މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިސް ވެރިންގެ ޝަރުތުތައް ބަދަލު ކުރުމަށް ޖަލުތަކާއި ޕޭރޯލް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހުން ބަލައިގެންފި އެވެ.
ސަރުކާރު ފަރާތުން ޖަލުތަކާއި ޕޭރޯލް ގާނޫނަށް އިސްލާހު ހުށަހަޅާފައި ވަނީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަބްދުލްކަރީމް އެވެ. އެ އިސްލާހު ބަލައިގަތީ ވޯޓުގައި ބައިވެރިވި 46 މެންބަރުންގެ އިއްތިފާގުންނެވެ.
ޖަލުތަކާއި ޕޭރޯލް ގާނޫނުގައި މިހާރު އޮންނަ ގޮތުން ކަރެކްޝަންގެ އެންމެ އިސްވެރިޔާ ކޮމިޝަނާ އޮފް ޕްރިޒަން ނުވަތަ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންގެ މަގާމަށް އައްޔަން ކުރެވޭނީ ކަރެކްޝާންގެ ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން އޮފިސަރެކެވެ. ނަމަވެސް އެ ގާނޫނަށް ގެނައި އިސްލާހުގައި ވަނީ އެ ބައި އުނިކޮށްފަ އެވެ. އެގޮތުން ކޮމިޝަންޑް އޮފިސަރަކަށް ނުވިޔަސް މިނިސްޓަރުގެ ލަފާގެ މަތިން އެ މަގާމަށް އައްޔަން ކުރެވިދާނެ އެވެ.
އާންމު ޖަލުތަކާއި ރިމާންޑް ޖަލުތަކުގެ ޑިރެކްޓާ އޮފް ޕްރިޒަންސް މަގާމަށް މީހުން އައްޔަން ކުރުމުގައި ވެސް ހަމަ އެގޮތަށް އަމަލު ކުރަން ޖެހޭނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.