ސަރުކާރުން ނަގާ ލޯނުތަކަށް ފައިސާ ދައްކަން އުފެއްދި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް) އަށް މި އަހަރުގެ މިހާތަނަށް ޖަމާކުރި އަދަދު ބޮޑުތަނުން ދަށްވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީގެ ހަފުތާގެ މާލީ ރިޕޯޓް ދައްކާ ގޮތުގައި މިދިޔަ މަހުގެ 25 ގެ ނިޔަލަށް ސޮވްރިން ފަންޑަށް ޖަމާ ކޮށްފައި ވަނީ 62.2 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރު ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރި މާޗު މަހުގެ ތެރޭގައި މި ފަންޑަށް 160.9 މިލިއަން ރުފިޔާ ޖަމާ ކޮށްފައިވެ އެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން ސޮވްރިން ފަންޑުގެ ބެލެންސުގައި ހުރީ 661.0 މިލިއަން ރުފިޔާ އެވެ. އަދި މި ފަންޑުގައި މިހާރު ޖުމްލަ ހުރި ކަމަށް ދައްކަނީ 3.3 ބިލިއަން ރުފިޔާ އެވެ.
އެސްޑީއެފް ފަންޑަކީ ކުއްލި ހާލަތުގައި ކުރިމަތި ވެދާނެ ކަމަކަށްޓަކައި އަދި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި އިގުތިސޯދަށް އަތުވެދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް ސަރުކާރުން އުފައްދާފައިވާ ހާއްސަ ފަންޑެކެވެ. އެސްޑީއެފް އުފެއްދީ 2017 ވަނަ އަހަރު އެވެ. މި ފައިސާ ޖަމާ ކުރަނީ 2017 ވަނަ އަހަރުން ފެށިގެން ނަގަމުން އަންނަ ވީއައިއޭ އިން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާ އެވެ.
ނަމަވެސް، އެސްޑީއެފް ފަންޑަށް އެކަށީގެންވާ ގޮތެއްގައި ފައިސާ ޖަމާ ނުކުރުމުގެ ޝަކުވާ ތަކެއް މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް ވަނީ ފާޅު ކުރައްވާފަ އެވެ.
ރައްޔިތުން މަޖިލީހުގައި މި އަހަރުގެ ބަޖެޓަށް މަރުކަޒީ ބޭންކުގެ ލަފާ ދެއްވަމުން ގަވަރުނަރު ވިދާޅުވެފައިވާ ގޮތުގައި އެ ފަންޑު ގާއިމް ކޮށްފައިވާ މަގުސަދަކީ ބޭރުގެ ފަރާތް ތަކުން ނަގާފައިވާ ސުކޫކް އާއި ބޮންޑު ފަދަ ތަކެތި އެ ފަންޑަށް ޖަމާކުރާ ފައިސާ އިން އަނބުރާ ދެއްކުމެވެ.