ވިޔަފާރި

އެންމެ ބޮޑު އެއް މައްސަލައަކީ އިގްތިސާދީ ހަމަހަމަކަން ނެތުން

ރާއްޖޭގެ އިގްތިސޯދުގައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ އިގްތިސޯދީ ހަމަހަމަކަން ނެތުން ކަމަށް ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވެއްޖެ އެވެ.

"މޯލްޑިވްސް ބިޒްނަސް ސްޓޭންޑަޑް" ނޫސް ނެރެން ރޭ ބޭއްވި ރަސްމިއްޔާތެއްގައި ގަވަރުނަރު ނަސީރު ވިދާޅުވީ ރާއްޖޭގައި އެންމެ ބޮޑު އެއް މައްސަލައަކީ "އިންކަމް އިން އީކްއަލިޓީ" އާއި "ވެލްތް އީކްއަލިޓީ" ނެތުން ކަމަށެވެ.

"ރާއްޖޭގައި އެންމެ ބޮޑު ގޮންޖެހުމަކީ އިގްތިސާދީގެ ހަމަހަމަކަމާއި އާމްދަނީގެ ހަމަހަމަކަމާއި މުއްސަނދިކަމުގެ ހަމަހަމަކަން، މުއްސަނދިންނާއި ފަގީރުންގެ ފަރަގު ބޮޑުވުން. ހަމައެއާއެކު ސިޔާސީ ހަމަހަމަކަން ވެސް ނެތުން. ސިޔާސީ ހަމަހަމަކަން ނެތުމޭ މި ބުނާ ސަބަބަކީ އަޅުގަނޑުމެން އެބަ ބޭނުންވޭ ރާއްޖޭގެ މައްސަލަތަކާއި ރާއްޖޭގައި ހުރި އިގްތިސޯދީ ގޮންޖެހުންތަކާބެހޭ ގޮތުން ރައްޔިތުންގެ ބައިވެރިން. މި ބައިވެރިވުން ގެނެވޭނީ ރާއްޖޭގައި ހުރި މައްސަލަތަކުގެ ފުންމިނާއި ވަށަމިން އެނގިގެން،" ނަސީރު ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ބޮޑު ގޮންޖެހުމަކީ އިގްތިސޯދީގެ ހަމަހަމަކަމާއި އާމްދަނީގެ ހަމަހަމަކަމާއި މުއްސަނދިކަމުގެ ހަމަހަމަކަން، މުއްސަނދިންނާއި ފަގީރުންގެ ފަރަގު ބޮޑުވުން. ހަމައެއާއެކު ސިޔާސީ ހަމަހަމަކަން ވެސް ނެތުން
އަހުމަދު ނަސީރު | ގަވަރުނަރު

ގަވަރުނަރު ވިދާޅުވީ އިގްތިސޯދީ ހަމަހަމަކަން ނެތުމަކީ ހަމައެކަނި ރާއްޖެއަށް ދިމާވެފައިވާ މައްސަލައެއް ނޫން ކަމަށެވެ. އެމެރިކާއި އާއި އިނގިރޭސިވިލާތް ފަދަ ގައުމުތަކުގައި ވެސް އެކަން ބޮޑުކަން ގަވަރުނަރު ފާހަގަ ކުރެއްވި އެވެ.

"ރާއްޖޭގައި ހުރި މައްސަލަތަކަށް ބަލާއިރު، ދުނިޔޭގެ އެހެން ގައުމުތަކާއި އަޅާ ބަލާއިރު ބޮޑެތި އެހެން ގައުމުތަކަށް ވުރެ ފަސޭހައިން މި ހަމަހަމަކަން ގެނެވިދާނެ. މިސާލަކަށް މޮރިޝަސް ފަދަ ގައުމުތަކަށް ބަލާއިރު އެ ގައުމަކީ ވެސް މާގިނަ ގުދުރަތީ ރައުސްމާލު ތަކެއް ހުރި ތަނެއް ނޫން. ނަމަވެސް، މޮރިޝަސްގެ 1.2 މިލިއަން އާބާދީގެ 87 ޕަސެންޓަކީ ބޯހިޔާވަހިކަން ލިބިފައި ތިބި މީހުން. އެ ގައުމަކީ އަޅުގަނޑުމެންނަށް ވުރެ ތިން އަހަރު ފަހުން މިނިވަންކަން ލިބުނު ގައުމެއް. ނަމަވެސް އެ ގައުމުގެ ޖީޑީޕީ ޕާކެޕިޓާ [ބޮލަކަށް ޖެހޭ އާމްދަނީގެ ނިސްބަތް] އުޅެނީ ރާއްޖެއާ ގާތްގަނޑަކަށް އެއްވަރަށް،" ނަސީރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މޮރިޝަސްގެ ޖީޑީޕީ 30 އަހަރު ތެރޭގައި ފަސް ޕަސެންޓަށް ވުރެ މަތިން އިތުރުވެފައިވާ ކަމަށެވެ.

"މޮރިޝަސްގެ ހުރިހާ ރައްޔިތުންނަށް ހިލޭ ތައުލީމާއި ސިއްހީ ހިދުމަތާއި ހިލޭ ޓްރާންސްޕޯޓު ލިބޭ. އަޅުގަނޑުމެންގެ އާބާދީ އަދި ފަސް ލައްކަ ހަމަނުވޭ. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިހާރު ހިލޭ ތައުލީމާއި ސިއްހީ ހިދުމަތް ލިބޭ. މިހާރު އެންމެ ބޮޑު އެއް މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ، މި ދަންނަވާ ސިޔާސީ މިނިވަން ކަމާއި އިގްތިސާދީ މިނިވަންކަން ހޯދުމަށް މި ކަމަށް މަސައްކަތް ކުރަން ޖެހޭ،" ނަސީރު ވިދާޅުވި އެވެ.

ސިންގަޕޫރުން، މިސާލު ޖައްސަވަމުން ގަވަރުނަރު ވިދާޅުވީ އެ ގައުމު ކުރިއަރައި ދިއުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ އިންސާނީ ވަސީލަތް ތަރައްގީ ކުރުން ކަމަށެވެ.

"ސިންގަޕޫރާއި މޮރިޝަސް އިން ވަނީ ސިއްހީ ހިދުމަތާއި އެޑިއުކޭޝަން އަދި ހޭލުންތެރި ކަމަށް މަސައްކަތްކޮށްފަ. އަޅުގަނޑުމެންގެ ގައުމުގައި ވެސް ހަމަހަމަކަން ގެންނަން އެބަޖެހޭ ވަރަށް މަސައްކަތް ކުރަން. ހޭލުންތެރި ކުރުވަން ވެސް ޖެހޭ،" ގަވަރުނަރު ވިދާޅުވި އެވެ.