(5 ޑިސެމްބަރ 2018 އާ ގުޅޭ) -- "މާނީ ނުލާ އަހަރުމެން ނުދާނަމެއްނު، ދޯ އެލީ" މަންހާ އަވަހަށް ބުނެލިއެވެ.
"އޮފްކޯސް... ގަރލްސް، ވީ އަރ ވަން، ސޯ ހުރިހާ އެންމެނަށް ދެވޭގޮތަކަށްނު ރާވާނީ" އަލީޝާ ބުނެލިއެވެ.
"މިރޭ މަންހާގެ ސަމާލުކަން ފިލާވަޅަށްވުރެ އެހެން ކަމަކަށް ދެވޭ ހެން ހާދަ ސާރއަށް އެބަ ހީވެޔޭ" ޝަމްރާޙްގެ އަތުގައި އޮތް ރަތްގަލަމުން މަންހާގެ ލޮޤްފޮތުގައި ޖަހާލަމުން ބުނެލިއެވެ. ޝަމްރާޙްއަކީ މަންހާއަށް އެކައުންޓު އާޢި އިކޮނޮމިކްސް ކިޔަވާދިނުމަށް ގެއަށް އަންނަ ޓީޗަރެކެވެ. އޭނަ މަންހާއާއި އެސުވާލުކުރަން ޖެހުނީ އެހެންރޭރޭ ތިން ހަތަރު ސުވާލަށް ޖަވާބުދީ ނިންމާލާ މަންހާއަށް މިރޭ އަދި ޖަވާބުދެވުނީ އެންމެ ދެސުވާލަށެވެ. މިރޭ މަންހާގެ ސިކުނޑީގައިވަނީ މުޅިން އެހެން ހިޔާލުތަކެކެވެ.
"ސާރ، މިރޭ ވަރަށް ޓަޔަރޑްކޮށް މިއުޅެނީ، މިއަދު ގްރޫޕް ސްޓަޑީޒްވެސް ހެދީމޭ، އެކަމަކު ދެރައީ މިޓޮޕިކް އާއި ބެހޭގޮތުންނެއް ނޫން ސްޓަޑީ ކުރެވުނީ، ޖަސްޓް ގިވް މީ ފައިފް މިނެޓްސް ޓު ރިވިއު...." މަންހާ އޭނަގެ ފިލާވަޅުތަކަށް ސަމާލުކަން ދެވޭތޯ މަސައްކަތްފެށިއެވެ.
މަންހާ އެހެން މާއްދާތަކުން ޓިއުޝަން ނުނަގަނީ އޭނައަށް އެހެން މާއްދާތަށް ދޭހަވުމުގައި އެއްވެސް އުނދަގޫތަކެއް މެދުވެރިނުވާތީއެވެ. އޭނަ ޝަމްރާޙް ކައިރިން ޓިއުޝަން ނަގަމުން އަންނަތާ މިހާރު ދެއަހަރުވަނީއެވެ. ހަފްތާގެ ހަތަރު ރެއަށް ބަހާލައިގެން ރޭގަނޑު ހަތްގަޑިބައިން ނުވަޔަކަށް ޝަމްރާޙް އެގެއަށް އާދެއެވެ. މިރޭގެވެސް ޓިއުޝަންގަޑި ނިމުމަކަށް އައީއެވެ. ޝަމްރާޙް ވަކިވެގެން ދިޔައީ މަންހާއަށް ހިތްވަރު ލާދެމުން އިމްތިހާނަށް މުހިއްމުވާނެ ބައެއް މަޢުލޫމާތުތައްވެސް ނޯޓުކޮއްދީފައެވެ.
