބައެއް ވެސް ނޫން، އީޝަލް އެކަނި ހުންނަ ވަގުތަކަށް ފާރަލާނޭ ބަޔަކު ވެސް އަހަރެމެންގެ ތެރޭގައި އުޅެދާނެ، ތީ ބޮޑުދައިތަ އެންމެ ލޯބިވާ ކުއްޖާ، އަހަރެންގެ އުމުރުން ޅަވީނަމަވެސް ތި ކުއްޖާފުޅު ބޮޑުވީ މި އުނގުގެ ތެރޭ، ދަރިކުލުނަކީ ކޮބައިކަން އެނގުނީ އެހެންވެ، ތީ ވަރަށް ޚާއްޞަ ކުއްޖެއް... އެހެންވީމަ އެންމެން ވެސް ކަންބޮޑުވާނެއެއްނު އީޝަލްއަށް ނުރައްކަލެއް ކުރިމަތިވެދާނޭތީ" ބަލްޤިސް ވާހަކަދެއްކިއެވެ.
މާކަނޑަށް ފުރަގަސްދީގެން ތިބި ބަލްޤިސްއާއި އީޝަލްއަށް ގައުތަކުގެ ތެރެ ބަލަމުންދަނިކޮށް ފަސްއިނގިއްޔާއި ކަށިބޮލެއް ފެނުނެވެ. ކަށިބޮލުގައި އަތްލަން އުޅުނު އީޝަލްގެ އަތުގައި ބަލްޤިސް ހިފެހެއްޓިއެވެ. އެހެން ދިމާއެއް ބަލާލަން ބަލްޤިސް ޚިޔާލު ދިނެވެ. އޭނާ ސިހުނީ އީޝަލް ކުއްލިއަކަށް ހަޅޭލަވައިގަތުމުންނެވެ. އަދި ފުންމައިގެން ކޮޅަށް ތެދުވި ގޮތަށް ނިކަން އަވަހަށް އިސްތަށިގަނޑާއި ގައި ފޮޅަން ފެށިއެވެ.

"ކިހިނެއްވީ؟" ހާސްވެފައި ބަލްޤިސްއަށް އަހާލެވުނެވެ.

"އަޅުގަނޑު ގައިގާ އެއްޗެއް ޖެއްސީހެން ހީވަނީ" ފުރަގަސް ފެނޭތޯ ބޯއަނބުރަމުން އީޝަލް ވާހަކަދެއްކިއެވެ. އެވަގުތު މާކަނޑާވީ ފަރާތުން ލޮނުގަނޑުން ބަޑިއެއް ޖެހިފަދަ ބާރު އަޑެއް އިވިގެން ދިޔައެވެ. އީޝަލްގެ އަތުގައި ވަގުތުން ހިފާލެވުމާއެކު އޭނާ ބަލްޤިސްގެ ގާތަށް ދަމާލިއެވެ. އަދި މާކަނޑާ ދިމާއަށް ނަޒަރު ހުއްޓާލިއެވެ.

"ކަޅުވެންބޮޑުމަހެއް... މި ހިސާބުން... ނޫން..." ފެނުނު މަންޒަރުން އަމިއްލަ ނަފްސަށް ބަލްޤިސްއަށް ވާހަކަދެއްކުނެވެ.

"އެއީ މަހެއްނޫން" ބަލްޤިސް ލައިގެން ހުރި ބޮޑުކިބާދާރީގެ ޖެކެޓުގެ އެއްފަޅީގައި ހިފަހައްޓާލައިގެން ހުރި އީޝަލް ބުނެލިއެވެ. ހަމައެވަގުތު ބަލްޤިސްއާ ދުރަށް ޖެހިލައި އީޝަލްގެ ފަޔަށް ބަލާލިއެވެ. ފައިގައި އެއްޗެއް ހިރޭހެން އޭނާއަށް ހީވީއެވެ.

