ވިޔަފާރި

މަރުކަޒީ ބޭންކްއަށް 38 އަހަރު ފުރުން ފާހަގަކޮށްފި

ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް 38 އަހަރު ފުރުން ފާހަގަ ކޮށްފި އެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި 38 ވަނަ އަހަރީ ހަފުލާގެ ޝަރަފުވެރި މެހުމާނެއްގެ ގޮތުން ބައިވެރިވަޑައިގަތީ އެމްއެމްއޭގެ ފުރަތަމަ ގަވަރުނަރު، ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ. އެމްއެމްއޭ 7، ޖުލައި 1981 ވަނަ އަހަރު އުފެއްދެވީ ރައީސް މައުމޫނުގެ ވެރިކަމުގެ ކުރީކޮޅު އެމަނިކުފާނެވެ.

އެމްއެމްއޭގެ 38 ވަނަ އަހަރީ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ އެމްއެމްއޭއަކީ ރާއްޖެ އާއި ދުނިޔޭގައި ވެސް ޝަރަފު ލިބިފައިވާ މުއައްސަސާއެއް ކަމަށެވެ.

"އެމްއެމްއޭއަކީ 1971 ވަނަ އަހަރު އަޅުގަނޑު ރާއްޖޭގެ ވެރިކަމާ ހަވާލުވުމަށްފަހު ރާއްޖޭގައި ކަންތައް އިސްލާހުކޮށް ތަރައްގީ ކުރުމަށް ފުރަތަމަ އުފެއްދެވި އެއް މުއައްސަސާ، އެމްއެމްއޭ އުފައްދައި މިނިސްޓްރީ އޮފް ފައިނޭންސުގެ ހައިސިއްޔަތުން ފުރަތަމަ 23 އަހަރު ދުވަހު ގަވަރުނަރުކަން ކުރުމުގެ ޝަރަފު ވަނީ ލިބިފައި،" މައުމޫން ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އެމްއެމްއޭ އުފެދުމުގެ ކުރިން ފައިސާގެ ކަންކަން ބެލެހެއްޓުމުގައި ގާނޫނީ ގޮތުން ބާރު ލިބިފައިވާ އެއްވެސް މުއައްސަސާއެއް ނެތް ކަމަށެވެ. ނަމަވެސް އެމްއެމްއޭ އުފެއްދުމަށްފަހު ދިވެހި ފައިސާގެ އަގު ހިފެހެއްޓިފައިވާ ހަރުދަނާކަން މިއީ ބޭރުގެ ތައުރީފު ލިބޭކަމެއް ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.

"އެހެންކަމުން މާލީ ސިޔާސަތުތައް ހިންގާނެ މަރުކަޒީ ބޭންކްއެއްގެ ބޭނުންވަނީ ޖެހިފައި، އެހެންވެ އެމްއެމްއޭގެ ގާނޫނު އެކުލަވާލާފައިވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް [އައިއެމްއެފް] ގެ އެހީތެރިކަމުގައި، އެމްއެމްއޭގެ މަގުސަދުތަކުގެ ތެރޭގައި ފައިސާ ނެރުމާއި ބޭރު ފައިސާގެ އަގު ބެލެހެއްޓުމާއި ދައުލަތުގެ ހަޒާރާ ބެލެހެއްޓުމާއި ރިޒާވް ބެހެއްޓުމާއި ދިވެހި ރުފިޔާގެ ބައިނަލްއަގުވާމީ އަގު ހިފެއްޓުން ވެސް ހިމެނޭ،" މައުމޫން ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވީ އެމްއެމްއޭގެ މުވައްޒިފުންނަކީ ދައުލަތުގެ ރަސްމީ ރިޒާވް ބަލަހައްޓައިދީ ދިވެހި ރުފިޔާގެ އަގު ހިފަހައްޓާ އަދި އެކްސްޗޭންޖް ރޭޓް އެއްހަމައެއްގައި ބެހެއްޓުމުގެ މަސައްކަތްކުރާ މީހުން ކަމަށެވެ.

"އެމްއެމްއޭގެ މުވައްޒިފުންނަކީ، ރާއްޖޭގައި ބޭންކުތަކާއި، އިންޝުއަރެންސް ކުންފުނިތަކާއި، އެހެނިހެން މާލީ ވިޔަފާރިތަކަށް ލައިސަންސްދީ ރެގިއުލޭޓް ކުރާ މީހުން، އެމްއެމްއޭގެ މުވައްޒިފުންނަކީ، މާލީ އަދި އިގްތިސާދީ ދާއިރާގެ ދިރާސާކޮށް، ތަފާސްހިސާބު އެއްކޮށް، އަދި ތަފާސްހިސާބު އެންމެނަށް ލިއްބައިދޭ މީހުން، އެމްއެމްއޭގެ މުވައްޒިފުންނަކީ ދައުލަތަށް ލިބޭ އެންމެހާ އާމްދަނީ، ޕަބްލިކް ބޭންކު އެކައުންޓްގައި ރައްކާކޮށް، އަދި ދައުލަތުން އަދާކުރަންޖެހޭ އެންމެހާ ހަރަދުތައް ކުރުމުގައި، ސަރުކާރުގެ ބޭންކުގެ ހައިސިއްޔަތުން ހިދުމަތް ފޯރުކޮށްދޭ މީހުން،" ގަވަރުނަރު ވިދާޅުވި އެވެ.

ގަވަރުނަރު އިތުރަށް ވިދާޅުވީ އެމްއެމްއޭ އިން 21 ވަނަ ގަރުނުގައި ބަވަނަވަމުންދާ ދުނިޔޭގައި މާލީ ދާއިރާއަށް އަންނަ ތަރައްގީއަށް އަހުލުވެރިވުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ.

"ޒަމާނީ ވިސްނުން ހުރީ ޑިޖިޓަލް ކަރަންސީ އާ ދިމާލަށް. އެހެންކަމުން އެމްއެމްއޭގެ ވެސް އަމާޒަކީ ޓެކްނޮލަޖީ ގޮތުން ކުރިއެރުންތައް ހޯދާ އިންގީލާބީ އަދި އީޖާދީ ބަދަލުތައް މި ދާއިރާއަށް ގެނައުން. އަޅުގަނޑުމެން އެންމެ އިސްކަމެއްދީގެން ކުރިއަށްގެންދާ އެއް މަޝްރޫއަކި މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް. މި މަޝްރޫއުގެ ތެރެއިން ރާއްޖޭގެ ފައިސާގެ މުއާމަލާތްތައްކުރުމުގައި ނަގުދު ފައިސާއަށް ބަރޯސާނުވެ އެންމެ ޒަމާނީ ފެންވަރުގައި ޑިޖިޓަލްކޮށް ބޭނުންކުރުމުޔގެ މަގު ފަހިވެގެންދާނެ. އަޅުގަނޑުމެންގެ އަމާޒަކީ އަންނަ އަހަރުގެ ތެރޭގައި މި ޕްރޮޖެކްޓް ނިންމާ، މި ލުއިފަސޭހަތައް ރައްޔިތުންނަށް ލިބިގެންދިއުން،" ނަސީރު ވިދާޅުވި އެވެ.

އެމްއެމްއޭ އިން ބޭއްވި ހާއްސަ ހަފުލާގައި ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ ދީފައިވެ އެވެ. މިގޮތުން މި ފިލާ 10 މީހަކަށް ލިބުނެވެ.