މަންހާގެ ޓިއުޝަން ހިނގަމުން ދާގަޑިތަކުގައި ދޭތެރެއަކުން ސިޓިން ރޫމު ސޯފާގައި އިނދެ ވަސީމާ އެދިމާލަށް ކަޅިއެއް އެއްލާނެއެވެ. އެހެންނަމަވެސް ޓީވީއިން ދައްކަމުން ދިޔަ ޙަބަރު ބެލުމައްޓަކައި ވަސީމާގެ ގާތުގައި އިން ސަޢީދު އިނީ ޙަބަރުގެ ތެރެއަށް ވަދެ ގެއްލިފައެވެ. އެއީ އާދައެވެ. މަންހާގެ ހުރިހާ ކަމަކަށް ނަޒަރު ހިންގުމަކީ ވަސީމާގެ އާދައެވެ. މަންހާއަކީ އަންހެން ކުއްޖަކަށްވެފަ މިހާރު މިޒަމާނަކީ އެކަކަށްވެސް އިތުބާރުކުރެވޭނޭ ޒަމާނަކަށް ނުވާތީއާއިއެކުވެސް މެއެވެ. މަންހާއަށް ދެރަގޮތެއް ވެއްޖެނަމަ ވަސީމާގެ ހިތްވެސް ހުއްޓިދާނެއެވެ. އެހެންނަމަވެސް ސަޢީދަކީ ދަރިންނާއި ގުޅިގެން ސަކަގޮތްގަނޑަށް އުޅޭ ބަފައެކެވެ. އޭނަ ވަކި ދަރިއަކަށް މާބޮޑު ސަމާލުކަމެއް ދީއެއް ނުހަދައެވެ. އޭނަ ދެކޭ ގޮތުގައި އަންހެން ދަރިފުޅުވެސް އޭނަގެ ފިރިހެން ދަރިންނާއި ވާންވާނީ ހަމަހަމައެވެ.
"ދަރިފުޅު ތިއަންނަނީ ދޯ ކާން" ވަސީމާގެ ކުރިމަތިންލާފައި ފޮތްތައް ހިފައިގެން ސިޑިން މައްޗަށް އަރަންދިޔަ މަންހާއަށް ބުނެލިއެވެ. އާދައިގެ މަތިން ކޮންމެ ރެއަކުވެސް އެގޭގައި ހުރިހައި އެންމެން ކާން އަރާނީ މަންހާގެ ޓިއުޝަން ގަޑި ނިމުމުން އޭނައާއި އެކުއެވެ.
"ނޫން މަންމާ، މިރޭ އެހާ ބަނޑުހައެއްނުވޭ، ވަރަށް ޓަޔަރޑް، ބޭނުންވަނީ ފަތިހު މަންމަ ގޮވަންވާއިރަށް އަވަހަށް ނިދާލަން" ސިޑީގެ ދެތިން ހަރުފަތް މަތީގައި ހުރި މަންހާ ގުދުވެލަމުން މޫނުހަދާލިއެވެ. ވަރުބަލިކަން ދައްކާލަމުން އާފުރޭކަމަށްވެސް ހަދާލިއެވެ.
"އެމަންޖެ ނިދި އައިސްފަ ހުރިއްޔާ ދެން ނިދަން ފޮނުވާ...."ސަޢީދު ސޯފާއިން ތެދުވަމުން ބުނެލިއެވެ.
"އެކަމަކު ދެން މިރޭ ނުކައި ހުރެފަ ހެދުނުވެސް ކާއެއްޗެއް ނުކާނެ ސްކޫލަށް ދާއިރު، އެބޯލާ ކިރުތަށިވެސް އެބޮނީ ކިހާ ބަހަނާއެއް ދައްކާފަ، ކާންވާނެ އެއްނު.......އޭރުން ސްކޫލަށްގޮސް ރަނގަޅަށް ވިސްނޭނީވެސް، ކުރިމަތީގަ މިއޮތީ ބޮޑު އިމްތިހާނެއް........." ވަސީމާ ފެއްޓިގޮތަށް ހުއްޓާކަށްވެސް ނޫޅުނެވެ. އޭނަގެ ހަތަރެސް ފަޔާ އެއްވަރަށް އަނގަވެސް ހަލުވިއެވެ.
"ދެން މަންމާ........ޕްލީސް........އަޅުގަނޑު ހެދުނުން ކާނަމޭ......ޕްލީސް.....ޕްލީސް...ޕްލީސް" މަންހާ ކުޑަކުއްޖެއް ފަދައިން ކުސްތަޅަމުން އާދޭސް ކުރަންފެށިއެވެ.
"ހޫން.......ދެން ދޭ ކޮޓަރިއަށް، ތިލައިގެން ހުރި އެއްޗެހި ރީތިކޮށް ސްޓޭންޑުގަ އަޅުވާފަ ނިދަން އޮށޮންނާނީ" ވަސީމާ އެއްފަރާތަކަށް ތުން އަނބުރާލަމުން ހިތްހަމަނުޖެހޭ ގޮތްދައްކަމުން ބުނެލިއެވެ.