"ބޮޑުދައިތާ" ފައިމަތީ ތަތްކޮށްލައިގެން އިން ބޮލި ފެނުމުން އީޝަލްއަށް ހުރިހާ ކަމެއްގެ މަތިން ހަނދާންނެތުނު ކަހަލައެވެ. ބަލްޤިސް ގުދުވެލައި އީޝަލްގެ ފައިން ބޮލި ނައްޓާލިއެވެ. އެއާއެކު ބޮލި އޭގެ އަމިއްލަ ރައްކާތެރިކަމަށް އޭގެ މަސްގަނޑު އެތެރެއަށް ވައްދާލައިފިއެވެ. ބޮލީގެ ރީތިކަމާއި އޮފުކަން ފާޅުވީ ދެނެވެ.

"ދެން ހިނގާ ދާން" ބަލްޤިސް އެންމެ ހިނދުކޮޅަކަށް ވެސް މަޑުނުކޮށް މައްޗަށް އެރީ އީޝަލްގެ އަތުގައި ހިފައިގެންނެވެ.

"އެއީ ކާކު؟" އެނބުރި ގެއާ ދިމާއަށް އައި މަގުމަތީ އީޝަލް އެއްސެވެ.

"ނޭނގެ... އަހަރެމެން އެތާ އުޅޭކަން އެނގިގެން އައީކަންނޭނގެ" ބަލްޤިސް ބުންޏެވެ. އިތުރަށް އެކަމާ ގުޅިގެން އޭނާ ވާހަކައެއް ނުދެއްކިއެވެ. އީޝަލްއަށް ވެސް އިތުރު ސުވާލެއް ކުރާނޭ ފުރުޞަތެއް ނުދިނެވެ.

ބެރެބެދިގަސް ތެރެއަށް އީޝަލްއާއެކު ބަލްޤިސް ތިރިކުރިއިރު ތިބެވުނީ ހާމަކޮށް އޮތް ފެންޑާގައެވެ. މައިގެއަށް ވަދެގެން ދިއުމުގެ ކުރީން އަތްފައި ދޮވުމަށާއި އެތެރެއަށް ވަދެ އަވަހަށް ހެދުން ބަދަލުކުރުމަށް ބަލްޤިސް ބުންޏެވެ. އޭނާ އެދުނު ފަދައިން އީޝަލް ކަންތައް ކުރިއެވެ. ބަލްޤިސްގެ އަތުގައި އޮތް ބޮލީގެ ވާހަކަ އީޝަލް އެހީ ހެދުން ބަދަލުކޮށްގެން ނުކުތް ފަހުންނެވެ.

"ރިހާކުރު ބޮލި ޢާއިލާގެ ބޮއްޔެއް މީ، އޭގައި ހުންނަ ފަދަ އޮފުކަމެއް، ގަދަ ޗޮކުލެޓުކުލައިގެ ކުރެހުންތައް... އެކަމަކު މީ ޅަ ބޮއްޔެއް" ދެ އިނގިލިން ހިފާލައިގެން އިނދެ އީޝަލްއަށް ބޮލި ދައްކަމުން ބަލްޤިސް ބުންޏެވެ. އެއަށް ހަދަންވީ ގޮތް ބަލްޤިސް ކިޔައިދިނެވެ. އެ މީހުން ތިބި ތަނަށް ޒިޔަޒެލްއާއި މީކާޢިލް އައީ އެވަގުތެވެ.

"ފަރުމައްޗަށް ދިޔައީތަ؟" ޒިޔަޒެލް އަހާލިއެވެ. ބަލްޤިސްގެ ގައިގާ ހިފައިފައިވާ ގަދަ ވަހުން އޭނާ އެ އައީ ކޮންތާކުންކަން ސިއްރެއްނުވާނޭކަން ޚުދު ބަލްޤިސްއަށް ވެސް އެނގެއެވެ.

"ބަލްޤިސް" މީކާޢިލް ގޮވާލިގޮތުން ޒިޔަޒެލްގެ ސުވާލަށް ޖަވާބުދޭން އެ ބުނަނީ ބަލްޤިސްގެ ގާތުގައިކަން އެނގުނެވެ.

"އީޝަލް... ބޮލި ހިފައިގެން މިޒަރެންގެ ގާތަށް ދޭ" ބަލްޤިސް ބުނެލިއެވެ. އެއާއެކު އަވަސް އަވަހަށް އެތަނުން އީޝަލް ދިޔައީ ކުރެވުނީ މަނާކޮށްފައި އޮތްކަމެއްކަން އެނގޭއިރު ވެސް ބަލްޤިސް އޭނާ ސަލާމަތްކޮށްދޭނެކަން އެނގޭތީއެވެ. އޭނާ ފޮނުވާލީ އެހެންވެ ކަމުގައި އީޝަލް ޤަބޫލުކުރިއެވެ.

