ރެއާލް މެޑްރިޑް

ރެއާލްއަށް ރަނގަޅަށް ނުކުޅެވުނީ ވައިގަދަ ކަމުން: ސޮލާރީ

ސްޕެނިޝް ލީގްގައި މުޅިން އަލަށް ވާދަ ކުރާ، ހުއެސްކާ އަތުން ރެއާލް މެޑްރިޑަށް މޮޅެއް ހޯދުނީ ވަރަށް އުނދަގުލުންނެވެ. އެ ޓީމުގެ ކޯޗް ސެންތިއާގޯ ސޮލާރީ ބުނީ ރެއާލްއަށް ރަނގަޅަށް ނުކުޅެވުނީ ވައިގަދަ ކަމުން ކަމަށެވެ.

މެޗުގައި ރެއާލްގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ، ގެރެތު ބޭލް އެވެ. އަލްވާރޯ އޮޑްރިއަޒާލޯ ނަގައިދިން ހުރަސް ބޭލް، ވާތު ފައިން ފޮނުވާލީ ވެއްޓިގެންފައި ކަހަލަ ގޮތަކަށެވެ.

ބޭލް ޖެހި ލަނޑަކީ، 100 ދުވަސް ވުމުގެ ކުރިން ލަލީގާގައި އޭނާ ޖެހި ފުރަތަމަ ލަނޑެެވެ. ލީގްގައި އޭނާ ލަނޑު މި ޖެހީ 99 ދުވަސް ފަހުންނެވެ. މީގެ ކުރިން ލީގްގައި ބޭލް އެންމެ ފަހުން ލަނޑު ޖެހީ، ތިން މަސް ކުރިން ލެގަނޭޒްއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ސޮލާރީ ބުނީ، މޫސުން ހުރި ގޮތުން މެޗުގެ ފުރިހަމަކަން ގެއްލިގެން ދިޔަ ކަމަށެވެ.

"ވައިގަދަކަމުންބޯޅަ ކޮންޓްރޯލްކޮށް ޕާސް ދޭން ވެސް ވަރަށް އުނދަގޫވެގެން ދިޔަ،" މެޗަށް ފަހު ވާހަކަ ދައްކަމުން ސޮލާރީ ބުންޏެވެ. "ކުޅުންތެރިން ގާތު އެހީމަ އެނގޭނެ އޭގެ ސަބަބުން ކުރިމަތިވި މައްސަލަ، ވައި ގަދަވީމަ މެޗު ކުޅެން އުނދަގޫވެގެން ދާނެ، މެޗުގެ ރީތި ކަން ގެއްލޭނެ."

މެޗުގައި، ރެއާލްއަށް ވުރެ ލަނޑު ޖަހާނެ ފަހި ފުރުސަތުތައް ލިބިގެންދިޔައީ އަމިއްލަ ދަނޑުގައި ކުޅެމުން ދިޔަ ހުއެސްކާ އަށެވެ. އެ ޓީމަށް ވަނީ ލަނޑުޖަހާނެ ރަނގަޅު ތިން ފުރުސަތެއް ލިބިގެން ގޮސްފަ އެވެ.

އެ ތިން ބޯޅަވެސް، ރެއާލްގެ ކިޕަރު ތީބޯ ކޯޓުއާ ވަނީ ދިފާއު ކޮށްފަ އެވެ. ސޮލާރީ ވަނީ ކޯޓުއާ ދެއްކި ކުޅުމަށް ތައުރީފް ކޮށްފަ އެވެ. އޭނާ ބުނީ އުނދަގޫ މެޗެއްގައި، ގިނަ ފުރުސަތު ތަނަވަސް ނުކުރެވޭ ހާލަތަކަށް ދިއުމުންވެސް މެޗު ކާމިޔާބު ކުރެވުނީ ކޯޓުއާ ކުރި މުހިންމު ސޭވްތަކުން ކަމަށެވެ.

މެޗުން މޮޅުވެ، ރެއާލް ވަނީ ތާވަލުގެ ހަތަރު ވަނަ އަށް ޖެހިލާފަ އެވެ.