ދުވެފައި ސިޑިން އަރައިގެން އައިގޮތަށް އައިސް މަންހާގެ ކޮޓަރިއަށްވަނެވެ. އަވަސް އަވަހަށް ހެދުނު ސްކޫލަށް ދާންވާއިރަށް ހަދަންއިން ހޯމްވާރކް ހަދާ ނިންމާލިއެވެ. އޭނައަށް އެކަންތައް ނުކުރެވުނީ ހަވީރު އޭނަގެ ރަޙުމަތްތެރިން އައީމައެވެ. އެވަގުތު އެމީހުން ފިލާވަޅާބެހޭ އެއްވެސް ކަމެއް ނުކުރެއެވެ. ދާންވަންދެންވެސް ދެކެވުނީ މަންހާގެ ހިތްފަތަހަ ކުރަމުން އަންނަ ޒުވާނާއާއި ބެހޭ ވާހަކަތަކެވެ.
"އަޅެ ތީ ކާކުތަ......" މަންހާ ނިދާ ހެދުމުގައި ކޮމްޕިއުޓަރ ކައިރީ އިންނަ ގޮނޑީގައި އިށީނދެ ގޮނޑި އަނބުރާލަމުން އަމިއްލައަށް ބުނެލެވުނެވެ. ދެފަހަރަކު ގޮނޑި އަނބުރާލުމަށްފަހު ކޮމްޕިއުޓަރ އާއި ކައިރިވެލިއެވެ. އަދި ވިންއެމްޕްގައި ލަވައިގެ ޕްލޭލިސްޓެއް ތައްޔާރު ކުރަން ފެށިއެވެ. ހިންދީ ލަވަ އާއި އިނގިރޭސި ލަވަ އާއި ދިވެހިލަވަ ހިމެނޭ ގޮތަށެވެ. އެލަވަލިސްޓު ހަދާނިމުމާއިއެކު ޕްލޭއަށް ޖައްސާލުމަށްފަހު އައިސް އެނދުގައި އޮށޯތެވެ. އަދި އެކިއެކި ފޮނި ހިޔާލުތައް ކުރަމުން ދިޔައެވެ.
އާދުވަހަކަށް ތައްޔާރުވާންވީކަން މަންހާއަށް އިނގުނީ ވަސީމާ އައިސް ފަތިސް ނަމާދަށް ގޮވުމުންނެވެ. އޭރު މަންހާ އޮށޮންނަމުން ޖަހާފައިހުރި ލަވަތަކުގެ އަޑު ކޮޓަރީގައި ހަރުލާފައިވެއެވެ. ވަސީމާ އެންމެ ފުރަތަމަވެސް އެދުނީ އެލަވަތައް ނިއްވާލުމަށެވެ. އެއީ ނިދާގަޑީގައި ލަވަޖަހާފައި ބެހެއްޓުމަކީ ވަސީމާއަށް ކަމުދާ ކަމެއްނޫނެވެ.
ސްކޫލަށް ދާން ތައްޔާރުވެގެން ހުރި މަންހާ އައިސް ކާމޭޒުދޮށުގައި އިށީނެވެ. އޭރު ވަސީމާ ޝިމާދުއަށް ސައިތަށްޓެއް އަޅާދޭން ހުއްޓެވެ.
"އަވަހަށް ސައިބޯން ފައްޓާ، މަންމަ ޕާން ފޮއްޗެއް ތައްޔާރުކޮއްދެންތަ" ވަސީމާ މަންހާއައިސް އިށިންތަން ފެނުމުން ބުނެލިއެވެ.
"ނޫން މަންމާ، ކިރުތަށި ބޯލައިގެން ދާނީ......" މަންހާ އާދައިގެ މަތިން ކޮންމެ ދުވަހަކުވެސް ބުނާ ޖުމްލަ ބުނެލިއެވެ. ހެދުނު ކާމެޒުމަތިން ކާއެއްޗެއް މަންހާއެއް ނުކާނެއެވެ.
