ރިޕޯޓް

މަގުމަތީ ހަރަކާތުގައި އުޅުމަކީ ވަޒީފާ ހައްގުވާ ކަމެއްނޫން!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އަދި މަހެއްހާ ދުވަސްވެސް ނުވެއެވެ. ހަތަރު ލީޑަރުންނާ އެކު ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވީ ގައުމު އިސްލާހު ކުރުމުގެ އެޖެންޑާއެއް ހިއްޕަވައިގެން އެވެ. ދައުލަތުގެ ހުރިހާ ވަސީލަތެއް ކުރީގެ ރައީސް އަބުދުﷲ ޔާމީނަށް ލިބިވަޑައިގެން ހުންނަވާމެ، އިންތިހާބުން ބަލިވީ ރައީސް ސޯލިހުގެ އިސްލާހީ އެޖެންޑާގެ ބޮޑެތި ވައުދުތައް ރައްޔިތުން ބަލައިގަތީމަ އެވެ. ރައީސް ޔާމީންގެ ސަރުކާރަށް އެންމެ ބޮޑަށް ރުޅިއެރި އެއް ސަބަބަކީ، ސިޔާސީ ގޮތުން ގުލާނު ކޮށްގެން ނޫނީ ވަޒީފާ ވެސް ނުލިބުމެވެ. ވަކި ގޮތަކަށް ސިޔާސީ ފިކުރު ހުރެގެން ނޫނީ ހުންނަ ވަޒީފާގެ ޔަގީންކަން ވެސް ނެތުމެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމާ އެކުވެސް އެ އާދަ ނެތިގެނެއް ދިޔަހެއް ހިޔެއް ނުވެ އެވެ. ބައެެއް މީހުންގެ ރޫހު ހުރީ، ތިމާމެން ތާއިދު ކުރާ ވެރިކަމެއްގައި ވަޒީފާ ތަކުގައި ތިބޭނީ ތިމާމެން ނުވަތަ ތިމާމެން ބޭނުންވާ ކުލައެއްގެ ބަޔަކު ކަމަށް ވިސްނިފައި އޮންނަ ވިސްނުމެވެ.

އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް 30 ދުވަސް ހަމަ ނުވެގެން އުޅޭއިރު ސޯޝަލް މީޑިއާގައި އެންމެ ގިނައިން ފާޑު ކިޔަމުން އަންނީ މަގުމައްޗަށް ނުކުތް މީހުންނަަށް ވަޒީފާ ނުލިބިގެންނެވެ. މަގުމަށްޗަށް ނުކުތް މީހުން ބިކަކޮށް، އެކަހެރި ކޮށްލިކަމުގެ ޝަކުވާ އެވެ. ތިމާމެންނަކީ ރައީސް ޔާމީންގެ ސަރުކާރާއި ދެކޮޅަށް ކުރި މުޒާހަރާތަކުގައި އެންމެ ކުރީ ސަފުގައި އަނިޔާ ލިބުނު މީހުން ކަމާއި، ވަޒީފާ ދެމުން ގެންދަނީ ފިނި ކޮޓަރީގައި ތިބި ކަމާ ނުބެހޭ ބަޔަކަށް ކަމަށް ދެކެވޭ ވާހަކައިގެ އަޑު ވަރަށް ވެސް ގަދަ އެވެ.

