ރާއްޖޭގެ ދޮށީގެ މަސްވެރިކަން ޕްރޮމޯޓްކޮށް ހިތްވަރު ދޭން، ލަގްޒަރީ ރިސޯޓް ސޮނޭވާ ޖާނީއިން މަސައްކަތްތަކެއް ފަށައިފި އެވެ.
ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ބައެއް ސައިޓުތަކުގައިވާ ގޮތުން ދުނިޔޭގައި މިހާތަނަށް ތަރައްގީ ކުރި އެންމެ ފުރިހަމަ ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ރާއްޖޭގެ ސޮނޭވާ ޖާނީ ރިސޯޓުން ވަނީ ތިމާވެއްޓާ ރަހުމަތްތެރި މަސްވެރިކަމަށް ހިތްވަރުދޭ، އިންޓަނޭޝަަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަން (އައިޕީއެންއެލްއެފް) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
މި އެއްބަސްވުމާ ބެހޭ ގޮތުން ނ. އަތޮޅުގައި ހުޅުވި ސޮނޭވާ ޖާނީގެ ސޯޝިއަލް އެންޑް އެންވަޔަރުމަންޓަލް އޮފިސަރު އަރްފިން އޮއިންސް ވިދާޅުވީ އެ ރިސޯޓުގެ ޓޫރިސްޓުންނަށް ފޯރުކޮށްދެނީ ތިމާވެއްޓާ ރަހުމަތްތެރިކޮށް ބާނާ މަސް ކަމަށެވެ.
"އަޅުގަނޑުމެން ފަހުރުވެރިވަން ދިވެހި މަސްވެރިންނާ ގުޅިގެން ތިމާވެއްޓާ ރަހުމަތްތެރި ގޮތަކަށް ބާނާ މަސް ފޯރުކޮށްދެވޭތީ،" އަރްފިން ވިދާޅުވި އެވެ.
ރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓްކޮށް ހިތްވަރު ދޭން ރާއްޖޭގެ ރިސޯޓަކުން ރަސްމީކޮށް ނުކުތް މިއީ ފުރަތަމަ ފަހަރެވެ.
ސޮނޭވާ ޖާނީއަކީ އިންޑިއާ އާއި އިނގިރޭސިވިލާތަށް ނިސްބަތްވާ މަހުޖަނު ސޮނޫ އާއި އަންހެނުން އީވާއަށް ނިސްބަތްވާ ރިސޯޓެވެ. މި ދެމަފިރިން ރާއްޖޭގެ ޓޫރިޒަމްގައި ފުރަތަމަ އިންވެސްޓްކުރީ މީގެ 20 އަހަރު ކުރިންނެވެ. އެގޮތުން ފުރަތަމަ ހުޅުވާފައިވަނީ ބ. އަތޮޅު ސޮނޭވާ ފުއްޓެވެ.
ސޮނޭވާ ފުށްޓަކީ ކުރިން ރާއްޖޭގައި ހުރި ހަމައެކަނި ރެސިޑެންސް ވިލާތައް ވިއްކާ ގޮތަށް ހެދި ރިސޯޓެވެ. އޭގެ ފަހުން ނ. މެދުފަރުގައި ހުޅުވި ސޮނެވާ ޖާނީ ވަނީ ދުނިޔޭގެ މަގުބޫލުކަން ހޯދާފަ އެވެ. މި ރިސޯޓުގައި 25 ވިލާ ހުންނައިރު މި ތަނުގައި ހަދާފައިވާ ސިނަމާއަކީ ރާއްޖޭގެ ރިސޯޓެއް މިހާތަނަށް ހަދާފައިވާ ފުރަތަމަ ސައިލެންޓް ސިނަމާ އެވެ. މި ސިނަމާ ހުންނަނީ މޫދުގަ އެވެ.