ހަބަރު

ރައީސް ސޯލިހް މާދަމާ އުކުޅަހަށް ވަޑައިގަންނަވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރަސްމީ ދަތުރުފުޅެއްގައި މާދަމާ އއ. އުކުޅަހަށް ވަޑައިގެންނެވުމަށް ނިންމަވައިފި އެވެ.

ރައީސްގެ ސްޕޯކްސްޕާސަން އިބްރާހިމް ހޫދު ވިދާޅުވީ، ރައީސް މާދަމާ އުކުޅަހަށް ވަޑައިގަންނަވަނީ ދުނިޔޭގެ އިންސާނީ ހައްގުތަކާ ބެހޭ ދުވަހާއި މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ކަމަށެވެ.

އެގޮތުން އެރަށަށް ވަޑައިގެން ރައީސް އެރަށުގެ ރައްޔިތުންނާއި މުހާތަބް ކުރައްވާނެ ކަމަށާއި ސަރުކާރުގެ މުއައްސަސާތަކާއި ކައުންސިލާވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެރަށަކީ ފުޅާ ދާއިރާއެއްގައި ގެސްޓްހައުސް ވިޔަފާރިކުރާ ރަށަކަށްވާތީ އެރަށުގެ ވިޔަފާރިވެރިންނާވެސް ބައްދަލުކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރައީސް ސޯލިހް ވަނީ އިންތިހާބްގެ ކުރިން އުކުޅަހަށް ވަޑައިގެންފަ އެވެ. އެމަނިކުފާނު ރައީސް ކަމާއި ހަވާލުވެލެއްވުމަށްފަހު ކުރައްވާ ދެވަނަ ދަތުރުފުޅެވެ. މީގެ ކުރިން ވަޑައިގެންނެވީ ކ. ދިއްފުއްޓަށެވެ. އެރަށަށް ވަޑައިގެން އެރަށުގައި ގާއިމްކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމް ރައީސް ވަނީ އިފްތިތާހް ކޮށްދެއްވާފަ އެވެ.