ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް މާލެ ވަޑައިގެންފި

May 29, 2022

ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް އއ. އުކުޅަހަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކުރެއްވެވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު އެނބުރި މާލެ ވަޑައިގެންފި އެވެ.

އިއްޔެ އާއި މިއަދު ކުރިއަށް ގެންދިޔަ މި ކޮންފަރެންސްގެ މައިގަނޑު އެއް މަގުސަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކޮށް ކައުންސިލުތައް ބާރުވެރިކުރުމަށް ރައީސް ސޯލިހް ފަށްޓަވާފައިވާ މަސައްކަތް އިތުރަށް ހަރުދަނާކުރުމެވެ.

މި ކޮންފަރެންސް ފެށުމުގެ ކުރިން ކޮންފަރެންސްގެ ބައިވެރިންނަށް އަމާޒުކޮށްގެން ގުޅުން ބަދަހިކުރުމުގެ ގޮތުން ސްޕޯޓްސް ފެސްޓިވަލެއް ވެސް ވަނީ އުކުޅަހުގައި ކުރިއަށް ގެންގޮސްފަ އެވެ.

ދެ ދުވަހުގެ މުއްދަތައް ކުރިއަށް ދިޔަ މި ކޮންފަރެންސްގައި ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުމާއި ގުޅޭގޮތުންނާއި، ލޭންޑް ޔޫޒް ޕްލޭން އެކުލަވާލުމާ ގުޅޭގޮތުންނާއި، ރަށްރަށުގެ ތަރައްގީގައި އަންހެނުންގެ ކޮމިޓީގެ ދައުރާއި ގުޅޭގޮތުންނާއި، ލާމަރުކަޒީ ނިޒާމުގެ މިހާރުގެ މިސްރާބާއި ގުޅޭގޮތުން ހަތަރު ސެޝަނެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ސަރުކާރުން އެންމެ އިސްކަން ދޭ އެއްކަމަކީ ސިޓީއާ އަތޮޅާއި ރަށްރަށުގެ ތަރައްގީއާ ގުޅޭ ކަންކަން ނިންމުމުގައި އެ ސިޓީއެއް އަތޮޅެއް ނުވަތަ ރަށެއްގެ ކައުންސިލާ ރައްޔިތުންގެ މަޝްވަރާއާ އެކުގައި އެކަންކަން ނިންމުމަށް ފުރުސަތު ދެއްވުން ކަމުގައި ކޮންފަރެންސްގައި ވާހަކަދައްކަވަމުން ރައީސް ވަނީ ވިދާޅުވެފަ އެވެ. އެހެންވެ ކޮންފަރެންސްގެ ސެޝަންތަކުގައި ކައުންސިލަރުން ހުށަހަޅުއްވަން ބޭނުންވި ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ވަޒީރުންނަށް ހުށަހަޅުއްވައި އެކަންކަމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ހިޔާލުބަދަލުކޮށް މަޝްވަރާކުރައްވާފައިވެ އެވެ.

ވިޔަވަތި ކޮންފަރެންސް ކުރިއަށް ގެންދިޔައީ ތިން ސަރަހައްދަކަށް ބަހާލައިގެން ކޮންމެ ސިޓީ ކައުންސިލަކާއި، އަތޮޅު ކައުންސިލަކާއި، ރަށު ކައުންސިލަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް ބައިވެރިވާ ގޮތަށެވެ. މިއަދު ނިމިގެން ދިޔަ ކޮންފަރެންސް ހާއްސަކުރީ މެދުރާއްޖެތެރޭގެ އަތޮޅު ތަކަށެވެ.

މި ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ވަޒީރުންނާއި އެކި މުއައްސަސާތަކުގެ ފަންނީ ބޭފުޅުންނާއި ކައުންސިލް ރައީސުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުން ވެސް ވަނީ ބައިވެރިވެފަ އެވެ.