"ކޮންމެވެސް އެއްޗެއް ކާލަން ވާނެ، ރޭގަވެސް ނުކައި ނިދަންދިޔައީ، މި ސައީދު ކަންތަކޭ، މަ އޭރުވެސް ބުނީމެއްނު، ހެދުނު ގަޑީގަ މިމަންޖެ އެބޯލާ ކިރުތަށި ފިޔަވާ އަނގަޔަށް އެއްޗެއް ނުލާނެއޭ.........." ވަސީމާ ހިތްހަމަ ނުޖެހުނެވެ. ސަޢީދުއާއި ދެމީހުން ދެބަސް ވެދާނެހެން ހީވުމާއިއެކު މަންހާ އަވަސް އަވަހަށް ވަސީމާގެ ގާތު ޕާން ފޮއްޗެއް ތައްޔާރުކޮށްދިނުމަށް އެދުނެވެ. މިމަންޒަރު ބަލަން އިން ޝިމާދު ގާތަށް އައީ ނުލަފާ ހިންޏެކެވެ. އޭނައަށް އޭނަގެ މަންމަގެ ގޮތް ރަނގަޅަށް އިނގޭތީއާއިވެސް އެކުއެވެ. މަންހާ އޭނަގެ ދޮންބެއާއި ދިމާލަށް މޫނުހަދާލަމުން ދޫނެރިލިއެވެ. ބައްޕަ ސަޢީދުވެސް ހިނިއައިސްފައި އެއްޗެއް ނުބުނެ އިނެވެ. އެކުން ވަސީމާ އެހާވަރު އަރުވާލަން ބޭނުންވީ އޭރުން މަންހާ ކޮންމެވެސް އެއްޗެއް ކާނެކަން ޔަގީންވާތީއެވެ.
އަވަސް އަވަހަށް މަންހާ ޕާންފޮތި ކާލުމާއިއެކު ކިރުތަށި ބޯލައިފިއެވެ. އަދި ބައްޕަ ސަޢީދު އާއި ދޮންބެ ޝިމާދު ކައިރީ ދަނީއޭ ބުނަމުން އޭނަގެ ކޮޓަރިއަށް މިސްރާބުޖެހީ ފޮތްދަބަސް ބަލައެވެ. އެހެން ދުވަސް ދުވަހެކޭ އެއްފަދައިން މިއަދުވެސް މަންހާ ގޮވައިގެން ސްކޫލުދޮށަށް ދިޔައީ ވަސީމާއެވެ. އޭނައަށް މަންހާގެ ކިބައިން ކަމެއް ފާހަގަކުރެވުނެވެ. ފަހަކަށް އައިސް ހިނގާފަ ސްކޫލަށް ދިއުމާއި ދޭތެރޭ ޝަކުވާކުރުން ހުއްޓާލިކަމެވެ. ނަމަވެސް އެކަމަކީ ވަސީމާ ކަންބޮޑުވާންޖެހޭވަރުގެ ކަމެއްކަމަކަށް ނުދެކެއެވެ.
"ވާއު........ސޯ ސްމާރޓް، ހެންޑްސަމް......އައި ލަވް ހިމް، އައި ލަވް ހިމް ކޮމްޕްލީޓްލީ.....އަޅޭ..." މަންހާގެ ހިތް ރޯން ފެށިއެވެ. އޭނަގެ ކުރިމަތިން އައިސް ކާރަށް އެރި އެރީތި ޒުވާނާ ހިނިތުންވެލުމުންނެވެ. ކޮންފަދަ ޖާދުވީ ފިރިހެންވަންތަ ހިނިތުންވުމެއް ހެއްޔެވެ. މަންހާގެ ހިތަށް ތޫނުތަދެއް އިޙްސާސްވި ކަހަލައެވެ. ކާރުގެ ތެރެއަށް ބަލާލަމުން ތުއި ގޮތަކަށް މަންހާވެސް އެޒުވާނާއަށް ބަލާލަމުން ހިނިތުންވެލިއެވެ. ސްކޫލަށް ވަދެވެންދެން މަންހާގެ މޫނުމަތިން އެހިނިތުންވުން ފިލައިގެނެއް ނުދެއެވެ.