އުފެދޭ ސުވާލަކީ އެގޮތަށް ގޮވާލާ މީހުން ރައީސް ޔާމީންގެ ސަރުކާރާއި ދެކޮޅަށް އިހުތިޖާޖު ކުރީ އަމިއްލަ އެދުމާއި، ވަޒީފާގެ ބޭނުމަށްތޯ ނުވަތަ ހަގީގަތުގައިވެސް ގައުމު އޮތް ނާޒުކު ހާލަތުން އަރައިގަނެ ފާގަތި މުސަތަގުބަލެއް ގައުމަށް ހޯދައިދޭންތޯ ސުވާލު އުފެދެ އެވެ. އޭރުގައި ނިކުތް އެންމެންގެ ދޫކުރިމަތީގައި އޮތީ އަނިޔާވެރިކަން ނިންމާ ވާހަކައެވެ. އެ އިހުތިޖާޖުތަކަކީ ރައީސް ޔާމީންގެ ސަަރުކާރުގެ އަނިޔާވެރިކަން ނިންމަން ދިވެހި ރައްޔިތުން ކުރި އިހުތިޖާޖުތަކެކެވެ. އެއްވެސް ހާލެއްގައި އެއީ ވަޒީފާހޯދަން ކުރި ޖޮބްމާޗް ތަކެއް ނޫނެވެ. އެހެން ނަމަވެސް މީހުންގެ ވިސްނުން ބައްޓަންކޮށްފައި ހުރީ އެގޮަތަށް ކަމުގައި ބެލުމުގެ ފުރުސަތު އެބަ އޮތެވެ. މަގުމައްޗަށް، ސަރުކާރާއި ދެކޮޅަށް ބައެއް މީހުން ނިކުތީ އަންނަ ސަރުކާރެއްގައި ވަޒީފާ ޔަގީންކުރަން ކަމަށް މިއޮތީ ބެލެވިފަ އެވެ. އެވާހަކަ ސޯޝަލް މީޑިއާއަށް ބެލުމުން އެނގޭނެ އެވެ.

ތެދެކެވެ. އަނިޔާވެރިކަމާއި ދެކޮޅަށް ނިކުތް މީހުންވީ ގުރުބާނީގެ އަގު ވަޒަަން ކުރަން ޖެހެއެވެ. އެހެން ނަމަވެސް އެއީ ސަރުކާރުގެ ވަޒީފާތަކާއި، މަގާމުތަށް އެބަޔަކަށް ހައްގުވާންޖެހޭ ސަބަބެއް ނޫނެވެ. ކޮންމެ މީހަކުވެސް ތައުލީމް އުގެނި، މަސައްކަތް ކުރާނީ ރަނގަޅު ވަޒީފާއެއް ހޯދައި ތިމާގެ މުސްތަގުބަލް އުޖާލާ ކުރާށެވެ. މަގުމައްޗަށް ނުކުތަސް ނުނިކުތަސް އެމީހަަކަށް އެ ވަޒީފާއެއް ހައްގުވާނަމަ ލިބެންޖެހެ އެވެ. އެހެން ނަމަވެސް މަގުމައްޗަށް ނިކުތުމަކީ އެކްސްޓްރާ ކޮލިފިކޭޝަންއެއް ކަމަށް ދެކުމަކީ ގޯހެކެވެ. މަގުމައްޗަށް ނިކުމެ އިހުތިޖާޖް ކުރުމަކީ ތިމާގެ ވަކި ވަޒީފާއަަކަށް ގާބިލް ވާންޖެހޭ ސަބަބެއްވެސް ނޫނެވެ. ވަޒީފާތަކަށް މީހުން ހޮވަންވާނީ އެ އޮންނަ އުސޫލުން އިއުލާން ކުރުމަށްފަހު، ކުރިމަތިލާ ބަޔަކާއި އިންޓަވިއުކޮށް، އިންޓަވިއުއިން އެންމެ މަތީ މާކްސް ހޯދާ ބަޔެކެވެ. އެނޫން ގޮތަކަށް އެކަން ކުރާނަމަ މިދިޔަ ސަރުކާރުތަކޭ މި ސަރުކާރެކޭ ތަފާތެއް ނޯންނާނެ އެވެ. ހައްގު ނޫން ބަޔަކަށް ވަޒީފާ ދިނުމަކީ އެކަމަށް ކުރިމަތިލާ ގާބިލް މީހުންނަށް ދެވޭނެ އަނިޔާ އެކެވެ.

އިހަށް ދުވަހު ސިޔާސީ ޕާޓީއެއްގެ އިސްވެރިޔަކާއި ބައްދަލުވެ ދެކެވުނު ވާހަކައެކެވެ؛ "މިއުޅެނީ ސަލާމަތް ނުވެވިގެން. މީހުން ގުޅާވަރުން ވަޒީފާ ހޯދަން. ކޮންމެވެސް ރަށެއްގެ ދާއިރާ ރައީސަކުވެސް އެބަ ގުޅާ އޭނާގެ ކޮންމެވެސް ތިމާގެ މީހަކަށް އެ ރަށު ހޮސްޕިޓަލުގެ އެމްބިއުލާންސް ދުއްވާ ވަޒީފާ ނުދީގެން ރުޅިއައިސްގެން،" މިއީ ދިވެހިންގެ ވިސްނުން މިހާރު ހުރި ހިސާބެވެ. ތިމާމެންގެ ސަރުކާރެއްގައި ހުރިހާ ވަޒީފާއަކާއި މަންފާއެއް ތިމާމެންނަށެވެ. އިތުރު މީހަކަށް ވަޒީފާ ދީފިނަމަ ދެން އެވީ އެ ސަރުކާރަކާ ދެކޮޅުވާށެވެ.