"ބޭބޭ... ރަށުގެ އެ ފަރާތައް ބަޔަކު އައީތަ؟ އެހެންވެތަ އީޝަލް ނުފޮނުވަން ނިންމީ" ބަލްޤިސްގެ ނަޒަރު މީކާޢިލްއާއި ޒިޔަޒެލްއަށް ވަކިވަކިން ހުއްޓާލިއެވެ.

"ކުދިވެރިންތަކެއް އައިސްގެން އުޅެނީ، އެމީހުންގެ ބޭނުމަކީ ކޮބައިކަމެއް ނޭނގޭ... ކުޅިވަރުގައި މި ހިސާބަށް އައީހެން ހީވޭ، އެ މީހުން އެތަނުގައި ސަކަރާތްޖަހާ ކުރާ ކަންތައްތަކުގެ ވާހަކަތައް އަހަންނަށް އޮތީ އިވިފައި، މީ އެ މީހުން ދިރިއުޅޭ ހިސާބެއްނޫން، އެ މީހުންގެ ތެރޭގައި އިސް މީހަކު ނެތް، އެހެންވެ ހައްތަހާ ވެސް ހީވަނީ ޒުވާންކަމުގެ ޖޯޝުގައި ނުކުމެ އުޅޭ ކުދިބައެއްހެން" ދެއަތް އުރާލައިގެން ހުރެ ޒިޔަޒެލް ވާހަކަދެއްކިއެވެ.

"ކަމެއް ދިމާވީތަ؟" މީކާޢިލްގެ މޫނުމަތިން ފާޅުވީ ސީރިއަސްކަމެވެ.

"މާބޮޑުކަމެއްނޫން... އަހަރެން އީޝަލް ގޮވައިގެން ތިރިކުރީ އެ ހިސާބު އަމާންކަން އެނގުނީމަ، އެކަމަކު ލޮނުގަނޑުގެ ތެރެއިން ކަޅުވެންބޮޑުމަހެއް މައްޗަށް ހިއްލިލާ ބަޑިއެއް ޖެހިގެން އަޑިއަށް ދިޔަތަން ދުށީން، އަހަންނަށްވުރެ ކުރީން އީޝަލް ދެނެގެންފި އެއީ މަހެއްނޫންކަން، އީޝަލްގެ ގައިގާ އެއްޗެއް ޖެހުނުހެން ހީވެގެން އޭނާ އުޅުނު... ހުރިހާކަމެއް ހިނގީ ވަރަށް އަވަހަށް، ދެން ފެނުނީ އީޝަލްގެ ފައިމަތީގައި ތަތްކޮށްލައިގެން އިން ބޮލި" ކަންތައް ވީގޮތް ނިކަން ތަފްސީލުކޮށް ބަލްޤިސް އޮޅުންފިލުވައިދިނެވެ. ޒިޔަޒެލް ޖަހާލީ ހިނިގަނޑެކެވެ.

"ނުރައްކަލެއް އަންނަ ކަމުގެ އިޝަރާތެއްވިތަ؟" ހިނިއައިސްފައި ހުރެ ޒިޔަޒެލް އަހާލިއެވެ. އެއާއެކު ބަލްޤިސް ދެފަރާތަށް ބޯހޫރާލީއެވެ.

"ޒިޔަޒެލް... ކަލޭ އަދިވެސް ހެނީތަ؟ އެ ބޮއްޔަކީ ކޮންކަހަލަ އެއްޗެއްތޯ ބަލާބަލަ" މީކާޢިލް ސީރިއަސްކަމާއެކު ބުނެލިއެވެ. އެއާއެކު އޭނާގެ ކޮނޑުގައި ޒިޔަޒެލް ޖަހާލިއެވެ.

