ކުޅިވަރު

އިންޓައާ ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު މިލާނަށް ގެއްލިއްޖެ

ޓޮރިނޯ އާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެގެން ނިމުމުން، ވާދަވެރި އިންޓަ މިލާން އާ ޕޮއިންޓަކަށް ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު އޭސީ މިލާން އަށް ގެއްލިއްޖެ އެވެ.

މިލާން އާއި ޓޮރިނޯގެ މެޗު އެއްވަރުވީ ލަނޑެއް ނުޖެހި އެވެ. މިލާން އަށް ވަނީ ލަނޑު ޖަހާނެ ރަނުގެ ދެ ފުރުސަތު ލިބިފަ އެވެ. ޓޮރިނޯއިން އުފެއްދި ނުރައްކާތެރި ދެ ހަމަލާއެއް، މިލާންގެ ކީޕަރު ޖިއާންލުއީޖީ ޑޮނަރުއްމާ ވަނީ ހުށިޔާރު ކަމާއެކު ދިފާއުކޮށްފަ އެވެ.

މެޗު އެއްވަރުވެ، ފުރުސަތު ގެއްލުނު ނަމަވެސް، މިލާންގެ ކޯޗް ޖެނާރޯ ގަޓޫސޯ ބުނީ، ފުރުސަތު ގެއްލުނު ކަމަށް އޭނާ ގަބޫލު ނުކުރާ ކަމަށެވެ.

"އަހަރެން ނުބަލަން ފުރުސަތު ގެއްލުނު ކަމަކަށް، އަހަރެމެންނަށް އެނގޭ ޓޮރިނޯއަކީ އުނދަގޫ ޓީމެއްކަން، އެ ޓީމު ރަށުން ބޭރުގައި ކުޅޭ މެޗުތަކުން ބަލިވެފައެއް ނެތް،" މެޗަށް ފަހު ސްކައި ސްޕޯޓްސް އިޓާލިއާ ވާހަކަ ދައްކަމުން ގަޓޫސޯ ބުންޏެވެ.

"ފުރަތަމަ 15 ނުވަތަ 20 މިނެޓްތެރޭ އަހަރެމެންނަށް ވަރަށް އުނދަގޫވި، ނަމަވެސް އެއަށްފަހު އަހަރެމެން ބޭނުންވާ ގޭމް ޓޮރިނޯއާ ދެކޮޅަށް ކުޅެވުނު، ޓޮރިނޯގެ ޓީމުގައި ވަރަށް ގިނަ ކޮލިޓީތަކެއް އެބަހުރި، މިއީ ރަނގަޅު ޕޮއިންޓެއް، އަހަރެން ނުބަލަން މިއީ ދަށް ކުޅުމެއް ކަމަށް އެއް އަހަރު ކުރިންވެސް އަހަންނަށް އެނގޭ އަހަރެމެންނަށް މި މެޗު ގެއްލޭނެކަން."

މިލާންގެ ޓީމަށް ވަނީ އަނިޔާގެ މައްސަލަ ކުރިމަތި ވެފަ އެވެ. ގަޓޫސޯ ބުނީ އަނިޔާގެ މައްސަލައާއެކުވެސް މިލާންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެންނަމުންދާ ކަމަށެވެ.