މިފަދަ ގޮތަކަށް ދިވެހިންގެ ވިސްނުން ބައްޓަންވެފައި ހުރުމަކީ ހިތާމައެކެވެ. މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ސިޔާސީ ގޮތުން އައްޔަން ކުރި ބޭފުޅުންނާއި ދޭތެރޭވެސް އޮތީ އެކަހަލަ ކަންބޮޑުވުމެކެވެ. އެހެން ނަމަވެސް އެއީ ވެރިއަކަށް ހުންނަ މީހަކަށް ލިބިދީފައިވާ އިހުތިޔާރެއްގެ ދަށުން ކޮށްފައިވާ ކަމަކަށްވުމުން އެކަމަށް މާބޮޑު ފާޑެއް ކިޔޭކަށް ނެތެވެ. އެކަމަކު ސުވާލަކީ ގާބިލް މީހާ ބާކީކޮށްފައި، މަގުމަތީ ހަރަކާތުގައި އުޅުނު މީހާއަށް ސްޓޭޓް މިނިސްޓަރުކަމާއި ނައިބު ފެންވަރުގެ މަގާމު ދިނީމާ، ރައްޔިތުން އެދޭ ތަރައްގީއާއި ކުރިއެރުމެއް އަންނާނެ ހެއްޔެވެ؟ ސިޔާސީ މަގާމެއް ދޭން މަގުމަތީ ހަރަކާތުގައި އުޅުމަކީ ޝަރުތެއް ކަމަށް ވެގެން ނުވާނެ އެވެ. ސިޔާސީ ޕާޓީތަކުން އެދުނަސް އެކަން ރައީސް ސޯލިހު ކުރައްވައިގެން ވެސް ނުވާނެ އެވެ.

އެހެން ނަމަވެސް ސަރުކާރުގެ ހުރިހާ ވަޒީފާތަކަކާއި، ސަރުކާރު ކުންފުނިތަކުގެ ވަޒިފާތަކާއި، މިހުރިހާ ވަޒީފާތަކެއް ސޯޝަލް މީޑިއާގައި އެ ޑިމާންޑްކުރާ އުސޫލުން ބަހަންވެއްޖެ ނަމަ އެ ވެއްޓެނީ ކުރީގެ ސަރުކާރާއި އެއްލެވަލް އަކަށެވެ. ކަމަށް ގާބިލް، ތައުލީމީ މީހުން ވަޒީފާތަކަށްް ހޮވުން މުހިންމެވެ. ހާއްސަކޮށް ސިވިލްސާވިސް ފަދަ ދައުލަތުގެ ހަކަތައިގެ ގޮތުގައި ހުރި މުއައްސަސާތަކުގެ ވަޒީފާތަކަށް ގާބިލް މީހުން ހޮވަން ޖެހެ އެވެ.

ތިމާއަށް ހައްގުނުވާ ކަންކަމަށް ޑިމާންޑްކުރުން ހުއްޓާލަން ވެއްޖެ އެވެ. ގައުމަށް ހެޔޮ ބަދަލެއް ގެނެވޭނީ އޭރުންނެވެ. ރައްޔިތުންގެ މަޖިލިސްފަދަ މުހިންމު މުއައްސަސަތަކަށްވެސް އިންތިހާބު ކުރަންޖެހެނީ ތިމާގެ ޕާޓީ ކުލައިގެ މީހާއެވެ. ކައުންސިލަށްވެސް ހަމަ އެކުލަ އެވެ. ވަޒީފާތަކަށްވެސް އެކުލަ އެވެ. މިވިސްނުން ބަދަލުކޮށް، ކަންކަމަށް ގާބީލް އިލްމީ މީހުންނަށް ފުރުސަތު ނުދޭ ނަމަ، ގައުމަށް ސަލާމަތެއް ނެތެވެ. އެހެން ނޫނީ ޖެހޭނީ ހަމަ އެއް ހާލެއްގަ އެވެ.