ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ރާއްޖޭގެ ޓޫރިޒަމް ފުރަތަމަ ހުޅުވާލަންވީ މަހުޖަނުން ނަށް: ސޯނޫ

ކޮވިޑް-19 ގެ ބަލިމަޑު ކަމަށްފަހު ރާއްޖޭގެ ޓޫރިޒަމް އެއް ފަހަރާ ހުޅުވާލުމުގެ ބަދަލުގައި، ފުރަތަމަ ދުނިޔޭގެ ބޮޑެތި މަހުޖަނުން ގެނެވޭނެ އިންތިޒާމެއް ރޭވުން ރަނގަޅު ކަމަށް، ރާއްޖެ ލަގްޒަރީ ޓޫރިޒަމް ދުނިޔެ އަށް ހުޅުވާލި ވިޔަފާރިވެރިޔާ، ސޮނެވޭ ގްރޫޕުގެ ވެރިޔާ، ސޯނޫ ސިވްދާސަން ވިދާޅުވެއްޖެ އެވެ.

ޓްރެވަލް ޓްރޭޑް މޯލްޑިވްސް ވެބްސައިޓުގައި ސޯނޫ ލިއުއްވާފައިވާ އާޓިކަލެއްގައިވާ ވިދާޅުވެފައިވާ ގޮތުން، ޕްރައިވެޓް ޖެޓްތަކުގައި ރާއްޖެ އަންނަ ބޭނުންވާ މަހުޖަނުން ނަށް ފުރަތަމަ ރާއްޖެ ހުޅުވާލުން ރަނގަޅުވާނެ ކަމަށާ، މީގެ ސަބަބުން ކޮވިޑް-19 ގެ ހާލަތު މެނޭޖު ކުރަން ސަރުކާރަށް ފަސޭހަ ވެގެން ދާނެ ކަމަށެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި މިގޮތަށް ޕްރައިވެޓް ޖެޓުގައި ރާއްޖެ އަންނަން ދުނިޔޭގެ އެތަށް މަހުޖަނުންނެއް ބޭނުންވާ ކަމަށާ، މިގޮތަށް އަންނަ މީހުން ޓެސްޓްކޮށް، ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެނަމަ ރާއްޖޭގައި ހަދާފައިވާ ރީތި ކަރަންޓީން ފެސިލީޓީ ތަކަށް ބަދަލު ކުރެވި ދާނެ ކަމަށެވެ. އަދި ޕޮޒިޓިވް ނުވާ މީހުންނަށް ޗުއްޓީ ހޭދަ ކުރަން ފުރުސަތު ދެވިދާނެ ކަމަށާ، މިހެން ހެދުމުން ދައުލަތަށް ލިބޭ އާމްދަނީ ވެސް އިތުރު ވާނެ ކަމަށެވެ.

ސޯނޫ ވިދާޅުވި ގޮތުގައި ސޮނޭވާގެ ރިސޯޓު ތަކަށް އަންނަން މަހުޖަނުންގެ، އެ ފަދަ 20 ހުށަހެޅުމެއް ލިބިފައިވާ ކަމަށާ، އެ މީހުން ރާއްޖޭގައި މަހެއްހާ ދުވަހަށް ތިބޭނެ ކަމަށެވެ.

"އެ ފަދަ މީހުން ރާއްޖޭގައި ފަސް މިލިއަނެއްނާ ޑޮލަރު ހޭދަކުރާނެ. މި ފައިސާގެ ތެރެއިން ހަ ލައްކަ ޑޮލަރު ސަރުކާރަށް ޖީއެސްޓީގެ ގޮތުގައި ލިބިގެން ދާނެ،" ރާއްޖޭގައި ސޮނޭވާ ޖާނީގެ އިތުރުން ތައިލެންޑުގައި ވެސް ޓޫރިޒަމް ވިޔަފާރި ކުރާ މަހުޖަނު، ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ކޮވިޑް-19 ނެތް ގައުމުތަކުން ކަނޑައަޅާ ވަކި އުސޫލެއްގެ ތެރެއިން ގެނައުން ރަނގަޅު ވާނެ ކަމަށާ، އަދި މިހާރު ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ހުޅުވާލެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ބުނެފައިވެ އެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ މައި އެއާޕޯޓް ބަންދުކޮށް މުޅި ޓޫރިޒަމް ވަނީ ހުއްޓިފަ އެވެ. އަދި މިކަމުގެ ސަބަބުން މި އަހަރު ދައުލަތަށް ލިބޭ އާމްދަނީ ބޮޑު ތަނުން ދައްވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ. މިހާރު އަންދާޒާ ކުރެވިފައިވާ ގޮތުގައި މި އަހަރު އާމްދަނީ ގޮތުގައި ދައުލަތަށް ލިބޭނީ ގާތްގަނޑަކަށް 11 ބިލިއަން ރުފިޔާ އެވެ.