"ޅަކުދީންގެ ސަކަރާތް އަހަރެންނަށް ފެނިފައި ހުރީމާ ހެވޭނެއެއްނު، އޭނާ ފޮނިދައްކާލީ އެ... ނޫނީ އެތަނުގައި އޭނާ އުޅޭކަން އަންގާލީ... މީކާޢިލް، ކަލެއަށް ލިބިފައިވާ ބާރުގެ އެހީގައި ކަލޭގެ އިންސިއާ ސަމާސާއެއް ނުކުރަންތަ؟" ނިކަން ބޮޑަށް ޒިޔަޒެލް ހީނލިއެވެ.

"އެކަމާ މިކަމާ ހުރީ ކޮންގުޅުމެއް... އެއީ އަހަރެންގެ ދިރިއުޅުން، ގެއްލުމެއް ދިނުމަކަށް އެއްވެސް އިރަކު ނުވިސްނަން، އެ އިންސިއާ މެދު އަބަދުވެސް އަހަރެންގެ ނިޔަތް ސާފު، މީ ނުވެސް ދަންނަ އެބައެއްގެ ނިޔަތް ސާފުނުވާ ބައެއް ކޮށްގެން އުޅޭ ކަމެއް" މީކާޢިލްގެ ކަންބޮޑުވުން އިތުރުވިއެވެ.

"ހަމަޖެހޭ މީކާޢިލް، ކަލޭގެ ހިތްހަމަޖެހުމަށް އަހަރެން އެ ބޮލި ބަލާނަން، އެކަމަކު މީ ތި ހީކުރާހާ ބޮޑު ކަންތައްގަނޑެއްނޫން، މިކަމުގައި ފޮރުވިފައި ކަމެއް އޮވެދާނޭ އަހަރެންގެ ހިތެއް ނުބެނޭ، އަހަންނަށް ގެންނަ ޚަބަރުތަކުގެ ތެދުކަން ކަލެއަށް ވެސް އެނގޭނެ، އެއީ ކަނޑުގެ ދަރީން... އެ މީހުންގެ ތެރޭ އިސް މީހަކުނެތި ޒުވާން ގުރޫޕެއް އެ އުޅެނީ، ލާނެތް ކަންކަން އެ މީހުން ކުރޭ، އެކަމަކު ގެއްލުމެއްނުދޭ، އިހަށްދުވަހު މިނިވަންކަން ލިބިގެން އުޅޭ ކުދިބަޔަކު އުޅޭހެން އެ މީހުން އުޅެނީ، އަބަދަކު މިތާކު އެ މީހުން ނުތިބޭނެ، އެހެން މަންޒިލެއް އެ މީހުން ހޯދާނެ، ވަޒަންވެރިވުމުގެ އެއްވެސް އަލާމާތެއް ނުފެނޭ" ޒިޔަޒެލްއަށް ލިބިފައިވާ މަޢުލޫމާތަށް ބުރަވެ ވާހަކަދެއްކިއެވެ. ނަމަވެސް އޭނާގެ ވާހަކައިން މީކާޢިލް އެއްކޮށް ހިތްހަމައެއް ނުޖެހޭކަން އޭނާގެ މޫނުން ފާޅުވޭވޭ ހުއްޓެވެ.

"ލުގަލްބަންދާ ގެނޭ... އޭނާއަށް ވެސް ވަކި އަހަރެން އިތުބާރެއްނުކުރަން، އެކަމަކު އީޝަލްގެ މައްޗަށް އޭނާ ރައްކާތެރިވާނެކަން އެނގޭ" މީކާޢިލް ބުނެލީ އަމިއްލަ ހިތާ ދެކޮޅަށެވެ.

"ހިންދުކަރައަށް މިރެއަކު ނުދެވޭނެ، އެކަމަކު މާދަމާ ރޭގެ އިޝާގެ ފަހުން އަހަރެން ދަތުރު ފަށާނަން، އާރަމްގެ ބެލުމުގެ ދަށުގައި ލުގަލް ހުންނާނީ، ހީކުރި ވަރަށްވުރެ އަވަހަށް އޭނާ ގެންނަން މި ޖެހުނީ" ޒިޔަޒެލް ބުންޏެވެ.
"ލުގަލް ވެސް ފުރިހަމަ ޒުވާނަކަށް ވެދާނެ ދޯ މިހާރު" ބަލްޤިސް އެއްސެވެ. އެ ޖުމްލައިން މީކާޢިލްގެ މޫނުގެ ކުލަވަރު ފަނޑުވެގެންދިޔައެވެ. ޒިޔަޒެލް މިފަހަރު ވެސް ލުއި ހީނލުމަކުން ހީނލީއެވެ.