މިއަދުވެސް މަންހާގެ ހިތާ ސިކުނޑީގައި ވީ އެރީތި ޒުވާނާއެވެ. އެހެންނަމަވެސް އޭނައަށް ހެޔޮ ނަސޭޙަތެއް ދިން އެކުވެރިއަކަށް އަމާނީވިއެވެ. އެއީ އެގޮތަށް މަންހާ އުޅެން ފެށުމުން މަންހާގެ މަންމަމެންނަށް އެކަން އެގިއްޖެއްޔާ ދެންވާނެ ގޮތެވެ. އަމާނީ ނަސޭޙަތްތެރިވީ ކިޔަވާ ދުވަސްވަރު މޮޅަށް ކިޔެވުމަށެވެ. އޭނަގެ މަންމަ އަބަދުވެސް އޭނަ ގާތު ބުނާ ވާހަކައެއް މަންހާއަށް ހަނދާންކޮއްދިނެވެ. ގެއްލިއްޖެ ވަގުތަކީ އަނބުރާ އިޔާދަކުރެވޭނެ ވަގުތެއްނޫނެވެ. މިއަދު ކިޔެވި އެއްޗެއްގެ ފައިދާނޫނީ މާދަމައަކު ނުކުރާނެއެވެ. މަންހާއަށް އަމާނީގެ ނަސޭޙަތުން ފައިދާކުރިއެވެ. ހުދު މަންހާވެސް އޭނަގެ މައިންބަފައިން ދެރަވާނޭފަދަ ކަމެއް ކުރާކަށް ބޭނުމެއްނޫނެވެ. އޭނަ ކިޔެވުމަށް ކުރިންވެސް ދެމުންއަންނަ ސަމާލުކަން ދޭންމަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެންމެ ހިނދުކޮޅަކަށްވެސް އެހިތުން އެޒުވާނާގެ ސޫރަ ފޮހެވިގެން ނުދެއެވެ. އަދި އެހިތުގައި އެޒުވާނާއަށްޓަކައި ދެވިފައިވާ މަތިވެރި ދަރަޖައަށްވެސް ބަދަލެއް ނާދެއެވެ.
ހަފްތާ ނިމިގެން ދިޔައިރު މަންހާ އިންތިޒާރު ކުރަމުން އައި ދުވަސް އަތުވެއްޖެއެވެ. ތިމާވެށި ދުވަހާއި ގުޅިގެން އަމީނިއްޔާ ސްކޫލްގެ ދަރިވަރުންގެ މެދުގައި ސާފުކުރުމުގެ ދުވަހެއް ބޭއްވިއެވެ. ބުރާސްފަތި ދުވަހު ބްރޭކްގެ ފަހުން ދަރިވަރުންނަށް އޮތް މަސައްކަތަކީ މުޅި ސްކޫލުގެ ގޯތިތެރެއާއި ކުލާސް ރޫމުތައް ސާފުކޮށް ރީތި ކުރުމެވެ. ކޮންމެ ކުއްޖެއްމެ އެދުވަހު ގެއިން ސްކޫލަށް އަންނައިރު އޭޕްރެންއަކާއި އަންގިއެއް ގެނައުމަށް އެންގިއެވެ. ދަރިވަރުންނަށް މިކަންވީ މަޖާކަމަކަށެވެ. ވަރަށް ޖޯޝާއެކީ ހުރިހާ ކުދިންވެސް ސާފުކުރުމުގެ މަސައްކަތުގައި މަސްޢޫލުވެއުޅުނެވެ. ސްކޫލް ނިންމާފައި މަންހާ އާއި އޭނަގެ ރަޙުމަތްތެރިން ހޯލަށް ދިޔައީ ތިމާވެށިދުވަހާއި ގުޅިގެން ދަރިވަރުންގެ މެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމަށެވެ. ބައްދަލު ވުން ނިމުނުއިރު މާލޭގެ އެކި ސަރަހައްދުތަށް ސާފުކުރުމަށްޓަކައި ކޮންމެ ސަރަހައްދަކަށް ދިހަ ކުދިންގެ ގުރޫޕެއްވަނީ ބަހާލެވިފައެވެ. ނަމަވެސް އަލީޝާ ގުރުއަތުން ދިޔައީ އެހެން ގުރޫޕަކަށެވެ. އެހެންވެ މަންހާ އަވަސްވެގަތީ އެކަމަށް ބަދަލެއް ގެނައުމަށެވެ.
