މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ ފަހަތުގައި ސިޔާސީ ނިޔަތާއި މާލީ ނަފާ ޝާމިލްވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ ކައުންސިލްތަކާއިއެކު މިއަދު ފަށާފައިވާ "ވިއަވަތި ރާއްޖެ" ކޮންފަރެންސް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ރާއްޖޭގައި އޮތް މައްސަލަތަކަށް ބަލާއިރު އެންމެ ބޮޑު އަދި ގައުމީ ދެ މައްސަލައަކީ މަސްތުވާތަކެއްޗާއި ގޭންގު ކުށްތައް ކަމަށެވެ. އޭގެ ފަހަތުގައި ސިޔާސީ ނިޔަތާއި މާލީ ނަފާ ޝާމިލްވެފައިވާއިރު، މިއީ މިކަންކަމުގެ އެންމެ ފުނުގައި އިންތިޒާމްވެ ރޭވިގެން ހިންގާ ކަންކަން ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ކަންކަމަކީ ވަރަށް ބޮޑު އިސްކަމެއް ދީގެން ހައްލު ހޯދަން ޖެހިފައިވާ އިޖުތިމާއީ ބޮޑު މައްސަލައެއް ކަމަށެވެ. މި ކޮންފަރެންސްގައި މިކަމާ ގުޅޭ ގޮތުން ފުޅާކޮށް މަޝްވަރާކުރުން މުހިންމު ކަމަށް ވެސް ރައީސްގެ ވާހަކަފުޅުގައި ފާޙަގަކުރެއްވި އެވެ.
"...މިއީ ގޮންޖެހުން ބޮޑު ހުރަސްތައް ގިނަ ބުރަ މަސައްކަތެއް. މިކޮންފަރެންސްގައި މިކަމާ ގުޅޭގޮތުން ކުރެވޭ މަޝްވަރާތައް ފުޅާކުރުން މުހިންމު. އެއީ މީގެ ހައްލު ހޯދުމުގެ މަގު ކުރުވެ ނަތީޖާ އަވަސްވާނެ ކަމެއް ކަމުގައި އަޅުގަނޑު ދެކެން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވިގޮތުގައި ރާއްޖޭގައި އޮތް އަނެއް ބޮޑު މައްސަލަ އަކީ މޫސުމަށް އަންނަ ބަދަލުތައް ކަމަށެވެ. އެގޮތުން ރަށް ގިރުމާއި، ފެންބޮޑުވުމާއި އުދައެރުމަކީ ރަށްރަށާ އެންމެ ގާތުގައިވާ އެންމެ ބޮޑު ބިރު ކަމަށް ވިދާޅުވި އެވެ.
ތިމާވެއްޓަށް ލިބޭ ގެއްލުމާއި ނޭދެވޭ އަސަރަކީ ތަރައްގީގެ ކޮންމެ މަޝްރޫއަކާ ގުޅިފައިވާ ކަމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ތަރައްގީގެ ބޭނުމުގާ ކުރާކަމަކީ ތަރައްގީއަށް އޮތް ހުރަހަކަށް ވިޔަދީގެން ނުވާނެ ކަމަށެވެ.
"މިއަދު މިފެށޭ ކޮންފަރެންސަކީ މިދެންނެވި ގޮތުން ފާހަގަ ކުރެވިފައިވާ މައްސަލަތަކާ މެދު މަޝްވަރާ ކުރުމުގެ މަހައްލު. ހައްލު ހޯދާ ގޮތް ހޯދުމުގެ މަރުހަލާ. މިވަގުތަށް ހޯދަންޖެހޭ ހުރިހާ ޖަވާބެއް ތިޔަބޭފުޅުންގެ [ކައުންސިލަރުންގެ] މަޝްވަރާތަކުން ހޯއްދަވާނެ ކަމާމެދު ކުޑަވެސް ޝައްކެއް އަޅުގަނޑު ނުކުރަން،" ރައީސް ވިދާޅުވި އެވެ.
އުކުޅަހުގައި ފަށައިފައިވާ މި ކޮންފަރެންސްގެ އެއް މަގުސަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކޮށް، ކައުންސިލުތައް ބާރުވެރިކުރުމަށް ރައީސް ސޯލިހް ފަށްޓަވާފައިވާ މަސައްކަތް އިތުރަށް ހަރުދަނާކުރެއްވުމެވެ. ރައީސް ސޯލިހާއި އަދި ކަމާބެހޭ ވަޒީރުން ކައުންސިލަރުނާއި މަޝްވަރާކުރައްވައި މައްސަލަތަކަށް ހައްލުތައް ހޯއްދެވުމުގެ ފުރުސަތު ފަހިކޮށްދިނުމަކީވެސް މި ކޮންފަރެންސްގެ މުހިންމު ބޭނުމެކެވެ.