"ބަލްޤިސް، ކަލޭގެ ބޭބެއަކީ މިހާރު ޒުވާން އަންހެން ދަރިއެއްގެ ބައްޕަ، އެކުއްޖާގެ ހިތް ދީއްލައިލައިފާނެތީ އޭނާ އެ ހުންނަނީ ބިރުން، ދަރިފުޅު ބޮޑުވެއްޖެކަން ޤަބޫލުކުރަން ފަސޭހަނުވެފައި، އެހެންވީމަ އެކުއްޖާގެ ވަށައިގެން އުޅޭ ޒުވާނުންގެ ވާހަކަ ދެއްކުމަކީ މީކާޢިލް މޭނުބައި ކުރާނޭ ކަމެއް" ހެވިފައި ހުރެ ޒިޔަޒެލް ބުނެލިއެވެ. އެހިނދު އެ މީހުންގެ ފަހަތުން ބަހީރާގެ އަޑުއައެވެ.

"ދަރީންގެ ދިރިއުޅުން ބައްޓަންވެގެން އަންނާނޭ ގޮތާމެދު މައިންބަފައިން ކުރާ ފިކުރު މިހާރު މީކާޢިލްއަށް ވިސްނޭނެ" ހިނިތުންވެލައިގެން ހުރި ބަހީރާ ބުނެލިއެވެ. މަޑުމަޑުން އައިސް މީކާޢިލްގެ ވައަތު މުލައްދަނޑީގައި ދެއަތުން ހިފައިލައި ގާތްކޮށްލަމުން އޭނާގެ އަތުގައި ފިރުމާލިއެވެ.

"މަންމާ... އަޅުގަނޑުގެ ބޯ ފަޅައިގެން ހިނގައިދާނެ، އެ ދަރިފުޅު ބަންދުކޮށްގެން ގެންގުޅޭވަރަށްވުރެ ލޯބިވޭ، އެކަމަކު ބޭރުތެރޭގައި އެ ދަރިފުޅު އުޅޭކަށް ވެސް ހިތެއް އެއްބަހެއްނުވޭ، އެކަހެރިކޮށްގެން ގެންގުޅެވޭކަށްނެތް" ކަނާއަތްތިލައިން ނިތްކުރީގައި ހިފަހައްޓާލައިގެން ހުރެ މީކާޢިލް އިސްޖަހާލިއެވެ.

"ބޭބޭ، އީޝަލްއަށް އަމިއްލައަށް ރައްކާތެރިވާން ދަސްކޮށްދީ، އޭނާއަށް ކަންކަން ނޭނގުމަށްވުރެ އެނގިފައި އޮތުން މުހިންމު، ތި ފިކުރުތަކަށް ވެސް ލުޔެއްލިބޭނެ، އަމިއްލަ ދިފާއުގައި ކުރެވޭނޭ ކަންކަން އޭނާއަށް އެނގެން އެބަޖެހޭ، އަހަރެމެންގެ ތެރޭގައި އުޅޭ ތަފާތު ދަރިފަސްކޮޅު ތަކުގެ މަޢުލޫމާތު އީޝަލްއަށް ވެސް އެނގެން ޖެހޭ، އެމީހުންނާ ކުރިމަތިލާނޭ ގޮތް ބުނެދެން އެބަޖެހޭ" ބަލްޤިސް ބުނެލިއެވެ.

"އަހަރެން ތިކަމަށް މީކާޢިލްގެ ގާތުން އެދެފިން މާކުރިން" ޒިޔަޒެލް ބުނެލިއެވެ.