"ޖަންނަ އާއި އެކްސްޗޭންޖު ކުރާނެ ކުއްޖެއް އެބަހުރި، ޖަންނަ ދާންވީނު އެގުރޫޕަށް، އެއީ ޖަންނަމެން ގޭކައިރިއަށް ދާގްރޫޕެއް، އޭރުން ޖަންނައަށް ގެއަށްވެސް ދެވޭނެއެއްނު......." މަންހާ އޭނަގެ ގްރޫޕުގައި ހުރި ޖަހުނާއަށް ވަސްވާސް ލާދޭހެން ބުނަމުންދިޔައެވެ. ޖަހުނާއަކީވެސް މަންހާފަދައިން ސްކޫލްގެ ޕްރިފެކްޓެކެވެ. މަންހާ ޖަހުނާ އާއި ރަޙުމަތްތެރިވީވެސް ޕްރިފެކްޓް މީޓިންތަކުންނެވެ.
"އަސްލުތަ، ޖަންނަ އެގުރޫޕަށް ދާންވީދޯ، އެގްރޫޕުގަ ނެތްދޯ ޕްރިފެކްޓެއްވެސް، ޖަންނައަށް އޭރުން ގްރޫޕް ލީޑާރކަންވެސް ލިބޭނެ ދޯ...........މަންހާ ހާދަ ރަނގަޅޭ" ޖަހުނާއަށް ވާނުވާ ނޭގުނެއްކަމަކު އޭނައަށް މަންހާ ބުނިއެއްޗެއް ވިސްނުނީ ވަރަށް ތަފާތު ގޮތަކަށެވެ. ކޮންމެ ގޮތެއްވިޔަސް މަންހާ އޭނަގެ ގުރޫޕަށް އަލީޝާ ގެނައެވެ. މަންހާ ގެއަށް ދިޔައީ ހިތްހަމަ ޖެހިފައި ހުރެގެންނެވެ. އެއީ އަންނަން އޮތް ހޮނިހިރު ދުވަހަކީ އޭނަގެ ހިތުގެ ވެރިޔާއާއި ބައްދަލުވެވޭނެ ކަމުގެ އުއްމީދުކުރެވޭ ދުވަހަށް ވާތީއެވެ.
ހެދުނު ސައިބޮއެގެން ނުވައެއްޖަހަންވާއިރަށް ސްޕޯރޓްސް ޔުނީޕޯމްގައި މަންހާ ސްކޫލަށް ދިއުމަށްޓަކައި ތައްޔާރުވަމުން ދިޔައެވެ. ބަންދުދުވަހަކަށްވުމުން މަންހާގޮވައިގެން ސްކޫލަށްދާން ސަޢީދު ބޭނުންވިއެވެ. އެކަމާ ދެކޮޅު ހަދާކަށް މަންހާއަކަށް ނުކެރުނެވެ. ސައިކަލުގައި ދުއްވަމުން ދިޔަ ސަޢީދު އެކިއެކި ސުވާލުތައް މަންހާއަށް ކުރަމުން ދިޔައެވެ. ކިޔެވުމާއި ބެހޭގޮތުންނެވެ. ވިޔާނުދާ ކުދިންނާއި ނުގުޅުމަށާއި ބަސްއަހައިގެން ކިޔަވާ މޮޅުކުއްޖަކަށް މަންހާ ވާންވާނެ ވާހަކައެވެ. އޭނަގެ އެންމެ ހަގު ކުއްޖާއަށް މަންހާ ވުމާއިއެކު ދޮއްޓަތިބި ދެބޭބެއަށްވުރެވެސް މަންހާ ކިޔެވުމުގައި މޮޅުވާންވާނެކަމުގައިބުންޏެވެ. ލައްބަ ބައްޕާ ފިޔަވައި މަންހާ އިތުރުއެއްޗެއް ނުބުނެއެވެ. ސަޢީދުއަށް މަންހާ އެމީހުންގެ ހުވަފެންތަކުގައި ކޮޅުފައިން ނުޖަހާނެކަން ޔަގީންވެއެވެ.
"ބައްޕަ ދަނީ އިނގޭ. ކޮންއިރަކު ނިމެނީ؟" ސައިކަލުން މަންހާ ފޭބުމުން ސަޢީދުބުނެލިއެވެ.
"އާފްޓަރނޫން ޓޫގަ ނިންމާލާގޮތަށް އޮތީ" މަންހާ ބުނެލިއެވެ.
