އެޗްއާރްސީއެމް

އިންސާނީ ހައްގުތަކުގެ ހިމާޔަތުގައި އެކަށީގެންވާ މަސައްކަތެއް ކުރެވިއްޖެ: އެޗްއާރުސީއެމް

ރާއްޖޭގައި އިންސާނީ ހައްގުތަށް ހިމާޔަތް ކުރަން ވޭތުވެދިޔަ 15 އަހަރު ތެރޭގައި އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ހިޔުމަން ރައިޓްސް ކޮމިޝަން، އެޗްއާރުސީއެމް އިން މިއަދު ބުނެފި އެވެ.

ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެޗްއާރުސީއެމްގެ ރައީސް، އައިމިނަތު އީނާސް ދެއްވި ހިތޯބުގައި ވިދާޅުވީ، މިއަދަކީ އެޗްއާރުސީއެމް އުފެއްދިތާ 15 އަހަރު ފުރޭ ދުވަސް ކަމަށާއި ކޮމިޝަން އުފެދުނު ފަހުން އިންސާނީ ހައްގުތަކާ ގުޅޭ އެތައް މައްސަލައެއް ތަހުގީގުކޮށް އެކަމާ ގުޅިގެން ފާހަގަވާ ކަންކަމުގެ މައްޗަށް އެސެސްމަންޓްތައް ހަދަމުން އަންނަ ކަމަށެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް 7498 މައްސަލަ ކޮމިޝަނަށް ހުށަހެޅިއިރު، 7431 މައްސަލަ ބަލައި ނިންމާފައިވާ ކަމަށް އީނާސް ފާހަގަ ކުރެއްވި އެވެ.

މައްސަލަތައް ބެލުމަށް ފަހު ކޮމިޝަނުން ކުރި ދިރާސާތަކުން އީނާސް ވިދާޅުވި ގޮތުގައި ގޯތިގެދެރު ލިބުމަށް ހުރި ދަތިތަކާއި މުޖްތަމައުގައި ކުށްކުރުން އިތުރުވާ ސަބަބުތައް ވަނީ ދެނެގަނެވިފަ އެވެ. އަދި އަލަށް އުފަންވާ ކުދިންގެ ސިއްހަތު ދެނެގަތުމަށް ކުރެވުނު ދިރާސާގެ އިތުރުން ކުޑަކުދިންގެ ހައްގުތަކަށް މީހުން ހޭލުންތެރތިވެފައިވާ މިންވަރު ދެނެގަތުމަށް ކުރެވުނު ދިރާސާތައް ވެސް ކުރެވުުނު ކަމަށް އެކަމަނާ ވިދާޅުވި އެވެ. އެ ދިރާސާތަކުން ފާހަގަވި ކަންކަން ރަނގަޅު ކުރަން ކަމާ ބެހޭ މުއައްސަސާތަކުގައި އެޗްއާރުސީއެމްއިން އެދެމުން ގޮސްފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ކޮށްފައިވާ ދިރާސާތަކާއި ހުށަހެޅުނު މައްސަލަތަށް މިހާރު އަމަލު ކުރަމުންދާ އަދި އަލަށް އެކުލަވާލެވޭ ގާނޫނާއި ގަަވާއިދުތަށް އިދާރީ އުސޫލުތަކާއި ސިޔާސަތުތަށް އިންސާނީ ހައްގުތަކުގެ ނަޒަރުން މުރާޖާކުރަމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާނެ،" އީނާސް ވިދާޅުވި އެވެ.

އިންސާނީ ހައްގުތަކަށް އާންމުން ހޭލުންތެރިކުރުމުގެ މަސައްކަތް ވެސް ކޮމިޝަނުން ހުއްޓުމެއް ނެތި ކުރާކަން ހިތޯބުގައި އީނާސް ވަނީ ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން އަންހެނުން ބާރުވެރިކުރުވަމަށް ހިންގި "ދޯދި ކެމްޕޭން" އާއި ސްކޫލްތަކުގައި ހިޔުމަން ރައިޓިސް ކްލަބްތަށް އުފައްދާ ބަހުސް ކުރުމާއި ކުއިޒް މުބާރާތް ބޭއްވިކަން ފާހަގަ ކުރެއްވި އެވެ. އަދި 10 ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށް މައުލޫމާތު ދިނުމުގެ ޕޮރްގްރާމްތަށް ބާއްވާފައިވެ އެވެ. މީގެ އިތުރުން، އީނާސް ފާހަގަ ކުރެއްވި ގޮތުގައި އެންޖީއޯ ނެޓްވޯކެއް ގާއިމްކޮށް އެފަރާތްތަކަށް އިންތިހާބާ ދިމާކޮށް ކެމްޕޭނެއް ހިންގި އެވެ.

"ކޮމިޝަންގެ އަމާޒަކީ ވީހާވެސް ގާތުން ހިދުމަތްދީ އިންސާނީ ހައްގުތަކުގެ ލަނޑުދަޑިތަށް ހާސިލް ކުރުން. އެއަމާޒަށް ވާސިލުވުމުގެ ގޮތުން ކޮމިޝަންގައި މަސައްކަތްކުރާ މުވައްޒިފުންނަށް ހާއްސަކޮށްގެން ތަމްރީނު ޕްރޮގްރާމްތަކާއި މައުލޫމާތު ދިނުމުގެ ސެޝަންތަށް ކޮންމެ އަހަރަކު ބާއްވާ،" އީނާސް ވިދާޅުވި އެވެ.

ހިތޯބު ނިންމާލައްވަމުން އީނާސް ވިދާޅުވީ، އިންސާނީ ހައްގުތައް ހިމާޔަތް ކުރެވޭނީ އެންމެން ވެސް އެކަމަށް މަސައްކަތް ކޮށްގެން އެވެ. އެގޮތުން، އެކަކުގެ އަނެކުގެ ހައްގުގައި ތެދުވެ އެކަމަށް ބާރުއެޅުމަށް ވެސް އީނާސް ގޮވާލެއްވި އެވެ.