ވިޔަފާރި

އެއާޕޯޓް ޓާމިނަލަށް ހިނގާފައިދާ މަގު ހިޔާ ކުރަނީ

Dec 10, 2018
5

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ވެހިކަލް ޕާކު ކޮށްފައި ޓާމިނަލަށް ހިނގާފައި ދާން އޮންނަ މަގުގެ ހިނގާ ސަރަހައްދު ހިޔާ ކުރުމުގެ މަސަައްކަތް ފަށައިފި އެވެ.

އެއާޕޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވީއައިއޭ ހިންގާ އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ވިދާޅުވީ އުޅަނދު ފަހަރު ޕާކު ކޮށްފައި ހިންގާފައި ދާން އޮންނަ ސަރަހައްދު ހިޔާ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

"މިހާރު އެ މަސައްކަތް ކުރި އަށް އެބަ ދޭ. އެހެންވެ، މާ ދުރުނޫން މުސްތަގުބަލެއްގައި އެ މަސައްކަތް ވެސް ނިމޭނެ،" ސޯލިހު ވިދާޅުވި އެވެ.

އުޅުލެ އަށް ބްރިޖުން ދާ އުޅަނދު ފަހަރު ޕާކު ކުރުމަށް މިހާރު ހަދާފައިވާ ސަރަހައްދުގައި 3،000 އުޅަނދު ޕާކު ކުރެވޭނެ ޖާގަ އޮވެ އެވެ. ނަމަވެސް މި ސަރަހައްދު މިހާރު އޮންނަ ގޮތުން އުޅަނދު ފަހަރު ޕާކު ކުރުމަށްފަހު އެއާޕޯޓާ ހަމަ އަށް ދާން އޮންނަ މަގު އޮންނަނީ ހިޔާ ކޮށްފައެއް ނޫނެވެ. އެހެންވުމުން ގިނަ ބަޔަކަށް ދަތިތަކާ ދިމާވެ އެވެ.

އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވީ ހިޔާ ކުރުމުގެ މަސައްކަތް ކުރާތަން ވަރަށް އަވަހަށް ނިންމާލާނެ ކަމަށެވެ.

"ގާތްގަނޑަކަށް 15 މީޓަރުގެ ފުޅާ ސަރަހައްދެއް މިއީ. މިތަން ހެދުމުން ހިނގާފައިދާ މީހުންނަށް ފަސޭހަ ވެގެންދާނެ،" އޮފިޝަލް ވިދާޅުވި އެވެ.