"އެހާއިރު ބައްޕައަށް ނާދެވިދާނެ، އެކަމަކު ދޮންބެ އަންނާނެ، ދަރިފުޅު ހިނގާފަ ދާކަށް ނުޖޭހެނެ އިނގޭ....." ސަޢީދު ކުޑަކޮށް ހެމުން ބުނެލިއެވެ. އޭނަ މަންހާއާއި ކުޑަކޮށް ދިމާކޮއްލީއެވެ.
މަންހާވެސް ހިނިތުންވެލަމުން ސްކޫލްގެ ތެރެއަށް ވަދެގެން ދިޔައެވެ. ސްކޫލްގެ ހުސްބިމަށް ނުކުތްއިރު އެތަނުގައި ކުދިންތައް ކޮޅުކޮޅަށް އެނބުރި އެނބުރިފައި ދެކޮޅަށް ހިނގާތަން ފެނެއެވެ. މަންހާ ކުޑަކޮށް މަޑުޖެހުނީ ވާނުވާއެއް ބާލާލުމަށެވެ. އޭނަގެ ގްރޫޕް އެތަނުން ކޮބާތޯ ހޯދާލުމުގެ ބޭނުމުގައިވެސް މެއެވެ. މަންހާ ސިހިފައި އޭނައަށް ގޮވަނީ ކާކުތޯ ބަލާލުމަށް އެއްފަރާތަކަށް ބަލާލިއެވެ. އެވަގުތު އޭނަގެ ލޮލުގައި އަޅައިގަތީ ދިވެހި ކިޔަވާދޭ ސާދާމިސްއެވެ. ސާދާ އޭރުވެސް މަންހާއަށް އަތުން އައުމަށް އިޝާރާތްކުރަމުން ދިޔައެވެ.
"މަންހާ، ގްރޫޕް ނުފެނިގެން ދޯ ތިއުޅެނީ، އަން، މިގަނޑުތައް ހިފައިގެންދޭ، މިތާ އެބަތިބި މަންހާގެ ގްރޫޕް ކުދިން" ސާދާ މަންހާގެ އަތަށް ކަރުދާސްތަކެއް ލާދެމުން އެއްފަރާތަށް އިޝާރާތްކޮއްލިއެވެ.
ބޯޖަހާލަމުން މަންހާ ހިނގައިގަތީ ސާދާ އިޝާރާތްކުރިފަރާތަށެވެ. އުނދަގުލަކާއި ނުލާ މަންހާއަށް ޝިފްނާގެ ކޮށާލެވިފައިވާ ފަންއިސްތަށިގަނޑު ފެނުނެއެވެ. އަވަސް އަވަހަށް އެދިމާލަށް ދިޔައެވެ. އޭރު އަމާނީ އާއި ޝިފްނާ އިނީ އޮލަވާހަކައެއްގައެވެ. ދެންވެސް ގްރޫޕްގައި ތިބި ކުދިން އެމީހުންގެ އަމިއްލަ ވާހަކަތައް ދަކަމުން ދިޔައެވެ. އަލީޝާއަށް އާދެވުނު އިރު ކުދިންތައް ތަންތަންކޮޅުގައި ގްރޫޕު ވަކިވާނޭގޮތަށް ކުލާސްރޫމުތަކުން ގޮނޑި ހިފައިގެން އައިސް އިށީނދެއްޖެއެވެ.
