ރެއާލް މެޑްރިޑްގެ މަޝްހޫރު ސެންޓިއާގޯ ބާނަބާޔޯ ސްޓޭޑިއަމްގައި ކުޅުނު ދެކުނު އެމެރިކާގެ ޗެމްޕިއަންސް ލީގް ނުވަތަ ކޮޕާ ލިބަޓޭޑޯސްގެ ފައިނަލުގެ ދެ ވަނަ ލެގް މެޗުގައި، ވާދަވެރި ބޮކާ ޖޫނިއާސްގެ މައްޗަށް އިތުރު ވަގުތުގައި ކާމިޔާބު ކުރި ދެ ލަނޑުން ރިވާޕްލޭޓް ޗެމްޕިއަންކަން ހޯދައިފި އެވެ.
އާޖެންޓީނާގެ ވެރިރަށް ބިއުނޮސް އައިރީސްއަށް ނިސްބަތްވާ، ދެ ކުލަބަކީ މުޅި އާޖެންޓީނާގައިވެސް އެންމެ ވާދަވެރި ދެ ކުލަބެވެ. މެޗު ރިވަޕްލޭޓް ކާމިޔާބު ކުރީ 3-1 އިންނެވެ.
މެޗުގައި ފުރަތަމަ ހާފު ނިމުމުގެ ކުރިން ޑޮރިއޯ ބެނެޓޭޑޯ ވަނީ، ބޮކަ ޖޫނިއާސްއަށް ލީޑް ނަގައިދީފަ އެވެ. ކުރިން ބާސެލޯނާއަށް ކުޅުނު ލޫކަސް ޕަރާޓޯ މެޗުގެ 68 ވަނަ މިނެޓްގައި ރިވާއަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ.
މެޗުގެ ނަތީޖާ ހަމަހަމަ ވުމުން، އިތުރަށް ފޯރިގަދަވެގެން ދިޔަ އެވެ. އެކްސްޓްރާޓައިމްގެ ދެ ވަނަ ހާފުގައި ރިވަޕްލޭޓަށް ފުރަތަމަ ފަހަރަށް ލީޑް ނަގައިދިނީ، ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް ހުއާން ކްއިންޓޭރޯ އެވެ. މެޗުގެ އެންމެ ފަހު ވަގުތުގައި، ރިވަޕްލޭޓަށް ލީޑް ފުޅާ ކޮށްދިނީ ގޮންޒާލޯސް ނިކޮލަސް މާޓިނޭޒް އެވެ.
އާޖެންޓީނާގެ އެންމެ ވަރުގަދަ ކުރިމަތިލުން، ބަލާލުމަށް އާޖެންޓީނާގެ ސުޕާ ސުޓާ ލިއޮނަލް މެސީ ވަނީ، ރެއާލް މެޑްރިޑްގެ ސްޓޭޑިއަމްއަށް ގޮސްފަ އެވެ. މެސީ އާ ވާދަވެރި، ކްރިސްޓިއާނޯ ރޮނާލްޑޯއަށްވެސް، އެ މެޗު ބަލާލުމަށް އޭނާގެ ކުރީ ކުލަބުގެ ސްޓޭޑިއަމަށް އައުމަށް ދައުވަތު ދީފައި ވެ އެވެ.
ކޮޕާ ލިބަޓޭޑޯސް ފައިނަލުގެ ދެ ވަނަ ލެގް މެޗު، މެޑްރިޑްގެ ސްޓޭޑިއަމަށް ބަދަލު ކުރީ، މި ދެ ޓީމު ބޮކާ ޖޫނިއާސްގެ އަލްބާޓޯ ހޯސޭ އާމަންޑޯ ސްޓޭޑިއަމްގައި ކުޅުނު ފުރަތަމަ ލެގް މެޗުގައި ދެ ފަރާތުގެ ސަޕޯޓަރުންގެ ދެމެެދުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ. ފުރަތަމަ ލެގް ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ. ދެ ވަނަ ލެގް މެޗު ކުޅެން އެހެން ބައްރަކަށް ބަދަލު ކުރުމުން ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވި އެވެ.
ޓިކެޓް ނަގައިގެން އެހެން ބައްރަކަށް ދަތުރު ކޮށްފައި ދިއުމުމުގައި ހުރި ގޮންޖެހުންތައް ދެ ޓީމުގެ ސަޕޯޓަރުންވެސް ފާހަގަ ކުރި އެވެ. ދެ ޓީމުންވެސް ވަނީ ކޮންމެ ޓީމެއްގެ 5000 ސަޕޯޓަރުންނަށް ޓިކެޓް ދިނުމަށް ހުށަހަޅާފަ އެވެ. ނަމަވެސް، ދެ ޓީމުންވެސް ދަތުރުކުރީ 4000 ހާ ސަޕޯޓަރުންނެވެ. ރޭ ސްޓޭޑިއަމަށް ސަޕޯޓަރުން ވެއްދިއިރުވެސް ސެކިއުރިޓީ ވަނީ ވަރަށް މަތިކޮށްފަ އެވެ.