"ޒިޔަޒެލް، މީކާޢިލްއަކީ ޒުވާން ބައްޕައެއްކަން ހަނދާންނައްތާނުލާ، އެ ދާއިރާގައި އޭނާގެ ތަޖުރިބާ އަދި ވަރަށް ޅަ، އޭނާގެ އިޙްސާސްތަކަށް އިޙުތިރާމުކުރޭ، އީޝަލްއަށް ރަނގަޅުގޮތް ނިންމަން އޭނާއަށް ވެސް އެނގޭނެ، އަހަރެމެންގެ ތެރޭގައި އަމިއްލަ ދިފާއުގައި ތެދުވަން ނޭނގޭނަމަ ހަނގާކުރާނެ ބަޔަކު ތިބޭނެ، މީކާޢިލް، ދަރިފުޅު ބޮޑުވަމުން އައިއިރު ބައްޕަގެ ފަރާތުން ލިބިފައިވާ އިރުޝާދުތައް ހަނދާން އެބަހުރިތަ، ތީ ކުޅަދާނަ ކުއްޖަކަށްވީ ހަމަ ހުރެފައެއްނޫނެއްނު" ބަހީރާ ވިސްނައިދޭން އުޅުނީ ކީކޭކަން މީކާޢިލް ނަގައިގަތެވެ. މަޑުމަޑުން މީކާޢިލް ބޯޖަހާލީ މަންމަގެ ވާހަކައާ އެއްބަސްވެވޭތީއެވެ. އޭނާގެ ތަމްރީނުތައް ގަނޑުވަރުގެ ތެރޭގައި ފެށުނީ ފުރާވަރުގައެވެ. އެއްފުރާގެ ކުދީންނާ އެކުވެ ސަމާސާ ކުރުމާއި ތަފާތު އަޖުމަ ބެލުމުގައި އޭނާ އިސްކޮށް ހުރި ފަހަރުތައް މަދެއްނުވާނެއެވެ.

"ބައްޕަ..." ބަލްޤިސް ހައިރާންކަމާއެކު ވަށައިގެން ހޯދާލިއެވެ.

"މަންމަ މި އައީ އެހެންވެ، އެނބުރިދާންވެއްޖެކަން ބުނަންވެގެން" މީކާޢިލްގެ އަތުގައި ހިފާލައިގެން ހުރެ ބަހީރާ ބަލާލިއެވެ.

މީކާޢިލް ވެސް އެވަގުތު ބޭރު ތެރެއަށް ބަލާލިއެވެ. އަދި މަންމައާއި ކޮއްކޮއަށް ސަލާމްކުރިއެވެ. ބަހީރާއާއި ބަލްޤިސް ވަކިވުމާއެކު ޒިޔަޒެލް އެއްފަރާތްވެލީ އެބަ އަންނަން ކަމުގައި މީކާޢިލް ގާތުގައި ބުނެފައެވެ. މީކާޢިލް ހިނގައިގަތީ ޢީޝަލް ކުރާކަމެއް ބެލުމަށެވެ.

"އައްސަލާމް ޢަލައިކުމް..." މާތް ސަލާމަކުން ޒިޔަޒެލްގެ ސަލާމް ފުރިހަމަކޮށްލިއެވެ. އެއާއެކު ފިރިހެންވަންތަ ރީތި އަޑަކުން ސަލާމް ބަލައިގަނެއްޖެއެވެ. ދެން އަނެއްކާ ވެސް އިވުނީ ޒިޔަޒެލްގެ ހުނުމުގެ އަޑެވެ.

"ކަލޭ މަލާމާތްކުރަނީތަ، ޒިޔަޒެލް" ޣައިބުގައި ހުރި މީހާ އެއްސެވެ.

"ތިހެން ދުރުގައި ހުންނާނީތަ؟ ދަރިފުޅުގެ ހާލު އަހާނުލާނަންތަ؟" ޒިޔަޒެލް ބުންޏެވެ.

"އޭނާގެ ހާލު އަހަންނަށް ފެނޭ، ޒިޔަޒެލް..." ޢައިބުގައި ހުރި މީހާ ވާހަކައެއް ދައްކަން އުޅެފައި ހުއްޓާލިއެވެ. އެއީ ކީއްވެކަން ޒިޔަޒެލްއަށް އެނގުނެވެ. ގަހުގެ އެކި ދިމާއިން ބޯދިއްކުރަމުން ދިޔަ މީކާޢިލް ފެނުނީއެވެ.

"އޭނާއަށް ކަލޭ ނުފެނުނެއްކަމަކު މިތާ ހުރިކަން އެނގޭ، އެހެންވެ އެ ހޯދަނީ" ޒިޔަޒެލް ބުންޏެވެ.

(ނުނިމޭ)