އެންމެހާ ދަރިވަރުންގެ އަޑުތައް ކަޑައިގެން ދިޔައީ މައިކް ޗެކްކޮއްލުމުގެ ވަން.ޓޫ.ތްރީ ގެ އަޑުންނެވެ. އޭރު ޕްރިންސިޕަލް އާއި ސްކޫލްގެ ސީނިއަރ ބޭފުޅުން އެތަނުގައި ތިއްބެވިއެވެ. އަދި ކޮންމެ ގްރޫޕެއްގެ ކައިރިއަށް ދެޓީޗަރުން އައެވެ. ސްކޫލްގެ ޕްރިންސިޕަލް ދަރިވަރުންނާއި މުހާތަބުކޮށް ވާހަކަދައްކަން ފެށިއެވެ. އަމީނިއްޔާ ސްކޫލްއަކީ އަންހެން ކުދިންގެ ސްކޫލަށްވެފައި އަޙްލާގަކީ އަންހެން ކުދިންނަށް ވަރަށް މުހިއްމު ސިފައެއްކަމަށް ބުނަމުންނެވެ. ސްކޫލުން ބޭރުގަ އުޅޭއިރުވެސް ރިވެތި އަޙްލާގުގެ ވެރިއަކަށް ވުމަށް މަސައްކަތްކުރަންވާނެކަމަށް ބުންޏެވެ. ތިމާވެށި ދުވަހެއް ފާހަގަ ކުރުމުގެ ގޮތުން މިފަދަ ޓާސްކެއް އަމީނިއްޔާ ސްކޫލްގެ ދަރިވަރުންގެ މެދުގައި ބޭއްވުމުގެ އެންމެ ބޮޑު އެއްމަގުސަދު ކަމުގައި ކުދިންގެ މެދުގައި އެއްބައިވަންތަކަން އާލާ ކުރުމާއި ސްކޫލުން ބޭރުގައި އެހެން މީހުންނަށް ގަދަރު ކުރުމާއި ގަދަރު ލިބިގަންނާނެ ގޮތް ދަސްކޮއްދިނުން ހިމެނޭ ކަމުގައި ޕްރިންސިޕަލްގެ ވާހަކަ ކޮޅު ނިންމާލަމުން ބުނެލިއެވެ. އެއަށްފަހު ގްރޫޕުތަކަށް ދެވިފައިވާ ނަންތައް އިއުލާން ކުރުން އޮތެވެ.
މަންހާމެންގެ ގްރޫޕް ލީޑަރއަކަށް ކުދިން ހޮވީ މަންހާއެވެ. އެއީ ގްރޫޕް "އީ" އެވެ. އެމީހުންނަށް ލިބުނީ ގަލޮޅުގެ ސަރަހައްދެކެވެ. ދިހަކުދިން ތިބިއިރު މަންހާ އެދިހަކުދިން ދެބަޔަށް ބަހާލިއެވެ. އަދި ކޮންމެ ގްރޫޕަކާއި ހަވާލުވެގެން ހުންނަ ދެޓީޗަރުންވެސް ދެބަޔަށް ބަހާލީއެވެ. އޭރުން ކުރާ މަސައްކަތް އަވަސްވާނެ ކަމުގައި މަންހާ އެންމެނަށް ވިސްނާދިނެވެ. ގުރޫޕާ ހަވާލުވެގެން ތިބި ދެޓީޗަރުންވެސް މަންހާގެ އެހިޔާލަށް ތާއިދުކުރިއެވެ.
ސްކޫލުން ނުކުމެ މަސައްކަތް ފައްޓަންވީ ސަރަހައްދަށް މަންހާމެންނަށް ދެވުނުއިރު ދިހައެއް ޖަހައިފިއެވެ. މަގުމަތީގައި އަމީނިއްޔާ ސްކޫލްކުދިން ބައިބަޔަށް އުޅޭމަންޒަރު ބަލަން ބައެއް މީހުން ހުއްޓިތިބިއެވެ. ދަރިވަރުން މަގުތަކުގައި ހުރި ކުނިބުނި ނަގައި ގޯންޏަކަށް އަޅާ ހަދަން ފެށިއެވެ. އަނެއްބައި ކުދިން ސަލާމް ގޮވާފައި ގޭގެއަށް ވަންނަން ފެށިއެވެ. އެތަންތަނުގައި ސާފުކުރާނޭ ތަންތަން ހުރިނަމަ އެކަމުގައި އެހީތެރިވެދިނުމުގެ މަޤްޞަދުގައެވެ. މަންހާމެންގެ ގްރޫޕުވެސް މަސައްކަތަށް ފެށިއެވެ. މެންދުރު ބާރަޖަހަން ވާއިރަށް މަންހާމެންގެ ފަސްކުދިންގެ ގްރޫޕުން ފަސްވަރަކަށް ގެއަށްވަދެ އެގޭގޭގެ މީހުންނަށް އެހީތެރިވެދިނެވެ. ބަންގިގޮވުމުން ހުރިހާ ދަރިވަރުން ގާތު ފަނަރަވަރަކަށް މިނެޓުގެ ބްރޭކެއް ނެގުމަށް ޓީޗަރުން އެދިލެއްވިއެވެ. ފުރުޞަތުގެ ބޭނުން ހިފާލަމުން މަންހާ އޭނަގެ ރަޙުމަތްތެރިންނަށް ކައިރީގައި ހުރި އުސް އިމާރާތެއް ދައްކާލިއެވެ. (ނުނިމޭ)