އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ބައެއް ރަށް ރަށުގެ ކައުންސިލްތަކުގެ އެއްބާރުލުން ނުލިބޭ ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
އއ. އުކުޅަހުގައި މިހާރު ކުރިއަށްދާ "ވިއަވަތި ރާއްޖެ ކޮންފަރެންސް"ގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ލާމަރުކަޒީ ގާނޫނު އިސްލާހުކޮށްގެން ބައެއް ބާރުތަކާއެކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް އުފެއްދީ އަންހެނުންގެ ބާރުވެރިކަން އިތުރުކޮށް ތަރައްގީގެ މަސައްކަތްތަކުގައި ބައިވެރިކުރަން ކަމަށެވެ.
ކޮންފަރެންސްގައި ބައިވެރިވާ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައެއް މެންބަރުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ރައީސް ވިދާޅުވީ ކޮމިޓީތަކަށް ބައެއް ކައުންސިލްތަކުން ޖާގަ ނުދިނުމާއި އެއްބާރުލުން ނުދީ ބާކީ ކުރަމުންދާ ކަމުގެ ޝަކުވާވެސް ލިބެމުންދާ ކަމަށެވެ.
"ކޮމިޓީތަކަށް ދަތިވާ ގޮތަށް މިހެން ހުރި ކަންކަން ބަދަލުކުރުމަށް ކައުންސިލްތަކަށް އަޅުގަނޑު އިލްތިމާސް ކުރަން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ކޮމިޓީތަކުން ފާހަގަކުރި ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
ކޮންފަރެންސްގައި ވާހަކަދައްކަވަމުން ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް އިންތިހާބު ކުރީ ނަމެއްގައި ނޫން ކަމަށެވެ. އަންހެނުންނަށް ހުރިހާ ދާއިރާއެއްގައި ވެސް މަސައްކަތް ކުރެވޭނެ ކަމަށާއި އެއްބާރުލުން ދެއްވުމަށްވެސް އެދިވަޑައިގެންނެވި އެވެ.
މިއަދު ނިންމާލުމަށް ހަމަޖެހިފައިވާ ވިއަވަތި ކޮންފަރެންސްގެ މައިގަނޑު އެއް މަގުސަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރުމަށްޓަކައި ކައުންސިލުތައް ބާރުވެރިކުރުމުގެ ގޮތުން ރައީސް ސޯލިހް ފަށްޓަވާފައިވާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ.