މެސީ

މެސީގެ އާދަޔާ ހިލާފް މޮޅު ފްރީކިކް، ސުވާލެއްވެސް ނެތް!

ކަޓަލާން ޑާބީގައި އެސްޕަންޔޯލް ކޮޅަށް، ކެޕްޓަން ލިއޮނަލް މެސީ ކާމިޔާބު ކުރި އާދަޔާހިލާފް މޮޅު ދެ ފްރީކިކުން 4-0 އިން މޮޅުވެ ތާވަލުގެ އެއް ވަނައިގައި ބާސެލޯނާ ދަމަހައްޓަމުން އަންނަ ލީޑް ދަމަހައްޓައިފި އެވެ.

ބެލަންޑޯ އެވޯޑްގެ ފަސް ވަނައިގައި ހިމެނުމުން، ފުޓްބޯޅަ ލެޖެންޑް ޕެލޭގެ ފާޑު ކިޔުންތައް މެސީއަށް އަމާޒުވެފައި ވަނިކޮށް، މެސީ މެޗުގައި ދެއްކީ މުޅިން ތަފާތު ކުޅުމެކެވެ. ހީވީ ޕެލޭގެ ފާޑު ކިޔުން އަމާޒުވުމުން އާދަޔާ ހިލާފް ރޫހެއް މެސީއަށް އައިސްފައިވާ ހެންނެވެ. މެޗުގެ 17 ވަނަ މިނެޓްގައި އޭނާ ކާމިޔާބު ކުރި ފުރަތަމަ ހިލޭ ޖެހުމަކީ ފުޓްބޯޅަ ސަޕޯޓަރުންނަށް އެމަންޒަރު ތަކުރާރުކޮށް ބެލުމުންވެސް ހިތްހަމަ ޖެހުން ލިއްބައިދޭނެ ހިތްގައިމު ގޯލެކެވެ.

އޭރިއާގެ ބޭރުން ލިބުނު ހިލޭޖެހުން މެސީ ފޮނުވާލުމުން އެސްޕަންޔޯލްގެ ކީޕަރު ޑިއޭގޯ ލޯޕޭޒް ޑައިވްވެސް ކުރީ ރަނގަޅު ދިމާލަށެވެ. ނަމަވެސް އެ ބޯޅަ ދިފާއު ކުރުމުގައި އޭނާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ.

މެޗުގެ 25 ވަނަ މިނެޓްގައި، ބާސާގެ ދެ ވަނަ ލަނޑު ޖަހަން އުސްމާން ޑެމްބެލޭއަށް މެސީ ތަނަވަސް ކޮށްދިން ޕާހަކީވެސް އިތުބާރު އޮވެގެން ކޮމްބިނޭޝަން ދެނެގަނެގެން ތަނަވަސްކޮށް ދިން މޮޅު ޕާހެކެވެ. އޭގެ އިތުރުން، ލަނޑު ޖަހާނެ އިތުރު ފުރުސަތުތައް މެސީއަށް ލިބިގެން ދިޔަ އެވެ. އެ ފުރުސަތުތައް ގޯލަށް ވަންނަމަ އޭނާގެ ނަމުގައި ފަސް ހަ ގޯލް ލިސްޓް ކުރެވޭނެ އެވެ.

އަނިޔާގައި ދުވަސް ގަނޑަކު ހުރުމަށް ފަހު، އެނބުރި އައިސް ލުއިސް ސުއަރޭޒް ވެސް ވަނީ ގޯލެއް ކާމިޔާބު ކޮށްފަ އެވެ. އޭނާ ލަނޑު ޖެހީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓްގައި ޑެމްބެލޭ ތަނަވަސްކޮށްދިން ބޯޅައިންނެވެ.

ބާސާގެ ސަރަހައްދާއި، އެސްޕަންޔޯލްގެ ސަރަހައްދަކީ އެއް ސްޓޭޓްގެ އެއް ހިސާބެކެވެ. އެސްޕަންޔޯލްގެ ދަނޑުގައި ބާސާއިން އެ ޓީމަށް ދުލެއް ނުދެ އެވެ.

މެސީ ދެ ވަނަ ލަނޑު ޖެހީ، ފުރަތަމަ ހާފުގައި ކާމިޔާބު ކުރިވަރަށްވުރެ ރީތި ހިލޭ ޖެހުމަކުންނެވެ. އޭރިއާގެ ކަނާދިމާލުން ކަހަލަ ގޮތަކަށް ލިބުނު ހިލޭ ޖެހުން މެސީ އޮއްސާލީ ސީދާ ގޯލް ގެ މެދުތެރެއަށެވެ. އެސްޕަންޔޯލްގެ ކީޕަރު ލޯޕޭޒްއަށް މިފަހަރު ކުރެވުނު މާބޮޑު ކަމެއް ނެތެވެ.

ބާސެލޯނާ އާ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ވެލެންސިއާ އަށް ވަނީ ގެއްލި ފަ އެވެ. ރޭ ސެވިއްޔާއާ ދެކޮޅަށް ވެލެންސިއާ ކުޅުނު މެޗު ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ. ފޯވަޑަލައިންގައި އަނިޔާގެ މައްސަލަތައް ބޮޑުވެފައިވާ އެތުލެޓިކޯ މެޑްރިޑް ވަނީ 3-0 ޑިޕޯޓިވޯ އަލަވޭޒް އަތުން މޮޅުވެފަ އެވެ. އެތުލެޓިކޯ އޮތީ ދެ ވަނައިގަ އެވެ.