އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން ރާއްޖޭގައި "ޗެކް އެންޑޯޒް ކުރުން" ހުއްޓާލާފައިވާ ކަމަށް ގަވަރުނަރު އަހުމަދު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްއެމްއޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގަވަރުނަރު ނަސީރު ވިދާޅުވީ ނަމުގައި ދީފައި އިންނަ ޗެކެއް އެހެން މީހެއްގެ އެކައުންޓަށް ޖަމާ ކުރުން [ޗެކް އެންޑޯސް] ކުރުމަކީ ރާއްޖޭގެ ގާނޫނުން މަނާކަމެއް ނޫން ކަމަށެވެ. ނަމަވެސް އެމްއެމްޕީއާރުސީގެ ހިޔާނާތް ދިޔަ ގޮތުން އެފަދަ މައްސަލަތަކެއް ފާހަގަވެފައިވާތީ އެކަން ކުރުން ވެސް ހުއްޓާލާފައިވާ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.
"އެމްއެމްޕީއާރުސީގެ މައްސަލާގައި މިވީ ގޮތަކީ އެ ކުންފުންޏަށް [އެމްއެމްޕީއާރުސީ] އަށް ޖަހާފައި އިން ޗެކެއް މި ޖަމާ ކުރެވިގެން ދިޔައީ އެހެން ކުންފުންޏަކަށް. އަނެއް ފަރާތަކުގައި ސޮއިކޮށް، އެންޑޯޒް ކުރެވިގެން،" ގަވަރުނަރު ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އޮޑިޓަ ޖެނެރަލް ނެރުއްވާފައިވާ ރިޕޯޓުގައި ވެސް ވަނީ މިކަން ފާހަގަ ކޮށްފަ އެވެ. އެ މައްސަލަ ހިނގައިދިޔަ ގޮތަށް ބަލާއިރު ރަށްތަކުގެ ކުލީގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން އެތަށް މިލިއަން ޑޮލަރެއް ވަނީ އެމްއެމްޕީއާރުސީގެ އެކައުންޓުގެ ބަދަލުގައި ޗެކް އެންޑޯޒްކޮށްގެން އަމިއްލަ ބައެއް ކުންފުނި ތަކަށް ޖަމާކޮށްފަ އެވެ.
"ދެހާސް ސާދަ، 29 އޮކްޓޫބަރު މަހު އޭރުގެ އޮޑިޓަ ޖެނެރަލް [ނިޔާޒު އިބްރާހިމް] ރިޕޯޓެއް ނެރުއްވާފައިވޭ. އެ ރިޕޯޓުގައި ވިދާޅުވެފައިވޭ އެމްއެމްޕީއާރުސީއާ ބެހޭ ގޮތުން ބޮޑެތި މައްސަލަތަކެއް ފާހަގަ ކޮށްފައިވޭ. އަދި ސަރުކާރުގެ ކުންފުނިތަކުން ރަނގަޅު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ފާހަގަ ކުރެއްވި،" ގަވަރުނަރު ވިދާޅުވި އެވެ.
ގަވަރުނަރު ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލަ ތަހުގީގު ކުރަމުންދާތީ، އެ މައްސަލައިގައި އިހުމާލު ވަނީ ކޮން ބައެއްކަން އެނގޭނީ އެ ތަހުގީގު ނިމުމުން ކަމަށެވެ.
އެމްއެމްއޭ އިން ބުނި ގޮތުގައި ޗެކް ކްލިއަ ކުރުމަކީ އެ އޮތޯރިޓީން އެއްވެސް ވަރަކަށް ބައިވެރިވާނެ މަސައްކަތެއް ނޫން ކަމަށެވެ. ޗެކް ކްލިއަ ކުރުމުގައި އެމްއެމްއޭގެ ހަމައެކަނި ދައުރަކީ އެ އޮތޯރިޓީގައި އެ މަސައްކަތް ކުރުން ކަމަށް ބުނެފައިވެ އެވެ.